ޓްރަމްޕްގެ ޓުވިޓާ އެކައުންޓު ދާއިމަށް ސަސްޕެންޑް ކޮށްފި

ހަމަނުޖެހުން ހިންގުމަށް އިތުރަށް ހިތްވަރުދީފާނެތީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަަޕްެގެ realDonaldTrump@ ޓުވިޓާ އެކައުންޓު ދާއިމަށް ސަސްޕެންޑްކޮށްފިއެވެ. މި ފިޔަވަޅު އަޅާފައި މިވަނީ މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސްގެ އިމާރާތް، ދަ ކެޕިޓޯލްްއަށް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ވަދެގަނެ ހިންގި އަމަލުތައް ހިންގާފައިވަނީ ޓްރަމްޕް ހިތްވަރުދެއްވައިގެން ކަމަށް ވާތީއެެވެ.

" realDonaldTrump@ އެކައުންޓުން މި ފަހުން ކުރި ޓުވީޓުތަކާއި، އެ ޓުވީޓުތަކާ ގުޅިގެން ހިނގާ ކަންކަން ގާތުން ބަލައި މުރާޖައާކުރުމަށް ފަހު، އިތުރު ހަމަނުޖެހުންތަކަަށް ހިތްވަރުދިނުމުގެ ބިރު އޮތުމުން އަހަރުމެން މިވަނީ އެ އެކައުންޓު ދާއިމަށް ސަސްޕެންޑްކޮށްފައި." ޓުވިޓާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ރައީސު ޓްރަމްޕް އެންމެ ގިނައިން ބޭނުންކުރައްވާ މީސްމީޑިޔާގެ ވަސީލަތް ޓުވިޓާއިން ޖަނަވަރީ 6 ގެ ހަމަނުޖެހުމާ ގުޅިގެން އެންމެ ފުރަތަމަ ޓްރަަމްޕް ސަސްޕެންޑްކުރީ 12 ގަޑިއިރަށެވެ. އަދި އޭނާ ޓުވިޓާގެެ އުސޫލުތަކާ ޚިލާފު ޓުވީޓުތައް ކުރައްވަމުން ގެންދަވާނަމަ، ދާއިމަށް ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ދިނެެވެ.

"މި ހަފުތާގައި ހިނގައި ދިޔަ ބިިރުވެރިކަން ބޮޑު ހާދިސާތަކަށް ފަހު، ޓުވިޓާގެ އުސޫލުތަކާ ދެން ޚިލާފުވާނަމަ އަހަރުމެން މި ފިޔަވަޅު އެޅަން ޖެހިދާނެކަމުގައި ބުދަ ދުވަހު ސާފުކޮށް ބުނެފައިވާނެ." ޓުވިޓާއިން ބުނެފައި ވެއެވެ.

ބުދަ ދުވަހު ޓުވިޓާއިން ދިން އިންޒާރަށް ފަހު ރައީސު ޓްރަމްޕް ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓުގައި އޭނާ ވަނީ ޖޯ ބައިޑަން އަަކީ މުންތަޚަބު ރައީސުކަން ގަބޫލުކުރައްވައި، ބާރުތައް ނަގުލުކުރުން އޮމާންކަމާއެކު ކުރިއަށް ދާނެކަަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ހުކުރު ދުވަހު އޭނާކުރެއްވި ދެ ޓުވީޓުގައި އޭނާއަށް ތާއީދުކުރާ މީހުންނަކީ ވަޠަނީ މީހުންކަމަށާއި އެމީހުންނާމެދު ބޭއިންސާފު ކަން ނުކުރެވޭނެކަމަށާއި އެމީހން ބާކީނުކުރެވޭނެކަަމަށް ވިދާޅުވެފައެވެ. އަދި ޖޯ ބައިޑަން ހުވައިކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ޓުވިޓާއިން ބުނީ މި ދެ ޓުވީޓުން ހަމަނުޖެހުން ހިންގި މީހުންނަށް އިތުރަށް ހިތްވަރު ލިބުމުގެ އިތުރަށް، އިންތިޚާބު ނަތީޖާ ގޯސްކަމަށް އެމީހުން ގަބޫކުރާ ކުރުމަށް އިތުރަށް ބާރުލިބިދޭތީ، ދެ ޓުވީޓުވެސް ޓުވިޓާގެ އުސޫލުތަކާ ޚިލާފު ކަމުގެއެވެ. އެހެން ކަމުން ކުރިން ދީފައިވާ އިންޒާރާ އެއްގޮތަށް ރައީސު ޓްރަމްޕުގެ ޓުވިޓާާ އެކައުންޓު ދާއިމަށް ސަސްޕެންޑްކުރީއެވެ.

ފޭސްބުކުން ވެސް ވަނީ ރައީސު ޓްރަމްޕްގެ ރިޔާސީ ދައުރު ނިމެންދެން އޭނާގެ ފޭސްބުކް ސަފުހާ ބަންދުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.