ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުން - ރައީސް

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންދެކޭ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ކުޅިވަރު އެކުވެނީގައި ތަރައްޤީކޮށްފައިވާ ސިންތެޓިކް ޓްރެކް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ޓްރެކަކީ ރާއްޖޭގެ އެތުލީޓުންނާއި ކަސްރަތުކުރާ ވަރަށްގިނަ ބައެއްގެ އުންމީދެއްކަމަށެވެ. މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކުޅިވަރުގެ ޢުމްރާނީ ވަޞީލަތް ތަރައްޤީކުރެއްވުމުގެ މުހިންމުކަމުގެމައްޗަށް އަލި އަޅުއްވާލައްވައި ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން ކަސްރަތު މުބާރާތްތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ވެސް މިއީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށްވެސް އެމަނިކުފަނު ވިދާޅުވިއެވެ.

މި ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫންކަމަށާ، މިއީ މާލޭގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްގެގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

" އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން. މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށް ވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ވެލި ޓްރެކްގެ މަސައްކަތްކުރަން ފެށީ 6 ނޮވެންބަރު 1996ގައެވެ. އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ 1998 ވަނަ އަހަރުގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމެވެ.

މިތަން ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިހާރުގެ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 3ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ. މިމަސައްކަތް ނިމި މިއަދު މިތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.