ބޯގަންވިލާގެ ނަން ފުރޮޅެނީ – ބްރިގޭޑިއާ ވެސް މަލަކަށް

އަޅުގަނޑުމެން ކުޑައިރު ބޯގަންވިލާއަކީ ވަރަށް ނާމާން ގަހެއް ކަމަށް ބުނާތީ އަޑު އަހަމެވެ. ގޯތިތައް ފަޅުވާން ދިމާވާ ސަބަބެއް ކަމަށް ބުނެ ގޭގައި ހުރި ބޯގަންވިލާ ގަސްތައް ކަނޑަމުން ދިޔަ ހަނދާން އަޅުގަނޑު އެބަހުއްޓެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ބޯގަންވިލާގެ އެކި ކުލަކުލައިގެ ގަސް އަލުން ހައްދަން އައްޑޫ މީހުން ފެށިއެވެ.

އައްޑޫއަކީ އަބަދުވެސް ގަސް ހެއްދުމުގެ ފޯރި ބޮޑު ރަށެކެވެ. ޚާއްސަކޮށް ބިން ބޮޑު ގޭގޭގައި ގޯތި ތެރެއިން ބައެއް ބަގީޗާއަށް ޚާއްސަކޮށް، ތަރުކާރީއާއި މޭވާ އަޅާ ގަހާއި މާ އަޅާ ގަސް ހައްދައެވެ. ކޯވިޑް ދުވަސްވަރު ރާއްޖޭގައި ގަސް ހެއްދުމުގެ ފޯރި ގަދަވެގެން ދިއުމުގެ މާކުރިން ވެސް އައްޑޫގައި ފުޅާ ދާއިރާއެއްގައި ގަހުގެ ވިޔަފާރި ކުރެއެވެ. ގަސްގަހުގެ ނަންތަކަށް ވެސް މީހުން އެހައި ފަރިތަވާނެއެވެ. އޯކިޑާއި، ކްރޮޓޯންސްއާއި މާ އަޅާ ގަސްގަހާއި، މޭވާއާއި ތަރުކާރީގެ ބާވަތްތައް ނަން ހުސްކޮށް އައްޑޫގެ ގިނަ ގޭގޭގައި ހުރެއެވެ. ފުރަބަންދާ ގުޅިގެން ވަކި އިތުރަކަށް ގަހުގެ ވިޔަފާރި ނުވަތަ ގަސް ހެއްދުމުގެ ފޯރި އިތުރުވީ ހެނެއް ހިއެއް ނުވެއެވެ.  

ކުރިން ފާހަގަކުރި ފަދައިން ގިނަ ބަޔަކު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބޯގަންވިލާ ހެއްދުމަށެވެ. ގަސް ހެއްދުމުގެ ފޯރިއާ އެއްވަރަށް އެއްގެއިން އަނެއް ގޭގެ ބަގީޗާތަކަށް ޒިޔާރަތް ކުރުމާއި، އެއްގެއެއްގައި ނެތް ކުލަކުލައިގެ ގަސް އަނެއް ގެއިން ގެންދިއުމަކީ ވެސް ކުރިއްސުރެ އޮންނަ ކަމެކެވެ. ބޯގަންވިލާ ހެއްދުން އާއްމުވެފައިވާ އިރު އެންމެ ބޮޑަށް އަޅައިގަތް ކަމަކީ ގަހަށް ކިޔާ ނަންނަމެވެ.  

ކުރިން ދެންނެވިހެން ގެއަށް އައި މީހަކު މީ ފައުޒިއްޔާ ގަހެއްހޭ، މިއީ ބްރިގޭޑިއާ ގަހެއް ކިޔައި ސުވާލުކުރާ އަޑު އިވުނެވެ. ބްރިގޭޑިއާ ގަހަކީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީން ގައުމީ ދިފާއީ ބާރުގައި ގިނަދުވަސްތަކަކަށް ޚިދުމަތްކުރެއްވި ބްރިގޭޑިއަރ ޖެނެރަލް (ރޓޑ.) އިބްރާހީމް މުޙައްމަދް ދީދީ ގެ ގެސްޓު ހައުސް، 'ޕެބްލްސް އިން' ގައި ހުންނަ ބޯގަންވިލާ ގަހުގެ ބާވަތަށް ކިޔާ ނަމެވެ. އެކުލައިގެ މާފޮޅޭ ބޯގަންވިލާ ހުރިހާ ގަހަކީ 'ބްރިގޭޑިއާ' އެވެ. ހުދުކުލައިގެ އެމަލުގައި ހުންނަނީ މަޑުމަޑު އޮރެންޖު ކުލައަކާއި ފިޔާތޮށި ކުލައެކެވެ.  

ފައުޒިއްޔާ މަލަކީ ރަށުގައި ވަރަށް ކުރީއްސުރެ ގަސް ހައްދަމުން އަންނަ ފައުޒިއްޔާގެ ގޭގައި ހުންނަ ބޯގަންވިލާގެ ބާވަތަށް ކިޔާ ނަމެވެ. މި ބާވަތަށް ނަންކިޔާފައި މިވަނީ ފައުޒިއްޔާއަށް ނިސްބަތް ކޮށެވެ. މި ގަހުގެ ފޮޓޯއެއް އަތުޖެހޭ ވަރެއް ނުވިއެވެ.

'ބިއްލޫރި'

'މޮލަކި ގެހާ' އަކީ ފުވައްމުލަކުން ހިތަދުއަށް ގެންދިޔަ ބޯގަންވިލާ ގަހަކަށް ކިޔާ ނަމެވެ. މިގަހުގެ ފަތްތަކުގައި ހުންނަނީ ފެހިކުލައާއި ރީނދޫ ކުލައެވެ. މަލުގައި ހުންނަނީ ދަނބުކުލައެކެވެ. މި ގަހުގައި ބައެއްފަހަރު ހުދު ކުލައިގެ މަލާއި ދަނބުކުލައިގެ މާ އަޅައެވެ.

މޮލަކި ގެހާ

'ޖޭމުގޭ ގެހާ' އަކީ އެރަށު ޖޭމުގޭ ގައި ހުންނަ ބޯގަންވިލާއަށް ކިޔާ ނަމެވެ. މިގަހަށް ރަށު މީހުން ނަންކިޔަނީ ގަސް ހުރި ގެއަށް ނިސްބަތްކޮށެވެ. އެގަސް ހުންނަނީ އެރަށު ޖޭމުގޭ ގައެވެ. މި ގަހުގެ މާތައް ހުންނަނީ ހުދާއި ފިޔާތޮށި ކުލައިގައެވެ. ފިޔާތޮށީކުލަ ހުންނަނީ މަލުގެ މެދުތެރޭގައެވެ.

'ޖޭމުގޭ ގެހާ'

މީގެ އިތުރަށް ގުލާބީ ގަހުގެ މަލުގައި ބޮޑަށް ފެންނަނީ މަޑު ފިޔާތޮށި ނުވަތަ ދަނބު ކުލައެކެވެ. މަލުގެ ފިޔައިގެ ކައިރިފަށުގައި ހުންނަނީ ކުލަ ގޮސްފައި ހުންނަ ކަހަލަ ގޮތަކަށެވެ. 'ބިއްލޫރި' ގަސް ހުންނަނީ ވެސް ގުލާބީ މަލާ ދާދި އެއްގޮތަކަށެވެ. ނަމަވެސް މި މަލުގައި ހުންނަނީ ފިނިފެންމަލުގައި ހުންނަ ފިޔާތޮށިކުލައެކެވެ. ހުދު ކުލަ ހުންނަނީ މަލުގެ މެދުގައެވެ.

'ގުލާބީ'

މީގެ އިތުރަށް 'ރޯސް ސިރަޕް' އާއި، 'ލިޕްސްޓިކް' އާއި ތަފާތު ނަންނަމުން ބޯގަންވިލާއަށް ނަންކިޔައި މިނަންނަން ވަނީ ވައިގައި ހިފާފައެވެ. އަދި އަތޮޅުގެ އެހެން ރަށްރަށަށް ވެސް މި ނަންނަންވަނީ އާއްމުވެފައެވެ.

'ލިޕްސްޓިކް' - ފޮޓޯ: ޑރ. އަޙްމަދް ޖަމްޝީދު (@ahmedjamsheed)

އެކި ކުލަކުލައިގެ މަލަށް އެކި ނަން ކިޔަސް ގަހަށް ފަރިތަވެގެން ނޫނީ އެ ތަފާތު ފާހަގަކުރާން ނޭނގިދާނެއެވެ. ތަފާތު ނޭނގޭ މީހަކަށް ކޮންމެ ގަހެއްވެސް ވާނީ ބޯގަންވިލާ އަށެވެ. އަޅުގަނޑަށް ވެސް ބައެއް ގަސްގަހުގެ ތަފާތު ފާހަގަކުރާކަށް އަދިއެއް ނޭނގެއެވެ.

ގަސްގަހުގެ އިތުރަށް ރަށުގެ ބައެއް ހިސާބުތަކުގައި ވަރަށް އާއްމު ފަންޏަކަށް ވެސް މިހާރު ނަމެއް ކިޔައެވެ. އެފަންޏަށް ނަންކިޔާފައިވަނީ އޭގެ ދުވެއްޔާއި ސިފައާ ގުޅުވައިގެންނެވެ. އެ ފަންޏަށް އައްޑޫ މީހުން ކިޔަނީ ރޭލު ފަންޏެވެ. ފަނި އޮންނަގޮތް ރޭލަކާ ވައްތަރުވެފައި ބާރަށް ދުވާތީއެވެ.

'ރޭލު ފަނި'

މިގޮތަށް ތަކެއްޗަށާއި އެއްޗެއްސަށް ނަންކިޔުމަކީ އައު ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހިނގާ ކަމެކެވެ.

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.