ރާއްޖެ - ޤަތަރު : އަލުން ގުޅުން ޤާއިމުކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިޔާސީ ގުޅުން ކަނޑާލާފައި އޮތް ޤަޠަރާ ރާއްޖެއިން އަލުން ގުޅުން ޤާއިމުކޮށްފިއެވެ.

ތިން އަހަރަށް ފަހުން ރާއްޖެއިން ޤަތަރާއިއެކު ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމާފައިވާކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ހާމަކުރައްވާފައެވެ. ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤަތަރާއި ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން އެޤައުމުގެ ފޮރިން މިނިސްޓަރ ސުލްޠާން ބިން ސާދު އަލް މުރައިޚީއާ މަޝްވަރާކުރައްވާފައިވާކަމަށެވެ.

ރާއްޖެއިން ޤަތަރާއިއެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ  2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. ރާއްޖޭގެ އޭރުގެ ނިންމުމަކީ ސަޢުދީ ޢަރަބިއްޔާއާ ޤަޠަރާދެމެދު އޭރު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ސަޢުދީގެ މޯހިރުގައި ނިންމި ނިންމުމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.  އޭރު ސަޢުދީގެ ނިންމުމާއެކު އެޤައުމާ އެންމެގާތް ގަލްފުގެ އެހެން ޤައުމުތަކުންވެސް ޤަޠަރާ ގުޅުން ކަނޑާލިއެވެ. ގަލްފުގެ ޤައުމެއް ނޫނަސް ރާއްޖެވެސް ހިމެނުނީ މިބައިގައެވެ.

ސަޢުދީއާ ޤަޠަރާދެމެދު ގުޅުން ގޯސްވީ ޓެރަރިޒަމާއި ޓެރަރިސްޓު ޖަމާޢަތްތަކަށް ޤަޠަރުން ފަންޑުކުރާކަަމަށް ތުހުމަތުކޮށެވެ. އަދި ސަޢުދީގެ ޒަމާންވީ ވާދަވެރިޔާ އިރާނަށް އެކިކަންކަމުގައި ޤަޠަރުން ވާގިވެރިވާކަމަށްވެސް ތުހުމަތުކުރެވުނެވެ. ރާއްޖެއިން ޤަޠަރާ ގުޅުން ކަނޑާލައި ކުރީގެ ސަރުކާރުން ނެރުއްވި ބަޔާނުގައިވަނީ މިއީ ޓެރަރިޒަމާއި ހައްދު ފަހަނަޅާ ދިއުމާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެއްކަމުގައެވެ.

ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ޤަޠަރާ ރާއްޖެ އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. އެހެންނަމަވެސް މިހާތަނަށް މިގުޅުން އަލުން ޤާއިމުނުވެ އޮތީ ސަޢުދީ ޢަރަބިއްޔާއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމަށް ބުރޫއަރާފާނެތީކަމަށް ނުރަސްމީ މަޢުލޫމާތުތަކުން އެނގެއެވެ. އެހެންނަމަވެސް މިހާރު ސަޢުދީން ޤަޠަރާ ރުހުމުން ރާއްޖެއިންވެސް މިވަނީ އަލުން ގުޅުން ޤާއިމުކޮށްފައެވެ.

ރާއްޖެއާއި ޤަތަރާއި ދެމެދު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރީ 1984ވަނައަހަރުގެ މޭ މަހުގެ 26ވަނަދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.