ތިން އަހަރާ ބައިގެ ހިސާރުން ޤަޠަރު ނުކުތީ މާބޮޑު ގެއްލުމެއް ނުލިބި

ޤަޠަރުގެ ވެރިރަށް ދޯހާ

ސައޫދީ އަރަބިއްޔާއާއި އެގައުމާއި އެއްބައިވި ތިންގައުމު، ޔޫއޭއީ، މިސްރު އަދި ބަހްރޭން ގުޅިގެން 2017 ވަނަ އަހަރު ޤަޠަރު ހިސާރުކުރީ ވަކި ސިޔާސީ އަދި ސަލާމަތީ މަގުސަދުތަކެއް ހާސިލުކުރުމަށެވެ. އެހެންނަމަވެސް، މިފެށުނު އައު އަހަރާއެކު އެ ހިސާރު ނިމުމަކަށް އައިއިރު ހިސާރުގެ ސަބަބުން ޤަޠަރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ.

"ޚާރިޖީ ގުޅުންތަކާއި، ހިސާރަށް ފަހު ބައިނަލްއަގުވާމީ ގުޅުންތައް ކުރިއަށް ގެންދިއުމަށް ބަލާއިރު، ޤަޠަރުން އެކަންކަމަށް މާ ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައި ނުވޭ. އެއީ، ހިސާރު ފުރަތަމަ ފެށުނީވެސް ބަލިކަށި ބިންގަލެއްގެ މަތީގައި ކަމަށް ވާތީ." ނޯތުވެސްޓް ޔުނިވަސިޓީގެ ޤަޠަރު ކޭމްޕަސްގެ އެސިސްޓެންޓް ޕްރޮފެސަރ ޖޮސެލީން ސެޖް މިޗެލް ވިދާޅުވިއެވެ.  

އެމެރިކާއިން ވެސް ކުރި މަސައްކަތާއެކު، ކުވޭތުން މެދުނުކެނޑި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހިސާރުގައި ބައިވެރިވި ހަތަރު ގައުމުންވެސް ވަނީ ހިސާރު ނިމުމަކަށް ގެނެސް އެގައުމުތަކުގެ ސަރަހައްދީ ރޮނގާއި، ވައިގެ ސަރަހައްދު ޤަޠަރަށް ހުޅުވާލައި، ދަތުރުފަތުރުގެ ޚިދުމަތް އަލުން ފަށައި، ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމަށް އެއްބަސްވެފައެވެ. މިކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ތާރީޚީ އަލްޢުލާގައި އޮތް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް ފަހުގައެވެ.

ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ބަލާއިރު ހިސާރުކުރި ގައުމުތަކުން ބޭނުންވި އެންމެ ބޮޑު ކަމަކީ އީރާނާއި ތުރުކީއާއި ދުރަށް ޖެހި، އެ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބަލާ މިސްރުގެ މުސްލިމް ބްރަދަހުޑް ޖަމާއަތާއި، ފަލަސްޠީނުގެ ހަމާސް ޖަމާއަތާއި ގުޅުން ކަނޑާލުމެވެ. ހިސާރު ނިމުމަކަށް އައި އިރުވެސް ޤަޠަރުން މި ގުޅުންތަކަށް ބަދަލެއް ގެނެސްފައި ނުވެއެވެ.

ހިސާރުގެ ކުރީކޮޅު ޤަޠަރުގެ ކަންބޮޑުވެފައި ތިބި ރައްޔިތުން ފިހާރަތަކުގައި ހުރި މުދާ ހުސްވަންދެން ގެއަށް ބޭނުންވާ ކާބޯތަކެއްޗާ އެހެނިހެން ސާމާނު ގަނެ ރައްކާކުރިއެވެ. ހިސާރުގެ ސަބުބުން ޤަޠަރަށް މުދާ އެތެރެކުރުމަށް ހުރަސްއެޅޭނެތީއެވެ.  އެހެންނަމަވެސް، ސަރުކާރުން ވަނީ އެކަމަށް ފިޔަވަޅު އަޅާފައެވެ. އާދަޔާއި ޚިލާފަށް ބޮޑު ބޭރު ފައިސާގެ ރިޒާވެއް އޮތް ޤަޠަރުން  ވަނީ އެތައް ހާސް ޓަނެއްގެ މުދަލާއި، ތާޒާ ކިރު ލިބޭނެކަން ކަށަވަރުކުރުމަށް އެތައް ހާސް ގެރި އެތެރެކޮށްފައެވެ. އަދި ތުރިކީއާއި އީރާނާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް މެދު ނުކެނޑި މުދާ ލިބޭނެ މަގު ތަނަވަސްކޮށްފައެވެ.

ނެޗުރަލް ގޭސް ބޭރުކުރާ ދުނިޔޭގެ އެންމެ ބޮޑު ގައުމުކަށް ޤަޠަރު ވާއިރު، އެ ގައުމު އޮތް ތަނުގެ ގޮތުން އެގައުމުން މެދު ނުކެޑި ބޭރަށް ގޭސް ފޮނުވުމަށް ހިސާރުގެ ސަބަބުން ހުރަހެއް ނޭޅެއެވެ. ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީ މަތިން ދަތުރުކުރަމުން އައި ޤަޠަރު އެއާވޭސްގެ ފްލައިޓުތަކުގެ މިސްރާބު ބަދަލުކޮށް، އެ އެއާލައިންގެ ފްލައިޓުތައްވެސް މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވެއެވެ.

ސައޫދީ އަރަބިއްޔާ ތެރެއިން ލާފައި ޤަޠަރަށް އެތެރެކުރަމުން ދިޔަ އިމާރާތްކުރުމަށް ބޭނުންވާ ސާމާނުވެސް އެހެން މަގަކުން އެތެރެކުރަން ފަށައި، 2022 ވަނަ އަހަރުގެ ފުބްބޯޅަ ވާލްޑް ކަޕް ބޭއްވުމަށް ހަދާ ބޮޑެތި ސްޓޭޑިއަމްތަކާއި، ހައިވޭތަކާއި، އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައި ވެއެވެ.

މިހުރިހާ ކަންކަމަށް ބަލާއިރު، ހިސާރުގެ މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް ބޮޑެތި އިގުތިސާދީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޤަޠަރަށް ޖެހުނުވެ. ޔޫރަޕަށާއި، އެފްރިކާ އަދި އެމެރިކާ ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ދިގު ރާސްތާއަކުން ދަތުރުކުރާ ގޮތަށް ބަދަލުކުރަން ޖެހުމުން ޤަޠަރު އެއާވޭސްއަށް ބިލިއަނެއްހާ އެމެރިކާ ޑޮލަރުގެ ގެއްލުންވިއެވެ. އެހެންނަމަވެސް، ބޮލަކަށް ޖެހޭ އާމްދަނީގެ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގެ ގޮތުގައި އޮތް ޤަޠަރުން ވަނީ މި 'ޝޮކުން' ވެސް އަރައިގެންފައެވެ.

ހިސާރުގެ އުނދަގޫ ދުވަސްވަރު ކަޑައްތުކުރުމަށް ފަހު މާ ބޮޑު ގެއްލުމެއް ނުލިބި އަލުން ކުރިން އޮތް ހާލަތަށް އެނބުރި އައުމަކީ ޤަތަރަށް ލިބުނު ކާމިޔާބީއެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.