ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ. ޝަރުޢީދާއިރާއަށް އަދި މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަށެވެ. އަދި އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއްކަމުގައި އެޑިޕާޓުމަންޓުން ދެކެއެވެ.
21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.
ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.