'25 ވަނަ އިސްލާހު'ގެ ދަށުން ރައީސު ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލާ އަޑުތައް ގަދަވަނީ

ރައީސު ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ކޮންގްރެސްގެ އިމާރާތުގެ ތެރޭގައި

އެމެރިކާގެ ރައީސު ޓްެރަމްޕަށް ތާއީދުކުރާ ބަޔަކު މި މަހުގެ 6 ވަނަ މެންދުރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަނެ އެތަނަށް ގެއްލުން ދިން މައްސަލައިގައި. އެމެރިކާގެ ގާނޫނު އަސާސީގެ '25 ވަނަ އިސްލާހު'ގެ ދަށުން ރައީސު ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލާ އަޑުތައް ގަދަވެެއްޖެއެެވެ.

ކޮންގްރެސްގެ އިމާރާތް، ދަ ކެޕިޓޯލްގެ ތެރެއަށް ޓްރަމްޕަށް ތާއީދުކުރާ މީހުން ވަދެގަތީ، ނޮވެްންބަރު 3 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގުކުރުމަށް ކޮންގްރެސްގެ ގުޅިފައިވާ ޖަލްސާއެެއް ކުރިއަށް ދަނިކޮށެވެ. ވަދެގަތް މީހުން އައިސްފައިވަނީ ވައިޓްހައުސް ކުރިމަތީގައި ރައީސު ޓްރަމްޕް އެމީހުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅު އަޑުއެހުމަށް ފަހުއެވެ. އެ ވާހަކަފުޅުގައި އޭނާ ވަނީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ނުކުރުމަށް ކޮންގްރެސްގެ މެންބަރުންނަށް ޕްރެޝަރކުރުމަށް ކެޕިޓޯލް އިމާރާތާ ދިމާއަށް ދިއުމަށެވެ.

ރައީސު ޓްރަމްޕަށް ފާޑުވިދާޅުވާ ގިނަ ބޭފުޅުން، ރިޕަބްލިކަން ޕާޓީގެ ބައެއް ބޭފުޅުންވެސް ހިމެނިވަަޑައިގަންނަވާހެން، ދެކެވަޑައިަންނަވާ ގޮތުގައި މިހާލަތުގައި ރައީސު ޓްރަމްޕް ވަނީ މަގާމުގައި ދެމިހުންނެވުމަށް ނުކުޅެދިފައެވެ.

އެމެރިކާގެ ގާނޫނު އަސާސީއަށް 10 ފެބުރުވަރީ 1967 ގައި ގެނައި 25 ވަނަ އިސްލާހު ބުނާ ގޮތުން ރައީސު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ކެބިނެޓް މެންބަރުންގެ އަޣުލަބިއްޔަތުގެ ތާއީދާއެކު ނާއިބު ރައީސަށް އޭނާ މަގާމުން ދުރުކުރެވިދާނެއެވެ. މި އިސްލާހަކީ އަދި ދުވަހަކުވެސް އެއަށް އަމަލުކޮށްފައި ނުވާ އިސްލާހެކެވެ.

25 ވަނަ އިސްލާހުގެ ދަށުން ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލެއްވި ބޭފުޅުންެގެ ތެރޭގައި އެންމެ އިސްކޮށް ހުންނެވީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ (ޑިމޮކްރެޓިކް) އެވެ. އޭނާ އިތުރަށް ކޮންގްރެސްގައި ތިއްބެވި ޑިމޮކްރެޓީކް ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި، ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުންނާއި، ވޮޝިންގޓަން ޕޯސްޓް ފަަދަ އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތަކުންވެސް ވަނީ މިކަމަށް ގޮވާލާފައެވެ.

މީގެ އިތުރުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްެ ރިޕަބްލިކަން މެންބަރު އެޑަމް ކެންޒިންގަރއާއި ރައީސު ޓްރަމްޕްެގެ ދައުރުގައި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރިން ހުންނެވީ ޖޯން ކެލީވެސް ވަނީ 25 ވަނަ އިސްްލާހުގެ ދަށުން ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވައިލައްވާފައެވެ.

އެމެރިިކާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންެގެ ޖަމްއިއްޔާއެެއް ކަމަށްވާ، ނޭޝަނަލް އެސޯސިއޭޝަން އޮފް މެނުފެކްޗަރާސްގެ ސީއީއޯ ޖޭ ޓިމޮންސް ވެސް ވަނީ ރައީސު ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލައްވައި ނާއިބު ރައީސު ޕެންސަށ ސިޓީ ފޮނުއްވާފައެވެ. ޓިމޮންސްއަކީ ރައީސު ޓްރަމްޕްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި، ރިޕަބްލިކަން ޕާޓީގެ ބޭފުޅެކެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ކެބިނެޓްގެ މެންބަރުންގެ މެދުގައި 25 އިސްލާހަށް އަމަލުކުުރުމާ މެދު ނުރަސްމީކޮށް މަޝްވަރާ ކުރެވުނެެވެ. އެެހެންނަމަވެސް، މިކަމަށް ނާއިބު ރައީސު ޕެންސްގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

ކޮންގްރެސްެގެ އިމާރާތަށް ވަދެގަތް މައްސަލަ ތަހުގީގުުކުރާ ފެޑެރަލް ޕްރޮސެކިއުޓަރުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި މިމައްސަލައިގައި ތަހުގީގުކުރާއިރު، މިކަމުގައި ރައީސު ޓްރަމްޕްގެ ދައުރު އޮތީ ކިހާ ވަރަކަށްތޯ ބަލާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.