މަނަދޫ ޠާރިޤް - ވަރުބަލިކަމެއް ނެތި ގައުމީ ތަރިކަ ހިމާޔަތްކުރުމުގައި 

މުޙައްމަދު ޠާރިޤް (މަނަދޫ ތާރިޤް) ގެ ނަމާއެކު ވެސް ހިތަށް އަންނަނީ ރާއްޖޭގެ ޤައުމީ ތަރިކަތަކާއި އާސާރުތަކެވެ. ސަބަބެއް ނެތިއެެއް ނޫނެވެ. ގިނަ މީހުން އޭނާ ދަންނަނީ ރާއްޖޭގެ ޤައުމީ ތަރިކަ ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިންނެވެ. 

ރާއްޖޭގެ އާސާރީ ތަންތަނާއި ތަކެއްޗަކީ ގައުމީ ތަރިކައިގެ ގޮތުގައި ހިމާޔަތްކޮށް ރައްކަތެރިކޮށް ބެލެހެއްޓެންޖެހޭ ތަކެއްޗާއި ތަންތަންކަން  އާންމު ރައްޔިތުންނަށް ވިސްނައިދީ އަންގައި ދިނުމުގައި އެންމެ މުހިންމު މަސައްކަތްޕުޅެއް ކުރެއްވި އެއް ދިވެއްސަށް ހަމަގައިމުވެސް ޠާރިޤް ވެވަޑައިގަންނަވާނެއެވެ. މިއަދު މިވަނީ ތާރިޤްގެ ޒާމާންވީ، ޤައުމީ ތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައިވެސް ފާހަގަ ކުރައްވައިފައެވެ. ނިމިދިޔަ އަހަރު ސަރުކާރުން ގައުމީ އިނާމު ދެއްވި ބޭފުޅުންގެ ތެރޭގައި ގައުމީ ތަރިކައިގެ ދާއިރާއިން ގައުމީ އިނާމު ތާރިޤަށް ވަނީ ލިބިވަޑައިގެންފައެވެ. މިއީ ތާރިޤަށް މާކުރިންވެސް ހައްގު އިނާމެކެވެ.

ތާރިޤްގެ ހިތްޕުޅުގައި ދިވެހިވަންތަކަމަށް އޮންނަ ލޯތްބާއި އަދި ދިވެހި ތާރީޚާއި ސަޤާފާތާއި ޤައުމީ ތަރިކައަށް ހުންނަ ޝައުގުވެރިކަން މަދަރުސީ ދައުރުއްސުރެ ވަނީ ފާހަގަ ކުރެވިފައެވެ. މަދަރުސީ ހަޔާތުގައި އޭނާ ވަނީ ދިވެހިން އެންމެކުރިން ލިޔެކިޔުމުގައި ބޭނުންކުރި ދިވެސް އަކުރާ އެވޭލާ އަކުރު ދަސްކުރައްވައިފައެވެ. މިކަން ވެގެންދިޔައީ ގައުމީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކުރެއްވުމަށް ތާރިޤަށް ކޮށިގެން ދިޔަ އަލި މަގަކަށެވެ. ނަތީޖާއަކަށްވީ މަދަރުސީ ދައުރަށްފަހު އެދާއިރާއިން މަސައްކަތް ކުރައްވަން ފެށްޓެވުމެވެ. ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ  ރިސާޗް އޮފިސަރ ޓްރޭނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އެދާއިރާއިން ތަފާތު ގިނަ ތަމްރީނު ތަކާއި ތަޖުރިބާ ތަކެއް ވަނީ ހޯއްދަވައިފައެވެ. އަދި ރާއްޖޭގެ ޤައުމީ ތަރިކަ ހިމާޔާތް ކުރުމަށް ކުރެއްވުނު ތަފާތު ގިނަ މަސައްކަތަކުގައި ޢަމަލީގޮތުން ޠާރިޤް ވަނީ ބައިވެރި ވަޑައިގެންފައެވެ. ތާރިޤްގެ މަސަައްޕުޅުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި ގައުމީ ތަރިކައާއި ތާރީޚާއި ގުޅޭ އެއްވެސް ނިޝާނެއް ހުރިކަމަށް  ބުނާ ކޮންމެ ފަޅުރަށަކަށް ޒިޔާރަތް ކުރައްވައި އެފަދަ ތަންތަނާ ބެހޭ މަޢުލޫމާތު އެއްކުރައްވައި ދިރާާސާކުރެއްވުން ފާހަގަ ކޮށްލެވެއެވެ. ފެންފުށީ އާސާރީ މިސްކިތުގެ މަސައްކަތާއި ކާށިދޫ އާސާރީ ސަރަހައްދު (ކުރުހިންނަ ތަރާގަނޑުގެ) ސައިންޓިފިކް ދިރާސާގައި އަމަލީގޮތުން ބައިވެރިވަޑައިގެން ކުރެއްވި މަސައްކަތަޕުޅާއި އެނޫންވެސް ފާހަގަ ކޮށްލެވޭ ކިތަންމެ މަސައްކަތްޕުޅުތަކެއް އެބަހުއްޓެވެ. އަމަލީ ގޮތުން ބައިވެރި ވަޑައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ އިތުރުން ޠާރިޤް އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ލިސްޓުވެސް އެހާމެ ދިގެވެ. އޭގެތެރޭގައި ލ. އިސްދުއާއި އެއަތޮޅު ގަމުގެ އާސާރީ ސަރަހައްދު ރައްކާތެރިކޮށް ހިމާޔަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން މާލެއާއި ރަށްރަށުގެ އާސާރީ މިސްކިތްތަކުގެ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު މަސައްކަތްޕުޅަކީ ކަޅުވަކަރު މިސްކިތުގެ ހިމާޔަތަށް ކުރެއްވި މަސައްކަތްޕުޅެވެ. މިއަދު ކަޅުވަކަރު މިސްކިތް ފެންނަން އެހެރީ، ބައެއްގެ ބުރަ މަސައްކަތުން ކަމަށް ވާއިރު، އެކަމުގެ "ކްރެޑިޓް" އެންމެ ހައްގު އެއް ބޭފުޅަކީ ޠާރިޤްކަން ޔަގީނެވެ. 1988 ވަނަ އަހަރުން ފެށިގެން ތަރިކަ ހިމާޔާތްކުރެއްވުމަށް ވަރުބަލިކަމެއް ނެތި ޠާރިޤް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިއަދު އޭނާއަކީ ކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެކެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައިގެންވެސް އެދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްޕުޅުތަކެއް އޭނާ ވަނީ ކުރައްވައިފައެވެ.

ތަރިކަ ހިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ސިޔާސަތު ކަނޑައަޅުއްވާ ވެރިން ފެށިގެން ކަމުގެ ހޭލުންތެރިކަން ނެތުން ކަމަށް ޠާރިޤް ފާހަގަ ކުރެއްވިއެވެ. އަދި ތަރިކައަކީ ހިމާޔަތްކޮށް ރައްކާތެރިކުރެވެން ޖެހޭ އެއްޗެއްކަމަށް ނުބެލުމުގެ އިތުރުން އެކަމުގެ ޝައުގުވެރިކަން ވެސް ނެތުންކަން ޠާރިޤް ފާހަގަ ކުރެއްްވިއެވެ. ނަމަވެސް ފޫހިކަމެއް ނެތި ތާރިޤް އަދާ ހަމައަށްވެސް އެހުންނެވީ އެ މަސައްކަތްޕުޅުގައި ދެގޮތެއް ނުވެއެވެ. 

ޠާރިޤް ބޭނުންފުޅުވަނީ ރާއްޖޭގެ ސާގާފީ އަދި ގައުމީ ތަރިކަ ހިމާޔަތް ކުރެވި އެތަންތަނަކީ ފަތުރުވެރިކަމުން ނަފާ ލިބޭނެ ތަންތަނަށް ވެގެން ދިއުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސަގާފީ އަދި ހެރިޓޭޖް ޓޫރިޒަމް ކުރިއަރައިގެން ދިއުމެވެ. އެކަމަކީ މަސައްކަތް ކޮށްފިނަމަ ކުރެވޭނެ ކަމެއްކަމަށް ތާރިޤް ގަބޫލުފުޅު ކުރައްވައެވެ. 

"އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލަން ފަތުރުވެރިން އަންނަ ގޮތަށް، ރާއްޖޭގެ ސަގާފަތާއި ތަރިކަ ދެކެން ފަތުވެރިން ގެނެވިދާނެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުވެރިން، ޒިޔާރަތްކުރޭ އެފަދަ ތަންތަން ބަލަން." ގައުމީ ތަރިކައިން ހޯދިދާނެ ނަފަޔާމެދު ތާރިޤް ކުރައްވާ އުއްމީދުތައް ހާމަކުރައްވަމުން ވިދާޅުވިއެވެ. 

މިކަން ކުރެވިދާނެ ގޮތާ ބެހޭގޮތުން ޠާރިޤް އިތުރަށް ވިދާޅުވީ ވަކިތަނެއްގެ އާސާރީ ސަރަހައްދެއް ތަރައްގީކޮށް އެތަނަކުން ނަގައިފައި ހުންނަ ތަކެތި ޑިސްޕްލޭކޮށް އެތަންތަނާ ބެހޭގޮތުން ހެދިފައިވާ ސައިންޓިފިކް ދިރާސާތަކުގެ މައުލޫމާތު ލިބޭ ގޮތަށް ހުންނަ ނަމަ އެތަންތަނާއި ތަކެތި ބަލަން ފަތުރުވެރިން އަންނާނެކަމަށެވެ. ތިމާވެށީގެ ކަންކަމަށް ފަންޑު ލިބޭ ގޮތަށް، ތަރިކަ ހިމާޔަތްކޮށް ދަމަހައްޓަން ފަންޑުދޭ ފަރާތްތައްވެސް އުޅޭކަން ޠާރިޤް ފާހަގަކުރެއްވިއެވެ. މި ވާހަކަކޮޅުން ފާހަގަ ކުރެވުނީ ތާރިޤްގެ ހިތްޕުޅުގައި ޤައުމީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ އިތުރުން އެތަރިކަ ބޭނުންކޮށްގެން ގައުމަށް ނަފާ ހޯއްދަވައި ދެއްވުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމެވެ. 

ގައުމީ ތަރިކަށް ރައްކާތެރިކޮށް ޖީލު ތަކަކަށް ދެމިގެންދިއުމަށް "ހިތުލޯތްބާއި" އެކު ގައުމީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކޮށްދޭނެ، "މަނަދޫ ތާރިޤް" ފަދަ ދިވެހި ދަރިންތަކެެއް އުފެދެން ޖެހެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.