ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ޤާއިމުކުރާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޕްލޭނިންގ މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި މިކަމުގެ ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމެއް ޤާއިމުކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް، ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040)ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.
މި ގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ޚިދުމަތެކެވެ.
ޕަބުލިކު ކުންފުނިތަކުގެ ހިއްސާދާރުންނަށް އެކަށީގެންވާ ފައިދާއެއް ލިބޭނީ ދައުލަތުގެ ޚަރަދު ކުޑަކޮށްގެން ބާކީވާ އެއްޗަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދީގެން. ވެރިކަންކުރާ ފަރާތުގެ ގާތްމީހުންނަށް ވަޒީފާ ދިނުމަށްޓަކާ މަގާމު އުފެއްދުން ހުއްޓާލަންޖެހޭ.