ކޮވިޑް-19 އާ ގުޅިގެން ޢާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު އެގާރަ ޖެހިއިރު ވަނީ ފަށައިފައެވެ. ދައުރުން ބޭރުގެ ޖަލްސާތައް ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމަށެވެ. އެގޮތުން މިއަދު ބާއްވާ ޖަލްސާއަކީ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާއެވެ. ފުރަތަމަ ޖަލްސާ ބޭއްވީ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށެވެ. ގާނޫނަށް އިސްލާޙު ހުށަހެޅުއްވީ ސަރުކާާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ޚާއްސަ ޤާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމެވީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމަށް އެ ޤާނޫނުން ޖާގަ ނުދޭތީއެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދައަކާ ނުލައި އިންތިޚާބު ނުބޭއްވޭނެކަމަށް ޚާއްސަ ޤާނޫނުގައި ބުނެފައި ވާތީއެވެ. މިހާރު ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހުގައި ވާގޮތުން އެޗްޕީއޭގެ ހުއްދައެއް އިންތިޚާބު ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް އިންތިޚާބު ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވާން ޖެހޭނެއެވެ. އިންތިޚާބު ބާއްވާ މުއްދަތު އިއުލާނު ކުރާތާ ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލައި އާއްމުކުރަންޖެހޭނެއެވެ.
ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހުގައި ބުނާ ގޮތުން ގާނޫނަށް ގެންނަ އިސްލާހު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންްސް ކޮމިޝަނުން ފަށްޓަވަން ޖެހޭނެއެވެ. ނަމަވެސް އެމަސައްކަތް ކުރަން ފަށަންވާނީ މަދުވެގެން ތިން ދުވަސް ކުރިން އެކަން އިއުލާންކުރުމަށް ފަހުގައި ކަމަށްވެސް ޚާއްޞަ ޤާނޫނަށް ހުށަހެޅި އިޞްލާޙުގައި ވެއެވެ.
އިޞްލާޙުގައި، އިންތިޚާބު އަވަސް ކުރުމަށް ޤާނޫނުގައިވާ މުއްދަތުތައް ވެސް ވަނީ ކުރުކޮށްފައެވެ. މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައެވެ.