އިންޑިޔާގައި އާއްމުކޮށް ކޮވިޑް-19 ވެކްސިން ޖެހަން މިއަދު ފަށައިފިއެވެ. މި ބުރުގައި 300 މިލިއަނެއްހާ މީހުންނަށް ވެކްސިން ޖަހަން ނިންމާފައި ވާއިރު، މިއީ ދުނިޔޭގައި ވެކްސިން ޖެހުމަށް ހިންގާ އެންމެ ބޮޑު ހަރަކާތެވެ.
އިންޑިޔާއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިތައް ހުރި ގައުމަށްވެފައި، ތަފާތު ބަލިތަކަށް އެންމެ ގިނައިން ވެކްސިން ޖަހާ ގައުމަށް ވިޔަސް، ކޮވިޑް-19 ވެކްސިން ގިނަ ބަޔަކަށް ޖެހުމަކީ އިންޑިޔާއަށްވެސް މުޅިން އާ ތަޖުރިބާއެކެވެ.
330 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބުރުގައި ވެކްސިން ޖަހަން ނިމްމާފައި ވާއިރު، މިއީ ގާތްގަނޑަށް އެމެރިކާގެ މުޅި އާބާދީއާ އެއްވަރު އަދަދެކެވެ. ފުރަތަމަ ބުރުގައި ވެކްސިން ޖަހާ މީހުންގެ ތެރޭގައި 26 މިލިއަން ކުޑަކުދިންނާއި، ކޮވިޑް-19 އަށް ޓެސްޓުކުރުމަށާއި، ފަރުވާ ދިމުމަށް އިސް ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ 30 މިލިއަން މީހުން ހިމެނެއެވެ. އަދި މީގެ އިތުރަށް 270 މިލިއަން މީހުންނަށް މި ބުރުގައި ވެކްސިން ޖަހާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވެކްސިން ޖެހުމުގެ ހަރަކާތް މިއަދު މެންދުރުކުރީގެ ވަގުތެއްގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަސްމީކޮށް ފައްޓަވައިދެއްވުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ނިއުދިއްލީގައި ހުންނަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ސިއްހީ ޚިދުމަތްތެރިއެއްގެ ގަޔަށެވެ. އެއަށް ފަހު އިންޑިޔާގެ ކަންކޮޅުތަކުގައި ވެކްސިން ޖެހުމުގެ ހަރަކާތް ވަނީ ފަށާފައެވެ.
"އަހަރުމެން މި ފަށަނީ ވެކްސިން ޖެހުމަށް ދުނިޔޭގައި ހިންގާ އެންމެ ބޮޑު ހަރަކާތް. މިކަމުން ދުނިޔެއަށް ދައްކައިދެނީ އަހަރުމެންގެ ގާބިލުކަން." ވެކްސިން ޖެހުމުގެ ހަރަކާތް ފައްޓަވައިދެއްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މިހަރަކާތް ފެއްޓުމުގެ ގޮތުން ވާހަކަފުޅު ދެއްކެވިޔަސް، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުން ފަދައިން، މޯދީ އަމިއްލަފުޅަށް ވެކްސިން ޖެއްސެވިކަމެއް ނޭނގެއެވެ.
ހެލްތު މިނިސްޓްރީ ބުނި ގޮތުގައި ވެކްސިން ޖެހުމަށް އިންޑިޔާގެ ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 3006 ސެންޓަރުން ކޮންމެ ސެންޓަރެއްގައި 300 މީހުންނަށް ވެކްސިން ޖަހާނެއެވެ.
އިންޑިޔާއިން ވަނީ ދެ ވެކްސިންއެއް ބެނުންކުރުމުގެ ހުއްދަ ދީފައެވެ. އެއީ އޮކްސްފޯޑް ޔުނިވަސިޓީއާއި އާސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިނާއި، އިންޑިޔާގެ ބާރަތު ބަޔޯޓެކްގެ ވެކްސިނެވެ. ފާއިތުވި ހަފުތާގައި މަތިންދާބޯޓުތަކުން އިންޑިޔާގެ ކަންކޮޅުތަކަށް ވެކްސިންގެ 16.5 މިލިއަން ޑޯޒު އުފުލާފައި ވެއެވެ.