ހިލޭސާބަހަށް ފަތަން ދަސްކޮށް ދިނުމުގައި ވަރުބަލިވުމެއް ނެތި!

ހިލޭސާބަހަށް ނުވަތަ ދަރުމައަށް ކަންކަން ކޮށްދޭ މީހުންގެ ވާހަކަ ދައްކާނަމަ، ނައުފަލު މޫސާ ނުަވަތަ "ނައުފަލުކޯޗުގެ" ނަން ލިސްޓްގެ ކުރިއަށް ނާރާ ނުދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުޅިވަރުގެ  ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ނައުފަލަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވަނީ ވެސް އޭނާ އެދާއިރާއިން ކުރި ބުރަމަސައްކަތުންކަން ކަށަވަރެވެ. 

ދާއިރާއަށް ނައުފަލު ނުކުތީ އަޙްމަދިއްޔާ ސްކޫލުގެ 16 އަހަރުން ދަށުގެ ފެތުންތެރިއެއްގެ ގޮތުގައެވެ.  ކޯޗިންގެ މަސައްކަތް ފެށީ ދެހާސްވަނަ އަހަރުއެވެ. އޭނާވަނީ ހެންވޭރު އާޓިފިޝަލް ބީޗްގައި ލައިފްގާޑެއްގެ ވަޒީފާވެސް އަދާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އިންޓަނޭޝަނަލް ބައެއް ސްލޫތަކުގެ ހެޑްކޯޗުކަމާއި ބައެއް ކުލަބުތަކުގެ ހެޑް ކޯޗުކަންވެސް ކޮށްފައެވެ. ފެތުމުގެ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ނައުފަލު ވަނީ ރާއްޖެ ތަމްސީލު ކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ބައެއް ތަމްރީނުތައްވެސް ވަނީ ފުރިހަމަ ކޮށްފައެވެ.

2019 ވަނަ އަހަރު ޓީޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ބޭސްފަރުވާއަށް އިންޑިއާގައި ހުރި ދުވަސްކޮޅު ފިޔަވައި ފަތަން ދަސްކޮށްދިނުމާ ދުރަށް ދިޔަ ދުވަސް ކޮޅެއް ނައުފަލު ހަނދާނަކަށް ނާދެއެވެ. އެދުވަސްކޮޅުގެ މެދު ކެނޑުމަށްފަހު އަނެއްކާވެސް، ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނައުފަލު މިވަނީ " މެކުހަކަށް" ޖައްސައިލައިފައެވެ. ކުރިން އާއްމުކޮށް އޭނާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިފައިވަނީ މާލޭގައެވެ. ނަމަވެސް ނައުފަލު މިހާރު ހުރީ އޭނާގެ އުފަން އަތޮޅުކަމުގައިވާ އަރިއަތޮޅު އުތުރުބުރީގައި ފަތަން ދަސްކޮށްދިނުމުގެ ހަރަކާތެއް ހިންގުމަށް، އެއަތޮޅުގައެވެ. 

އަމިއްލަ އިސްނެގުމަށް ފުލުހުންނާއި އެއަތޮޅު ކައުންސިލާ ގުޅިގެން ނައުފަލު ހިންގާ "އަރިއުތުރު ސްވިމިންގ ޕްރޮގްރާމް" އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް ހަތަރު ރަށެއްގައި 300 އެއްހާ ކުދިންނަށް އޭނާ ވަނީ ފަތަން ދަސްކޮށްދީފައެވެ. މިހާތަނަށް ޕްރޮގްރާމް ހިންގައި ނިމިފައިވަނީ ފުޅަދޫ އުކުޅަސް، ރަސްދޫ އަދި މަތިވެރީގައެވެ. ނައުފަލު މިހާރު ހުރީ ހިމަންދޫގައެވެ. ހިމަންދޫގައި ސަތޭކައެއްހާ ކުދިން ބައިވެރިވާތީ އެކުދިންނަށް ފަތަން ދަސްކޮށްދިނުމުގައި ނައުފަލު ދަނީ ފުލުހުންގެ އެހީތެރިކަންވެސް ހޯދަމުންނެވެ. ކޮންމެ ރަށެއްގައި ނައުފަލު ހޭދަކުރަނީ 10 ވަރަކަށް ދުވަހެވެ. 

"އަރި އުތުރު ސްވިމިންގ ޕްރޮގްރާމް" ހިންގުމަށްޓަކައި ނައުފަލު އަރި އަތޮޅު އުތުރު ބުރީގައި އުޅޭތާ މިހާރު ވަނީ ދެމަހެއްހާ ދުވަސްވެފައެވެ. އޭނާ އެ އަތޮޅުގައި ހުރުމުގެ ކަންކަން ހަމަޖައްސަވައި ދެއްވައިފައި ވަނީ ފުލުހުންނާއި އަތޮޅު ކައުންސިލް ގުޅިގެންނެވެ. ނައުފަލު ބުނީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އޭނާއަށް އެފަދަ އެހީތެރިކަން ފޯރުކޮށްދޭނަމަ އެބަޔަކާ ގުޅިގެން ހިލޭސާބަހަށް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް، ތައްޔާރަށް ހުރި ކަމަށެވެ.  ނަމަވެސް "އަރިއުތުރު ސްވިމިންގ ޕްރޮގްރާމް"  ނިންމާލުމަށް ފަހު ސްވިމިންގ އެސޯސިއޭޝަންގެ އެދި ވަޑައިގެންނެވުމަށް ޅ. ނައިފަރާއި ހިންނަވަރުގައި ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ނައުފަލުގެ "ބިޒީ" ތާވަލުން ވަނީ  ވަގުތު ހުސްކޮށްފައެވެ. 

"އަރި އުތުރު ސްވިމިންގ ޕްރޮގްރާމް " ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓާއި މެޑެލް ވެސް ދެމުން ދަނީ ނައުފަލުގެ އަމިއްލަ ޚަރަދުގައެވެ. އަމިއްލަ ޝައުގާއެކު އެކަމަށް ހުންނަ "ފުން" ލޯތްބަކުން ނޫނީ ހިލޭސާބަހަށް ފަތަން ދަސްކޮށް ދިނުމަށްފަހު އަމިއްލަ ޖީބުން މިފަދަ ހޭދައެއްކޮށްގެން،  އެފަދަ ހަރަކާތްތެއް އެގޮތަށް ކުރިއަށް ނުގެންދެވޭނެކަން ކަށަވަރެވެ. 

ހިލޭސާބަހަށް ފަތަން ދަސްކޮށްދެނީ ރާއްޖެއަކީ  ވަށައިގެން ކަނޑު އަޮންނަ ގައުމަކަށް ވުމުން މޫދުގައި އުޅޭނެ ރައްކާތެރި ގޮތަކީ ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭކަމެއް ކަމަށް ނައުފަލު ގަބޫލުކުރާތީކަން އޭނާގެ ވާހަކައިން ފާހަގަ ކުރެވުނެވެ.  އޭނާ ހަމައެކަނި ފަތަން ދަސްކޮށްދީފައި ނިންމާލަނީކީ ނޫނެވެ. މޫދުގައި އުޅޭނެ ރައްކާތެރި ގޮތް އޭނާ ފަތަން ދަސްކޮށްދޭ ކުދިންނަށް ކިޔައިދީ އުގަންނައިދެއެވެ. 

ނައުފަލު ފަދަ ހިލޭސާބަހަށް މިފަދަ ޚިދުމަތް ދޭ ޒުވާނަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުގެ ތެރެއިންނާއި ފަރުދުން ފެންވަރުގައިވެސް ދިނުމަކީ އެކަމުގެ މަންފާ މުޖުތައަށް ނުކޮށް ނުދާނެ އަގު ހުރި އިންވެސްޓްމަންޓަކަށް ނޫނީ ނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.