އަކްރަމްގެ މާނަފުން މެސެޖެއް "އެކުވެރިޔާ"އަށް

އީސީގެ ނާއިބު ރައީސް އަހުމަދު އަކުރަމް: ފޮޓޯ އީސީ

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކުރަމަކީ އޭނާ އެކޮމިޝަނުގެ މެމްބަރަށް ޢައްޔަންކުރިފަހުން މެމްބަރުކަމުން ވަކިވެވަޑައިގަތުމާހަމައަށްވެސް ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ. މީޑިއާއާ ގާތް ބޭފުޅެކެވެ. އެކޮމިޝަނުގެ އެކިއެކި ކަންކަމުގައި ނޫސްވެރިންނަށް އެންމެ އަވަހަށް ގުޅޭ ބޭފުޅަކީ އަކުރަމެވެ. އިލެކްޝަންސް ކޮމިޝަން ތަމްސީލްކުރުމަށް އެންމެ ގިނައިން ޓީވީ ޕްރޮގްރާމްތަކާއި އެނޫންވެސް ޙަރަކާތްތަކަށް ވަޑައިގެންނެވި އެއް ބޭފުޅަކީވެސް އަކްރަމެވެ. އޭނާއަކީ މަޑުމައިތި ހިތްޕުޅު ހެޔޮ މިޒާޖެއްގެ ބޭފުޅެކޭ ދެންނެވިޔަސް ކުށަކަށް ނުވާނެއެވެ.

ކޮންމެއަކަށް އިލެކްޝަންސް ކޮމިޝަނަކީ އެކިއެކި އިންތިޚާބުތަކާ ގުޅިގެން އަބަދުވެސް އެކި މީހުންގެ އެކިކަހަލަ ތުހުމަތުތައް އަމާޒުވާ މުއައްސަސާއެކެވެ. އަކްރަމް އެކޮމިޝަން ޢައްޔަންކުރިފަހުން މިފަދަ އެންމެ ބޮޑު ތުހުމަތުތައް އެކޮމިޝަނަށް އަމާޒުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެންނެވެ. އެހެންނަމަވެސް ތުހުމަތުގެ އިނގި މައިގަނޑުގޮތެއްގައި އަމާޒުވީ އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފަށެވެ. އަކްރަމަކަށް މާބޮޑު ފާޑުކިއުމެއް އަމާޒެއް ނުވެއެވެ.

އެހެންނަމަވެސް 2020ވަނަ އަހަރުގެ ފަހުކޮޅު ކުއްލިއަކަށް އަކްރަމާ ބެހޭގޮތުން އާދަޔާ ޚިލާފު މައްސަލައެއް ފެންމަތިވިއެވެ. އެއީ އޭނާ ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ އަންހެން މުވައްޒަފުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ.

މިމައްސަލައާ ގުޅިގެން އަކްރަމް ވަރަށް ގާތުން ދަންނަ ބައެއް މީހުން އަޅުގަނޑަށް މަޢުލޫމާތުދިންގޮތުގައި އަކްރަމަކީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ދުވަހަކުވެސް އަކްރަމްގެ ފަރާތުން އެފަދަކަމެއް ފާހަގަކުރެވިފައިވެސް ނުވާކަމަށް އެމީހުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވެސް މީޑިއާގައި ވިދާޅުވެފައިވަނީ އަކުރަމަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ މީހެއް ނޫން ކަމަށެވެ.

އެހެންނަމަވެސް މިބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގެ ސަބަބުން ވީކަމެއް މިކަމުގައި ނެތެވެ. އަކްރަމްގެ މައްސަލަ ބެލުމަށްފަހު ފާއިތުވި އަހަރުގެ ނޮވެމްބަރުމަހުގެ 18ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމެވީ އިކެޝަންސސް ކޮމިޝަނުގެ މެންބަރުކަމުން އަކްރަމް ވަކިކުރާށެވެ.

އެހެންނަމަވެސް މަޖިލީހުން ވަކިކުރެއްވުމުގެ ކުރިން ނޮވެމްބަރުމަހުގެ 19ވަނަ ދުވަހު އަކްރަމްވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ. އަކުރަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ނިންމާފައިވާތީ އެ ކޮމިޓީގެ އިތުބާރެއްނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާތީކަމަށެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއް ކަމާއި އެމައްސަލައިގައި ތުހުމަތު ކުރެވިފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާކަމުގެ ޔަގީންކަން ދެއްވާކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އަކްރަމްގެ މައްސަލާގައި އަދި މީޑިއާއަށް ތިލަނުވާ "ކަންތައްގަނޑެއް" އެބައޮތްކަމަށް ދޭހަވެއެވެ. އެއީ ކޮންކަމެއް ކަމެއް ނޭނގެއެވެ. މިދިޔަ ހޯމަދުވަހު އަކްރަން ކުރައްވާފައިވާ މަނަފުން ޓްވީޓުންވެސް މިކަން އިތުރަށް ޔަޤީންވެއެވެ. އޭގައި އޭނާ ވިދާޅުވަނީ " އޭ އެކުވެރިޔާއެވެ. ތިބާއަށް އެނގިހުރެ އަނެކާ ފަޟީހަތްކޮށް ދޮގު ނުފަތުރާށެވެ. ކުރިއެރުމާއި ރުހުން ހޯދުމަށް އަނެކާއަށް އަނިޔާއެއް ނުދޭށެވެ. އެކުވެރިޔެއްގެ ގޮތުގައިހުރެ ކެހިވެރިޔަކަށް ނުވާށެވެ. ﷲއީ އަހަރެމެން އެއްމެންގެ ވެރި އިލާހެވެ. ތިބާގެ އެކަނި ނޫނެވެ." މިހެންނެވެ. މިވިދާޅުވި ބަހުގެ ހަޤީޤީ ދޭހައެއް ހޯދާލުމަށް އަކްރަަމަށް ގުޅާލީމެވެ. ނަމަވެސް އިހަށް އޭނާ ގެންގުޅުއްވި ފޯނުނަމްބަރަކަށް ގުޅޭގޮތެއް ނުވިއެވެ.

ކޮންމެއަކަސް އަކްރަމަކީ އެއްވެސް ކުށެއް ނުކުރައްވާ މަޢުޞޫމު ބޭފުޅަކަށް ވާނަމަ، ބަޔަކު މިވަރުގެ ބޮޑު އިލްޒާމެއް އޭނާގެ އިސްތަށިފުޅުގައި އެޅުވުމުގެ ބޭނުމަކޯ ކޮބައިބާއެވެ؟ "ރުހުން ހޯދުމަށް" އެބޭފުޅާއަށް އަނިޔާކުރަން އުޅުނީ ކާކުބާއެވެ؟ މިސުވާލުތަކުގެ ޖަވާބު އެބަ ބޭބުންވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.