މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ތިންވަނަ ޖަލްސާ ފެށޭވަރުވީ ދެފަހަރެއްގެ މަތިން ކޯރަމް ހަމަވޭތޯ މަޑުކުރުމަށް ފަހުއެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވުމަށް ބަލަންޖެހޭ ވަގުތު ހަމަވިއިރު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 19 މެންބަރުންނެވެ. ކޯރަމްގެ ވަގުތުގެ ފަހުން ދެ މެންބަރުން ވަޑައިގެންނެވި ނަމަވެސް ޖަލަސާ ފެށޭވަރަށް ކޯރަމް ހަމަނުވާތީ އިތުރު 10 މިނެޓަށް މަޑުކުރުމަށްނިންމެވިއެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޕީޖީ ލީޑަރެއްވެސް އަދި ވިޕެއްވެސް ޖަލްސާގައި ވަޑައިގެންނެތް ކަމަށެވެ. އަދި އެވަގުތު ޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ ނަންފުޅު ވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި ސަލާމްގައި ތިއްބެވި މެންމަބަރުންނާއި ކަރަންޓީނުގައި ތިއްބެވި މެންބަރުންގެ ނަންފުޅުތައް ވެސް އިޢުލާންކުރެއްވިއެވެ. ކަރަންޓީނުގައި ތިއްބެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
ސަލާމުގައި ތިއްބެވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙަމޫދާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ހައިތަމް އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމާއި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޯރަމަކީ 25 އެވެ. ކޯރަމް ހަމަވެގެން ޖަލްސާ ފެށިއިރު ރިޔާސަތާ އެކު މަޖިލީހުގައި ވަޑައިގެން ތިއްބެވީ 25 މެންބަރުންނެވެ.