"ކައުންސިލް އިންތިޚާބު ނުބޭއްވޭފަދަ ޙާލަތެއް ނެތް"

މިހާރު ރާއްޖޭގައި އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭފަދަ ޙާލަތެއް ނޫންކަމަށާ، ޤާނޫނު އަސާސީއާ ޚިލާފަށް އިންތިޚާބު ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށާ، ޢާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތަސް، ޤައުމު މިވަގުތު އޮތީ ފުރަބަންދުގެ  ޙާލަތަކު ނޫންކަމަށެވެ.

އެހެންކަމުން މިޙާލަތުގައި ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުންކަމަށް ސިފަކުރައްވައި ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެފައިވަނީ އެފަދަކަމެއްގައި ބައިވެރިވާ އެންމެހައި ފަރާތްތައް އެކަމުގެ ޤާނޫނީ ޒިންމާ އުފުލަންޖެހޭނެކަމަށެވެ. އަދި އެފަދަ އެންމެހައި ފަރާތްތައް ޖަވާބުދާރީ ކުރެވޭނެކަމަށެވެ.

މިއަދު ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ ފެބްރުއަރީމަހުގެ ކުރީކޮޅު ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެވިއްޖެނަމަ ކައުންސިލް އިންތިޚާބު ބޭއްވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން މަސައްކަތް ކުރައްވަމުންދާކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3ވަނަދުވަހުގެ ނިޔަލަށް އިތުރުކުރުމާއެކު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ 6 މާރޗު 2021ގައި އެ އިންތިޚާބު ނުބޭއްވޭނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.