ހޯރަފުށީގައި ރައީސް މައުމޫނަށް ޙަމަލަދިންތާ 13 އަހަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލްގައްޔޫމަށް 2008ވަނަ އަހަރު ހއ.ހޯރަފުށިން ޙަމަލާދިންތާ 13 އަހަރު ފުރިއްޖެއެވެ.

މިޙަމަލާއަކީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް މައުމޫން އެރަށަށް ވަޑައިގެން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއްވެތިބި ޢާއްމުންނާ ސަލާމް ކުރައްވަނިކޮށް މީހަކު ވަޅިން ދޭން އުޅުނު ޙަމަލާއެކެވެ. އެއީ 2008ވަނަ އަހަރެގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހެވެ.

ހޯރަފުށީ ބަދަރު ސަރަހައްދަށް އެދުވަހު އެއްވެތިބި މީހުންނާ ސަލާމްކުރައްވަމުން ގެންދަވަނިކޮށް ރައީސް މައުމޫނަށް ކުއްލިއަކަށް ވަޅިން ޙަމަލާދޭން އުޅުނީ ހޯރަފުށީ ޒުވާނެކެވެ. އެއީ ހޯރަފުށީ ކިނާރާ ހައުސް ޢުމުރުން 20 އަހަރުގެ މުޙަންމަދު މުރުޝިދެވެ.

މިޙަމަލާއިން ރައީސް މައުމޫން ސަލާމަތްކުރީ އެދުވަހު އެސަރަޙައްދުގައި ޙަރަކާތްތެރިވި ސްކައުޓުކުއްޖެކެވެ. އެއީ އެރަށު ސްކޫލުގައި ކިޔަވަމުންދިޔަ ޢުމުރުން 16އަހަރުގެ ޖައިޝަމް އިބްރާހީމެވެ. މުރުޝިދު ރައީސް މައުމޫނަށް ވަޅިން ޙަަމަލަދޭން އުޅުމުން  ޖައިޝަމް ވަނީ އެވަޅީގައި އަތުން ހިފަހައްޓައި އެކަން ހުއްޓުވާފައެވެ. އެއާއެކު ޖައިޝަމްގެ ވައަތަށް ވަޅިހެރި ވަރަށް ބޮޑަށް ޒަހަމްވެސްވިއެވެ. އޭނާއަށް ހޯރަފުށީ ސިއްޙީ މަރުކަޒުން ފަރުވާދޭންވެސް ޖެހުނެވެ.

މި ހަމަލާގައި ރައީސް މައުމޫނުގެ ބަނޑުފުޅުން ތެޔޮ ހަންދިއުން ފިޔަވައި އިތުރު ހާނީއްކައެއް ނުވެއެވެ. ހަމަލާއިން ސަލާމަތްވެ ވަޑައިގެން ހަމަ އެދުވަހު އެމަނިކުފާނުވަނީ ހޯރަފުށީ ރައްޔިތުންނާއި ބައްދަލުވެސް ކުރައްވާފައެވެ. އަދި އިތުރު ބައެއް ރަށްރަށައްވެސް ޒިޔާރަތްކުރައްވާފައިވެއެވެ.

ހޯރަފުށިން ރައީސް މައުމޫނަށް ޙަމަލާދޭން އުޅުނު މައްސަލަ ބަލައި އެޢަމަލު ހިންގަން އުޅުނު މުރުޝިދު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ކުށަށް ޢިއުތިރާފުވުމުން ޝަަރީޢަތުން އޭނާ ޖަލަށްވެސް ލާފައިވެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފަހުން ރައީސް މައުނޫން ވިދާޅުވެފައިވަނީ އެޙާދިސާއަކީ އެމަނިކުފާނާ ބެހޭގޮތުން ކަނަޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި ބަޔަކު ނަފްތަރު އެފެއްދުމުގެ ސަބަބުން ހިނގާދިޔަ ހާދިސާއެއްކަމަށެވެ. އަދި އެއީ ސީދާ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގައި ރައީސް މައުމޫން ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކްފާނު އަވަހާރަކޮށްލުމަށް އެތައްފަހަރަކު އެތައްބަޔަކު މަސައްކަތްކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ނުރައްކާތެރި ޙާދިސާއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކާއެކު މާލެއަރައި ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާއެވެ.

30އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫންވަނީ މިފަދަ ކޮންމެ ޙަމަލާއަކުން ސަލާމަތްވެވަޑައިގެންފައެވެ.

1 ޚިޔާލު

  1. ކާމިޔާބު ނުވި ހަމަލާ ކާމިޔާބުވިނަމަ، މިއަދު މިޤައުމުގެ ޚާލަތު ހުންނާނީ ކިހާ ހިސާބެއްގަ ބާއޭ ހިތައް އަރާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.