ކާބުލްގައި ދިން ހަމަލާއެއްގައި އަންހެން ދެ ފަނޑިޔާރުން އަވަހާރަކޮށްލައިފި

ކާބުލްގައި ދިން ހަމަލާއެއްގައި ދިން ހަމަލާއެއްގައި ހަލާކުވެފައިވާ އުޅަނދެއް ނަގަނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަންހެން ދެ ފަނޑިޔާރަކަށް ހަމަލާދީ އަވަހާރަކޮށްލައިފިއެެވެ. ސުޕްރީމް ކޯޓުގައި މަސައްކަތްޕުޅުކުރައްވާ ދެ ފަނޑިޔާރުން އަވަހާރަކޮށްލާފައި ވަނީ މިއަދު ހެނދުނު އޮފީހަށް ވަޑައިގަންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައެވެ.

ސުޕްރީމް ކޯޓުގެ ތަރުޖަމާނު އަޙްމަދު ފާހިމް ޤަވީމް މަޢުލޫމާތު ދެއްވި ގޮތުގައި އަންހެން ދެ ފަނޑިޔާރުންނަށް ހަމަލާދީފައި ވަނީ ކޯޓުގެ އުޅަނދެއްގައި އޮފީހަށް ވަޑައިގަންނަަވަނިކޮށެވެ.

"ހިތާމައާއެކު ދަންނަވަން ޖެހެނީ، މިއަދު ދެ ފަނޑިޔާރުން އަަހަރުމެންނާ ވަކިވެވަޑައިގެންފައި ވާކަމުގައި. އެ ދެބޭފުޅުންގެ ޑްރައިވަރު ވަނީ ޒަޚަމްވެފައި." ޤަވީމް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ދަށުގައި 200 ވަރަކަށް އަންހެން ފަނޑިޔާރުން މަަސައްކަތްޕުޅުކުރައްވައެެވެ.

ކާބުލްގެ ފުލުހުން ވެސް ވަނީ މި ހަމަލާ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.

ކާބުލްގައި ވަކި ޚާއްސަ ފަރާތްތަކަށް މިފަދައިން ހަމަލާދީ މީހުން މަރަމުން ދާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އެހެންނަަމަވެސް، މިކަން ހުއްޓުވިފައި ނުވެއެވެ.

މިއީ ހަރުކަށި ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ބެލެވޭއިރު، އެއްވެސް ބަޔަކު ހަމަލާގެ ޒިންމާ އުފުލާފައި ނުވެއެވެ. ޠާލިބާން ޖަމާޢަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ބުނެފައި ވަނީ މި ހަމަލާގައި އެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ކަމުގައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޔޫއެން އެސިސްޓެންސް މިޝަންއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު އަފްޣާނިސްތާނުގައި ދިން މިފަދަ ހަމަލާތަކުގައި 13 ފަނޑިޔާރުންނާއި، 19 ޕްރޮސެކިއުޓަރުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ. އަފްޣާނިސްތާނު ސަރުކާރުން ބުނަނީ މި ހުރިހާ ހަމަލާތަކެއްގެ ފަހަތުގައި ވަނީ ޠާލިބާން ޖަމާއަތް ކަމުގައެެވެ. އެހެންނަމަވެސް، ޠާލިބާނުން ޒިންމާ އުފުލާފައި ވަނީ މީގެ ތެރޭން ބައެެއް ހަމަލާތަކުގެއެވެ.

2017 ވަނަ އަހަރު ފެބުރުވަރީ މަހު ސުޕްރީމް ކޯޓަށް އަމާޒުކޮށް ކާރު ބޮމުގެ ހަމަލާއެއް ދީފައި ވެއެވެ. މި ހަމަލާގައި ކޯޓުގެ 20 މުވައްޒަފުން މަރުވެ، 41 މީހުން ޒަޚަމްވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.