ވިކިލީކްސްގެ ބާނީ ޖޫލިޔާން އަސާންޖް އެމެރިކާއާއި ހަވާލުކުރުން އިނގިރޭސި ކޯޓުން ހުއްޓުވައިފި

އިނގިރޭސިވިލާތުން ހައްޔަރުކޮށްފައި ހުރި ވިކިލީކްސްގެ ބާނީ ޖޫލިޔާން އަސާންޖް އެމެރިކާގެ އެދުމުގެ މަތިން އެގައުމާ ހަވާލުނުކުރެވޭނެކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން މިއަދު ނިންމައިފިއެވެ. އެމެރިކާއިން އަސާންޖް އެގައުމަށް ގެންދަން މަސައްކުރަނީ ޖާސޫސުކުރުމާ ބެހޭ ގާނޫނާއި، ސަރުކާރުގެ ކޮމްޕިއުޓަރުތަކަށް ވަގަށް ވަދެ ސިއްރު ލިޔުންތައް ނަގަން ރާވައި އެކަން ކުރުމުގެ ކުށުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.

ލަންޑަންގެ އޯލްޑް ބެއިލީގެ ޑިސްޓްރިކްޓް ޖަޖް އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ ޖޫލިޔާން އަސާންޖުގެ ސިކުނޑީގެ މިހާރުގެ ހާލަތަށް ބަލާއިރު، އޭނާ އެމެރިކާއާއި ހަވާލުކުރެވެން ނެތްކަމަށެވެ. އެއީ، އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

"މިސްޓަރ އަސާންޖްގެ ސިކުނޑީގެ ހާލަތު ހުރި ގޮތުން އަހަރެންނަށް ފެންނަނީ އޭނާ އެމެރިކާއާއި ހަވާލުކުރުމަކީ އޭނާއަށް ދެވޭ އަނިޔާއަކަށް ވެދާނެކަމަށް ފަނޑިޔާރު ވެނޭސާ ބެރެއިސްޓާ ވިދާޅުވިއެވެ.

އެމެރިކާއާއި ހަވާލުކޮށްފިނަމަ އުމުރުން 49 އަހަރުގެ އަސާންޖްގެ މައްޗަށް ޖާސޫސުކުރުމުގެ 17 ދައުވާއާއި ކޮމްޕިއުޓަރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 ކުށުގައި އޭނާގެ މައްޗަށް ޖުމްލަ 175 އަހަރުގެ ޖަލު ހުކުމް އައުން އެކަށީގެން ވެއެވެ.

ފަނޑިޔާރު ހުކުމް އިއްވެވި އިރު އަސާންޖް އިނީ ހިމޭނުންނެވެ.

ދިފާއުގައި އޭނާގެ ވަކީލުން ބުނެފައި ވަނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ފަހަތުގައި ހުންނަވައިގެން މުޅި މައްސަލަ ސިޔާސީކޮށްފައިވާ ކަމުގައެވެ. އަދި އޭނާ އެމެރިކާއާ ހަވާލުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމުގައެވެ.

އަސާންޖް އެމެރިކާއާ ހަވާުލުކުރުމާ ދެކޮޅަށް އޭނާގެ ދިފާއީ ވަކީލުން ދެއްކި ހުރިހާ ގާނޫނީ ހުއްޖަތެއް ފަނޑިޔާރު ބެރެސްޓާ ވަނީ ގަބޫލުފުޅުނުކުރައްވައި ރައްދުކުރައްވާފައެވެ. އަސާންޖް އެމެރިކާއާ ހަވާލުކުރުން އޭނާ ހުއްޓުވީ މުޅިން އެހެން މައްސަލައެއްގައެެވެ.

"ގާތްގަނޑަކަށް މުޅިންހެން އެކަހެރި ހާާލަތެއްގައި އޭނާ ހުންނަން ޖެހޭއިރު..... އޭނާ އަމިއްލައަށް މަރުވެގަންނާނެ ގޮތެއް ހޯދުން (އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ) ފިޔަވަޅުތަކުން ނުހުއްޓޫވޭކަން ރަނގަޅަށް ގަބޫކުރެވޭ." ފަނޑިޔާރު ވިދާޅުވިއެެވެ.

އެމެރިކާ ސަރުކާރުން ވަނީ މި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ބުނެފައެވެ.

އަސާންޖުގެ ވަކީލުން ބުނީ އަސާންޖުގެ ކަފާލަތާ މެދު ގޮތެއް ނިންމުމަށް އަންނަ ބުދަ ދުވަހު ބާއްވާ އަޑުއެހުމުގައި ބެލްމާޝް ހައި ސެކިއުރިޓީ ޖަލުން އަސާންޖް މިނިވަންކޮށްދިނުމަށް ހުށަހަޅާނެ ކަމުގައެވެ.

އިނގިރޭސި ފުލުހުންނަށް އަތުނުވާން ވެެގެން ލަންޑަނުގައި ހުންނަ އެކުއަޑޯގެ އެމްބަސީއަށް 2012 ވަނަ އަހަރުގެ ތެރޭގައި ވަން ޖޫލިޔާން އަސާންޖް 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހު އެެތަނުން ނުކުތުމާއެކު އިނގިރޭސި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭރުއްސުރެ އޭނާ ހުރީ ބެލްމާޝް ހައި ސެކިއުރިޓީ ޖަލުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.