މިމަހުގެ 26 ވަނަ ދުވަހު، ކޮވިޑް-19ގެ ވެކްސިން ރާއްޖެ ލިބޭނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ލިބިފައިވ ާގޮތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރައްވަމުންދާ މަސައްކަތާއެކު މިހާރު ހަމަޖެހިފައިވާގޮތުން މިމަހުގެ 26ގައި ރާއްޖެއަށް ވެކްސިން ލިބޭނެކަން ވަނީ ކަށަވަރުވެފައެވެ. ރަސްމީ އިދާރާއަކުން އަދި މިކަން ކަށަވަރުކޮށެއް ނުދެއްވައެވެ.
އެހެންނަމަވެސް ކޮވިޑް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކާ ޙަވާލާދެއްވައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ވެބްސައިޓުގައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މިމަހުގެތެރޭގައި ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ގެނެސް ޢާއްމުރައްޔިތުންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރައްވާކަމަށް ކުރިންވެސް ދިވެހި ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި މިމަހުގެ ތެރޭގައި ވެކްސިން ގެނައުމަށް މަސައްކަތް ކުރައްވާކަމަށް ރޭ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވެސް ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19ގެ ވެކްސިންގ ގަންނާނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކިޔާ ކުންފުންޏަކުން ކަމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ސަރުކާރުންވަނީ ވެކްސިން ރާއްޖެ ގެނެސް ރައްކާތެރިކަމާއެކު ރައްކާކުރެވޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފިނި ކޮށާރުތައް ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދޭނެ ކެޓަގަރީގެ މީހުންނާއި އެކަމާބެހޭ އުސޫލުތަކާއި ގައިޑްލައިންތައްވެސް ވަނީ އެކުލަވާލާފައެވެ.