ޔޫގެންޑާގެ ރައީސު މުސެވޭނީ ހަވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގެ ރައީސު ޔޮވޭރީ މުސެވޭނީ ހަވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.

އިލެކްޓޯރަލް ކޮމިޝަން އޮފް ޔޫގެންޑާގެ ޗެއާމަން ޖަސްޓިސް ސައިމަން މުގެންޔީ ބަޔަބަކާމާ އިއުލާންކުރެއްވި ގޮތުގައި ބުރާސްފަތި ދުވަހު އޮތް އިންތިޚާބުގައި ރައީސު މުސެވޭނީ ވަނީ ވޯޓުގެ %58.6 ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ކުރީގެ މަޝްހޫރު ފިލްމީ ތަަރި އަދި ލަވަކިއުންތެރިޔާ އަދި އިދިކޮޅު ކެންޑިޑޭޓް ބޮބީ ވައިންއަށް ލިބުނީ ވޯޓުގެ %34.8 އެވެ.

"ޔުވެރީ މުސެވޭނީ ރިޕަބްލިކް އޮފް ޔޫގެންޑާގެ ރައީސުކަމަށް ހޮވިވަޑައިގެންފައިވާ ކަމަށް އިލެކްޓޯރަލް ކޮމިޝަނުން ކަނޑައަޅައިފި." އިންތިޚާބުގެ ނަތީޖާ އިއުލާްންކުރައްވަމުން ބަޔަބަކާމާ ވިދާޅުވިއެވެ.

އޭނާ ހާަމަކުރެއްވި ގޮތުގައި ވޯޓުލާާފައި ވަނީ ރަޖިސްޓަރީކޮށްފައިވާ 18 މިލިއަން މީހުންގެ ތެރެއިން %57.22 މީހުންނެވެ،

އިންތިޚާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ބޮބީ ވައިން ވަނީ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.

ބޮބީ ވައިންގެ ތަރުޖަމާނު ބެންޖަމިން ކަޓާނާ ސިފަކުރި ގޮތުގައި އިލެކްޓޯރަލް ކޮމިޝަނުން ނެރުނު ނަތީޖާއަކީ "ޔޫގެންޑާގެ ރައްޔިތުންގެ ނިންމުން ބަދަލުކޮށްލަން" ކޮށްފައިވާ މަސައްކަތެކެވެ.

ނަތީޖާ އިއުލާންކުރުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އުމުރުފުޅުން 76 އަހަރުގެ މުސެވޭނީ ވަނީ މަކަރާއި އޮޅުވާލުމުގެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު އޮތް އިންތިޚާބަކީ "ޔޫގެންޑާގެން ތާރީޚުގައި ބޭއްވި އެންމެ އޮޅުވަލުން ނެތް" އިންތިޚާބަށް ވާނެއެވެ.

ރައީސު ކަމުގައި 35 އަހަރު ހޭދަކުރައްވާފައިވާ މުސެވޭނީއަކީ ރައީސު އިދީ އަމީނާއި ރައީސު މިލްޓޮން އޮބޯޓޭގެ ދައުރުގައި ހިނގައި ދިޔަ ލޭ އޮހޮވުންތަކާ ހަމަނުޖެހުންތަކަށް ފަހު، ޔޫގަންޑާ ހަަމައަކަށް އެޅުއްވުމުގެ ވައުދާއެކު 1986 ވަަނަ އަަަހަރު ވެރިކަަމަށް ވަޑައިގެންނެވި ޒުވާން ލީޑަރެކެވެ.

އޭރު އޭނާ ވަނީ ބައެެއް ލީޑަރުން މާގިނަ ދުވަހު ވެރިކަމުގައި ތިއްބަވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް، އޭނާ މިހާރު ވަނީ އެ ވާހަކަފުޅުތައް ހަނދާންނައްތާލައްވާފައެވެ.

އިރުމަތީ އެފްރިކާގައި ކަނޑު އައްސޭރިއާ ނުގުޅި އޮންނަ ޔޫގެންޑާއަކީ ސައުތު ސޫދާން، ކެންޔާ، ޓެންޒޭނިޔާ، ރިޕަބްލިކް އޮފް ކޮންގޯ އަދި ރުވަންޑާއާ ސަރަހައްދީ ރޮގު ހިއްސާކުރާ ގައުމެކެވެ. ޔޫގެންޑާގެ 43 މިލިއަން މީހުންގެ އާބާދީގެ %84 އަކީ ނަސާރާއިންނެވެ. އެފްރިކާގެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫގެންޑާގެ އުފެއްދުންތެރިކަމުން އަހަރަކު ބޮލަކަށް ޖެހޭ މިންވަރު 1000 ޑޮލަރަށް ވުރެ ދަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.