ކޮވިޑް-19 އާ ގުޅިގެން ޢާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރައްވައިފިއެވެ. މިބިލް މަޖިލީހުން ފާސްކުރެއްްވީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާއަކީ މިބިލުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުގައި ބޭއްވި ތިންވަނަ ޖަލްސާއެވެ. ކޯރަމް ހަމަނުވެ ބައިގަޑިއެއްހާ އިރު ފަހުން ފެށި މިޖަލްސާ މިއަދު ކުރިއަށް ގެންދެވީ ގަޑިއެއްހާ އިރަށެވެ. މިއަދުގެ ޖަލްސާއަކީ ބިލު ކޮމެޓީން ނިންމި ގޮތުގެ ރިޕޯރޓް ހުށަހަޅައި ބިލާމެދު ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާއެކެވެ.
ބިލަށް ކޮމެޓީން ގެނެސްފައިވަނީ މައިގަނޑު ހަތަރު އިޞްލާހެކެވެ. އޭގެ ތެެރެއިން އެންމެ މުހިންމު އެއް އިޞްލާހަކީ ލޯކަލްކައުންސިލް އިންހާބުގެ މުއްދަތުތައް ކުރުކުރެވޭ ގޮތަށް ބިލްގައި އޮތް މާއްދާ އުނި ކުރުމެވެ. މިމާއްދާ އުނިކޮށްފައި ވަނީ ޤާނޫނުގައިވާ މުއްދަތުތައް ކުރުކޮށްފިނަމަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ޒިންމާ އަދާކުރުމުގައި ދަތިތަކެއް ކުރިމަތި ވާނެކަމަށް އެކޮމިޝަނުން ކޮމެޓީގައި ފާހަގަކޮށްފައިވާތީކަމަށް ރިޕޯރޓް ހުށަހަޅުއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ނާއިބް މުޤައްރިިރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނުގައި ބުނާ މުއްދަތައް އިންތިޚާބު ނުބޭއްވިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ ޤާނޫނަށް އިޞްލާޙު ގެނެވޭނެ މާއްދާއެއް ބިލަށް ވަނީ އިތުރުކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ޚާއްސަ ޤާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމެވީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމަށް އެ ޤާނޫނުން ޖާގަ ނުދޭތީއެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދައަކާ ނުލައި އިންތިޚާބު ނުބޭއްވޭނެކަމަށް ޚާއްސަ ޤާނޫނުގައި ބުނެފައި ވާތީއެވެ. މިހާރު ޤާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން އެޗްޕީއޭގެ ހުއްދައެއް އިންތިޚާބު ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އިންތިޚާބު ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވާން ޖެހޭނެއެވެ. އިންތިޚާބު ބާއްވާ މުއްދަތު އިއުލާނު ކުރާތާ ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލައި އާއްމުކުރަންޖެހޭނެއެވެ. އަދި މިއުޞޫލުތައް ކަނޑައެޅުމުގައި މިނިވަން ކަމާއި ހަމަހަމަ ކަމާއެކު އިންތިޚާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެކަމަށް، ކޮމެޓީން ވަނީ ބިލަށް އިތުރު ކޮށްފައެވެ.
ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހުގައި ބުނާ ގޮތުން ގާނޫނަށް ގެންނަ އިސްލާހު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންްސް ކޮމިޝަނުން ފަށްޓަވަން ޖެހޭނެއެވެ. ނަމަވެސް އެމަސައްކަތް ކުރަން ފަށަންވާނީ މަދުވެގެން ތިން ދުވަސް ކުރިން އެކަން އިއުލާންކުރުމަށް ފަހުގައި ކަމަށްވެސް ޚާއްޞަ ޤާނޫނަށް ހުށަހެޅި އިޞްލާޙުގައި ވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 އަށް އިސްލާޙު ހުށަހެޅުއްވީ ސަރުކާާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.