ރިސޯޓު މުވައްޒަފުންގެ މެދުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައި ވީނަމަވެސް ފަތުރުވެރިއެއްގެ ފަރާތުން މުވައްޒަފުންނަށް ބަލި ޖެހުނުކަން އެނގޭކަށް ނެތްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިހާރަކަށް އައިސް ރިސޯޓު މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ފަތުރުވެރިން ބައްޔަށް ޕޮޒިޓިވްވާ ޢަދަދަދު ހުރީ ކުރިއެކޭ އެއް ގޮތަށެވެ. އިއްޔެއެކަނިވެސް ރިޒޯޓްތަކުން 28 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޢަލީ ރައްޒާން ވަނީ ރިސޯޓް މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފުން ވަރަށް ފުރިހަމަ އަށް ގައިޑްލައިންނަށް ތަބާވާކަން ރައްޒާން ފާހަގަ ކުރެއްވިއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްފަހު ސްޓާފުއޭރިއާގައި ވެސް ގައިޑްލައިންތަކަމަށް ތަބާވުމަށް ރައްޒާން އިލްތިމާސް ކުރެއްވިއެވެ. ރިސޯޓްތަކަށް މުވައްޒަފުން ދިއުމަށްފަހު ކަރަންޓީން ފުރިހަމަ ކޮށްފައި ނޫނީ ޚިދުމަތަށް ނުނުކުތުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"އަޅުގަނޑުމެން އިލްތިމާސް މިކުރަނީ ގައިޑްލައިންތަކުގައި ހުރި ކަންތައް ފޮލޯ ކޮށް، ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުންނާއި މާލެ ސަރަހައްދުން ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުންގެ ކަރަންޓީނު ކަންތައް އެ އޮންނަ ރަނގަޅު ގޮތުގައި ކުރުމަށް، 10 ދުވަހުގެ މެންޑޭޓަރީ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓު ނުވެ، ފުރިހަމަ ކޮށް ޓެސްޓު ކޮށް ނެގެޓިވް ނަތީޖާ އަކާއެކު ނޫނީ މަސައްކަތުގެ މާހައުލަށް، ނެރެގެން ނުވާނޭ. އެކަން ކަށަވަރު ކުރެވޭނަމަ މުވައްޒަފުންގެ މެދުގައި ބަލި ފެތުރުން ނާދިރު ކަމަކަށް ވާނެ،" ރައްޒާން ވިދާޅުވި އެވެ.
ރައްޒާން ވިދާޅުވީ މުވައްޒަފުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުުރުވާނަމަ ރިސޯޓު ހިންގަން ދަތިވާނެ ކަމަށެވެ. ކޭސްތައް ގިނަވެ، ރިސޯޓުން ރައްކާތެރިކަމާއެކު ހިދުމަތް ނުދެވޭނެ ކަމަށް ފެނިއްޖެ ނަމަ، އެ ރިސޯޓަށް އަރައި ފޭބުން ހުއްޓުވާނެ ކަމަށެވެ. އަދި އެ ރިސޯޓަކަށް ދިޔުމަށް ބުކިން ހައްދާފައި ތިބޭ ޓޫރިސްޓުން އެހެން ތަނަކަށް ބަދަލުކޮށް، ރިސޯޓްގައި ތިބި ފަތުރުވެރިންގެ ފުރުމުގެކަންކަން ހަމަޖައްސުންފަދަ އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން ރައްޒާން ފާހަގަ ކުރެއްވިއެވެ. މިފަދަ ޙާލަތަކަށް ދާންޖެހިއްޖެނަމަ ރިސޯޓް ފެސިލިޓީ ތަކަށް ލިބޭނެ ގެއްލުން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ރިސޯޓް ފެސިލިޓީތަކުގެ މެނޭޖްމެންޓްތައް ކަމަށް ފާހަގަ ކުރެއްވިއެވެ. ޕޮޒިޓިވްވާ ފަރާތްތަކުގެ 14 ދުވަހާއި ކޮންޓެކްޓުންގެ ކަރަންޓީނާ، ދެން ހަދާ އެކްޓިވް ސަވައިލަންސް އިން އަންނަ ކޭސްތަކުގެ ކަރަންޓީނާ އެކީގައި މަހެއް ހައި ދުވަސް ރަށަށް ފަތުރުވެރިން ނުގެނެވި ހުންނަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކޯވިޑުުން ރައްކާތެރިވުމުގެ ގައިޑްލައިން ތަކަށް އަމަލު ކުރުމަށް ރައްޒާން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ.