ކެލިފޯނިޔާގައި މޮޑާނާގެ ވެކްސިންޖެހުން މެދުކަނޑާލަން އަންގައިފި

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓުގައި ޖަހަން ތައްޔާރުކޮށްފައި ހުރި ކޮވިޑް-19 ގެ ވެކްސިންގެ 3 ލައްކަ ޑޯޒް ޖެހުން މެދުކަނޑާލުމަށް އެ ސްޓޭޓުގެ އެޕިޑެމިއޮލޮޖިސްޓް އަންގަވައިފިއެވެ. އެއީ މޮޑާނާއިން އުފައްދާފައިވާ ވެކްސިން ޖެހުމަށް ފަހު ބައެއް މީހުންނަށް ވަރަށް ބޮަޑަށް އެލާޖިކްވެގެން ދިމާވާ ފަދަ މައްސަލަަތެކެއް ދިމާވެގެން ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވާތީއެވެ.

އެޕިޑެމިއޮލޮޖިސްޓް ޑރ. އެރިކާ އެސް. ޕޭން މިފަދައިން އަންގަވާފައި ވަނީ މޮޑާނާގެ ބައެއް ބެޗްތަކުގެ ވެކްސިންގެ މައްސަލަ އެ ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުންނާއި، މޮޑާނާ ކުންފުންނިންނާއި، ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިންނާއި، ފުޑް އެެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ތަހުގީގުކޮށް ނިމެންދެނެވެ.

"ވަރަށް ބޮޑަށް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނާއި، ވެކްސިން ލިބެން ހުރި މިންވަރު މަދުކަމުން، ވެކްސިން ބޭނުންކުރާ ފަރާތަކަަށް އަހަރުމެން އިރުޝާދު މިދެނީ ލިބެންހުރި އެެހެން ވެކްސިނެއް ބޭނުންކުރުމަށް." ޕޭން ނެރެއްވި ބަޔާނެއްގައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުުގައި މޮޑާނާގެ ވެކްސިންގެ 3 ލައްކަ 30 ހާސް ޑޯޒް ޖަނަވަރީ 5 އާ 12 އާ ދެމެދު ކެލިފޯނިޔާއަށް ލިބިގެން ވެކްސިން ފޯރުކޮށްދޭ 287 ފަރާތަކަށް ދޫކޮށްފައިވާ ކަމުގައެވެ.

މި ވެކްސިން ޖެހި މީހުންގެ ތެރޭން 10 ވަރަކަށް މީހުން 24 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލްތަކުން ފަރުވާ ހޯދަން ޖެހިފައި ވެއެވެ.

ސާން ޑިއޭގޯގެ ވެކްސިންޖަހާ މަރުކަޒަކުުން ވެކްސިން ޖެހި ހަ ސިއްހީ ޚިދުމަތްތެރިއަކަށް ސިއްހީ މައްސަލަތަކެއް ދިމާވެގެެން އެ މަރުކަޒު ބަންދުކޮށްފައިވާ ކަމަށް ކެލިފޯނިޔާގެ ޓީވީ ސްޓޭޝަނަކުން ބުނެފައި ވެއެވެ.

އެހެންނަަމަވެސް، ޕޭން ވިދާޅުވި ގޮތުގައި ވެކްސިން ޖަހައިގެން ނޭވާ ހާސްވުމާއި، ލޭގެ ޕްރެޝަރު އާދަޔާއި ޚިލާފަށް ދަށްވުން ފަދަ މައްސަލަތައް ދިމާމުވުމުގެ ފުރުސަތު އޮންނަނީ 1 ލައްކަ މީހުންގެ ތެރޭން އެކަކަށެވެ.

ސީޑީސީން ބުނެފައިވާ ގޮތުގައި 40 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ކެލިފޯނިޔާއަށް 3.5 މިލިއަން ޑޯޒް ވެކްސިން ލިބިފައިވާއިރު އޭގެ ތެރޭން ޖެހިފައި ވަނީ ތިންބައިކުޅަ އެއްބައި ވެކްސިނެވެ.

އެމެރިކާގެ އެންމެ ބޮޑު ސްޓޭޓް، ކެލިފޯނިޔާގައި، ފާއިތުވި ދެ ހަފުތާގައި އެެވްރެޖްކޮށް ދުވާލަކު 40 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 500 މީހުން މަރުވެފައި ވެއެެވެ. ކޮވިޑް-19 ގެ ބަވާ ފެތުރެން ފެށިގެން ފެށިފަހުން އެ ސްޓޭޓުގެ 3 މިލިއަނެއްހާ މީހުންނަށް އެ ބަލި ޖެހި 33 ހާސް މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.