މެދުތެރޭ އޭޝިޔާގެ ގައުމެއް ކަމަށްވާ ކިރްގިޒްސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ބޮޑުވަޒީރު ސަދީރް ޖަޕަރޯވް ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.
ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނާނިމިފައިވާއިރު، އެގައުމުގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކުރި ވަގުތީ ނަތީޖާއިން ޖަޕަރޯވް ވަނީ %80 ވޯޓު ހޯއްދަވާފައެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ ވޯޓުގެ %7 އެވެ.
"އަހަރެން ވެރިކަމާ ހަވާލު މިވަނީ މައްސަލަތައް ގިނަ، ދަތިކަން ބޮޑު ދުވަސްވަރެއްގައި. ހުރިހާ ކަމެއް ހައްލުކުރަން އެއް އަހަރު ދެ އަހަރު ނުފުދޭނެ. ތިން އަހަރު ނުވަތަ ހަތަރު އަހަރު ބޭނުންވާނެ. އަދި އެކަމަށް (ގައުމުގެ) ހަމަޖެހުން ވެސް ބޭނުންވޭ." އިންތިޚާބު ކާމިޔާބުކުރެއްވުމަށް ވެރިރަށް ބިޝްކެކްގައި އޭނާއަށް ތާއީދުކުރާ މީހުންމާ މުޚާޠަބުކުރައްވައި ޖަޕަރޯވް ވިދާޅުވިއެވެ.
ފާއިތުވި އަހަރު އޮކްޓޯބަރު މަހު އެގައުމުގައި އާންމު އިންތިޚާބު ބޭއްވިއިރު ސަދީރު ޖަޕަރޯވް ހުންނެވީ ޖަލުގައެވެ. ނަމަވެސް، އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އާއްމުން ނުކުމެ ކުރި ވަަރުގަދަ މުޒާހަރާތަކަށް ފަހު، ޖަޕަރޯވް ޖަލުން ސަލާމަތްވެވަޑައިގެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަަތެވެ. އަދި މި މުޒާހަރާތަކަށް ފަހު ރައީސު ސޫރޮންބޭ ޖީންބަކޯވް އިސްތިއުފާ ދެއްވުމުން އޭނާ ވަގުތީ ގޮތުން ރައީސުކަމާ ހަވާލުވެވަޑައިގަތެވެ. އަދި ނޮވެންބަރު މަހާ ހަަމައަށް އެ މަގާމުގައި ހުންނެވިއެެެވެ.
އިއްޔެގެ ވޯޓުގައި %80 އަަށް ވުރެ ގިނަ މީހުން ވަނީ ގާނޫނު އަސާސީއަށް ބަދަލުގެނެސް ރައީސަށް އިތުރު ބާރުތައް ދިނުމަށް ވޯޓުލާފައެވެ. ޕާލަމެންޓަރީ ނިޒާމަކަށް ތާއީދުުކުރީ އެންމެ %10 މީހުންނެވެ.
ޖަޕަރޯވްއަކީ އަވަށްޓެރި ރަޝިޔާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ރަޝިޔާ އަސްކަރީ މަރުކަޒެއް އެ ގައުމުގައި މިހާރުވެސް އޮންނަ އިރު، ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރާ ކިރްގިޒް މީހުންެގެ ތިންބައިކުޅަ ދެބައި މީހުން ވަޒީފާ އަދާކުރަނީ ރަޝިޔާގައެވެ.
ކުރީގެ ސޯވިއެޓް ޔުނިއަން (ރޫޫސީވިލާތް) ގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު ޑިސެންބަރު 1991 ގައި މިނިވަންވި ކިރްގިޒްސްތާނަކީ މެދުތެރޭ އޭޝިޔާގެ އެންމެ ފަގީރު އެއް ގައުމެވެ. 6.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކިރްގިޒްސްތާނުގެ %90 މީހުންނަކީ މުސްލިމުންނެވެ.