މިހާރު ރާއްޖޭގައި ހިންގަމުންދާ ރިސޯރޓްތަކުގެ ޢަދަދަށް ބަލާއިރު އާމު އޮޕަރޭޝަންތަކުން ރަަށްތައް ހިނގާނަމަ ދުވާލަކު 390 ޓަނުގެ ކުނި އުފައްދާނެކަމަށް އަންދާޒާކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހިުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމެޓީގެ މުޤައްރިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭގެތެރެއިން 233 ޓަނު ކުންޏަކީ ޤަވާއިދުން ޖާގަލިބިގެން މޫދަށް އުކާލެވޭ ޒާތުގެ ކުނި ނުވަތަ ނެތިފަނާވާޒާތުގެ ކުނިކަމަށް ވެސް އަންދާޒާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ސަލީމް މިއަންދާޒާތައް ހާމަކުރެއްވީ ބަައެއް ރިސޯރޓްތަކުން މޫދަށް ކުނިއަޅާ މައްސަލައަށް ހައްލެއްް ހޯދުމަށް ގުޅުން ހުރި އިދާރާތަކާ އެކު އެކޮމެޓީން މިއަދު ބޭއްވި ބައްދަލު ވުމުގައެވެ. ފަންސާސް އިންސައްތަ އޮކިއުޕެންސީ ގައި ރިސޯޓްތައް ހިންގި ނަމަވެސް 116 ޓަނުގެ އޯގަނިކް ވޭސްޓް ދުވާލެއްގެ މައްޗަށް ރިސޯރޓްތަކުން އުފައްދާކަމަށް އެކްސްޕާޓުން އަންދާޒާކުރައްވާ ކަމަށް، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރު މެންބަރު ވިދާޅުވިއެވެ. ނަމަވެސް މި އަންދާޒާ ތަކުގައި ރިސޯޓްތައް ފިޔަވައި ޓޫރިޒަމްގެ ޚިދުމަތްދޭ އެހެން ފެސިލިޓީތައް ހިމަނައިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.
މެމްބަރު ސަލީމް ވިދާޅުވީ ގިނަ ޢަދަދަތަށް އުފެދޭ އޯގަނިކް ކުނި މޫދަށް އެޅުމުފެ ފުރުޞަތު ޤަވާއިދަކުން ލިބިގެންދާކަމަށެވެ. އެޤަވާއިދާކީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤަވާއިދެވެ. އެޤަވާއިދުގައިވާ މާއްދާއަކުން މޫދަށް އެބާވަތުގެ ކުނި އެޅުމުގެ ބާރު ލިބިދޭކަން ފާހަގަ ކުރެއްވިއެވެ. އެޤަވާއިދުގެ 5.3.3 ގައި ބުނެފައިވަނީ ކައިރިހިސާބެއްގައި ކުނި އުކާލެވޭނެ ގޮތެއް ނެތި ކުނި ކަނޑަށް އަޅަން ޖެހިއްޖެނަމަ، އުކާލެވޭނީ ހަމަކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުންއަމިއްލައަށް ފަނާވެ ނެތިގެންދާނެ ބަޔޯޑިގްރޭޑިބަލް ތަކެތިކަމަށެވެ. އެގޮތަށް އުކާލެވޭ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލާ ރަށަށް ނުލައްގާނެ ގޮތަކަށް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަޓީން ފާހަގަ ކުރެއްވި ގޮތުގައި ކުނި އުކާލުމުގެ މަސައްކަތް ރިސޯރޓްތަކުން ވެސް ކުރަނީ ތަފާތު އެކި ފަރާތްތަކާ ޙަވާލުކޮށްގެންކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެޚިދުމަތްދޭ ފަރާތްތަކުންވެސް އެކަމުގައި ޒިންމާވާންޖެހޭނެކަމަށް ފާހަގަ ކުރެއްވިއެވެ. ފަތުރުވެރިކަމުގެ ޚިދުމަތް ދެނީ ހަމައެކަނި ރިސޯޓްތަކުން ނޫންކަމަށާއި ޓޫރިސްޓް އެހެން ފެސިލިޓީތަކުގެ ނަން ނައިސް ރިސޯޓްތަކުގެ ނަން އައުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. ރިސޯރޓްތަކުން ތިމާވެށީގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭކަމަށް ވެސް މަޓީން ފާހަގަ ކުރެއްވިއެވެ. މަޓީން ފާހަގަކުރެއްވީ ޓޫރިސްޓް ރިސޯޓްގޮތުގައި މިހާރުވެސް 100 އެއްހާ ރިސޯޓް ތަރައްޤީ ކުރަމުންދާ އިރު އެތަންތަނުގައި އުފެދޭ ކުނި އުލާވޭ ގޮތާއި ޓޫރިސްޓް ފެސިިލިޓީތަކުގެ އިތުރުން އެހެން އިންޑަސްޓްރީތަކުންވެސް ގިނަ ޢަދަކަށްކުނި އުފައްދާއިރު އެކުނި އުކާލެވޭ ގޮތްވެސް ބަލަން ޖެހޭ ކަމަށެވެ.
މިބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ނާއިބް އައްސަދު ރިޒާ ވިދާޅުވީ 2019 އިން ފެށިގެން ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. ނަމަވެސް މޫދަށް ކުނި އެޅުން ހުއްޓާލުމަށް އެމިނިސްޓްރީން ސާރކިއުލާއަކުން ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް އަންގައިފައިވާ ނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭގައި ޤަވާއިދު އިޞްލާޙުކޮށް ގެޒެޓްގައި ސާއިޢުކުރެވޭނެކަމަށް ވިދާޅުވިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، މޫދަށް ކުނި ނޭޅުމަށް ޓޫރިޒަމް މިނިސްޓްރީން އެންގިނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެ މައްސަލަ ހައްލުވާނީ ޤަވާއިދުގައި ހުރި "ލޫޕްހޯލް" ތައް ނުވަތަ ފުށޫއެރުންތައް ނައްތާލައިގެން ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބަދުﷲނަސީރު ވިދާޅުވީ ރިސޯރޓްތަކުން މޫދަށް ކުނި އެޅުމުގެ މަސައްލަ ހައްލުކުރުމަށް ޤަވާއިދުގައިވާ "ލޫޕުހޯލް" ބައްދަން ޖެހޭ ކަމަށެވެ. އެކަމަށް ގެންނެވޭނެ އެންމެ އަވަސް އަދި ވަގުތީ ހައްލަކީ ޤަވާއިދުގައި ބުނާ އެމާއްދާ އުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ކުރަންޖެހޭ އެެހެން ކަންވެސް ހުރިކަން ފާހަގަ ކުރެއްވިއެެވެ.
ވެމްކޯގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރު ތިލަފުށްޓަށް ކުނި އުފުލައިފައިވަނީ 100 ރިސޯރޓުން ކަމަށެވެ. އެހެން ކަމުން 60 ރިސޯރޓުން ތިލަފުށްޓަށް ކުނި ނުގެންނަ ކަމަށެވެ. ރިސޯރޓްތަކުގެ ކުނި ތިލަފުށްޓަށް އުފުލަމުން ދަނީ ވެސް ދޯނި ފަހަރުގައި ކުނި އުފުލުމުގެ މިންގަނޑާ ހިލާފަށްކަމަށް ފާހަގަ ކުރެއްވިއެވެ. ކުނިތައް ބަނދު ނުކޮށް އުފުލުމުން ކަނޑަށް ކުނި އެޅުމުގެ ފުރުޞަތު ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ. ވެމްކޯގެ ބެލުމުގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ހަމަކަނި ތިލަފުށީގައި ކަން ވެސް ފާހަގަ ކުރެއްވިއެވެ.