"ދެއްވަދޫގައި ކޮވިޑް-19 ފެތުރެނީ ޕޮޒިޓިވްވި ކުޑަކުއްޖާގެ ސަބަބުންކަމަށް ނުބެލެވޭ"

ގއ.ދެއްވަދޫގައި މިހާރު އޮތް ޙާލަތުގައި ކޯވިޑް-19 ފެތުރެމުންދަނީ މިދިޔަ މަހުގެ 24 ގައި އެރަށުން ފެނުނު ޕޮޒިޓިވް ކޭސްކަމަށްވާ ޢުމުރުން ހަތަރު މަހުގެ ތުއްތުކުއްޖާގެ ފަރާތުންކަމަށް ނުބެލެވޭކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވީ ކޮންމެވެސް އެހެން ގޮތަކުންކަމަށް ބެލެވޭކަމަށާ އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ދެއްވަދޫގައި ކޮވިޑް ފެތުރެން ފެށީ، ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި އެބަލި އޮތުމަށްފަހުކަމަށް ލަފާކުރެވޭކަމަށެވެ.

ދެއްވަދޫ ކްލަސްޓަރއިން  މިހާތަނަށް 22 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.  މި ކްލަސްޓަރއާ ގުޅިގެން ޕޮޒިޓިވް މީހުންނާ ދިމާވި 149 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވެއެވެ. އަދި އެގެ ތެރޭގައި ބަލިޖެހުމުގެ ރިސްކުބޮޑު 18 މީހަކު ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި އެޗްއީއޯސީންވަނީ ދެއްވަދޫގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކަށް ސަމާލުވެ ރައްކާތެރިކަން އިސްކުރުމަަށް އެސެންޓަރުން އިލްތިމާސްކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.