ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ސްކޫލުތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހަދައިދެއްވާނެކަމުގެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ ދެއްވައިފިއެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައިޝަތު ޢަލީ ޓުވިޓަރ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ސްކޫލުތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހަދައި ދިނުމަށް ސާފްތާހިރު ކަމުގެ ކަންކަމަށް ޙާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަންކަން އިންތިޒާމުކުރައްވައިފައި ވާކަމަށެވެ. މިނިސްޓަރގެ މެސެޖްގައި ވިދާޅުވީ ވޭތުވެ ދިޔަ އަހަރަކީ ވަރަށް ދަތި އަހަރެއް ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުތަކުގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައިވާކަމަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށިގެން ދާއިރު ހުރިހާ ކުދިންނަށް ވެސް ސްކޫލަށް އައިސް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ބޭބީ ނާސަރީން ފެށިގެން ގަރޭޑް 12 އަށް ހުރިހާ ކުދިންނަށް ސްކޫލަށް އައިސް ކިޔެވުމުގެ ކަންތައްތައް ތަރުތީބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.
އެންމެހާ ދަރިވަރުންނަށް ވަރަށް ކާމިޔާބު ޓާރމަކަށް އެދެން ???@aisthly pic.twitter.com/Q3ZQCFSHkp
— Ministry of Education (@MoEdumv) January 9, 2021
"ހުރިހާ ކުދިންވެސް ތަންކޮޅެއް ބިރުގެންފާނެ މިފަހަރު ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމު އަޅުގަނޑު ދަންނަވާލަން އޮތީ ކަންބޮޑުނުވާށޭ، އަޅުގަނޑުމެން ސްކޫލުތަކުގެ ތައްޔާރީތައް ވެފައި މިހިރީ، ތިކުދިންނަށް ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައޭ. އަދި ހަމަ މިގޮތަށް އަޅުގަނޑުމެންގެ ހުރިހާ މުދައްރިސުންނާއީ ސްކޫލުތަކުގެ އެކިއެކި މުވައްޒަފުން މަސައްކަތްތައް ދަނީ ކުރަމުންނޭ،" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ދަރިވަރުން ސްކޫލަށް އައުމުގެ ފުރުޞަތު ނުލިބި ގޭގައި ތިބުމަކީ އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުން ވާނެ ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުއްވައި ދެއްވުމަށް ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
" އަޅުގަނޑުމެން ޔަޤީންކަން އަރުވަން ސްކޫލުތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރ މާހައުލަކަށް ހަދައިޭނެކަމަށް. އެގޮތުން، ސްކޫލުތަކުގައި ސާފުތާހިރުކަމާއި ހޭންޑް ހައިޖިން އަދި ރެސްޕިރޭޓަރީ ހައިޖީންނަށް ހާއްޞަ ސަމާލުކަމެއް ދީގެން ކަންކަން މިވަނީ އިންތިޒާމުކުރެވިފައި." ރައްކާތެރި ފިޔަވަޅުތަކާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ކުރެއްވި އިތުރު ޓުވީޓެއްްގައި ވިދާޅުވީ ދެވަނަޓާމް ބަންދު ކުރުމެއް ހުއްޓުމެއްނެތި ކިޔެވުން ކުރިއަށް ގެންދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ކިޔެވުމަކީ، ހުރިހާ ކާމިޔާބީއެއްގެ ތަޅުދަނޑިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މުދައްރިސުންނާއި ދަރިވަރިވަރުން ދުރުވުމަކީ އެއްބަޔަކު ނުފެންނަކަމުގެ މޮޅިކަން އަނެއް ބަޔަކަށް އިހްސާސްވާނެ ކަމެއްކަމަށެވެ. އަދި އެއީ އުނގެނުމާއި އުނގަންނައި ދިިނުމަށް ވެސް އުނިކަން އަންނަ ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.