އާދީއްތަދުވަހު ސްކޫލްތައް ހުޅުވަނީ

މިހާރު އޮތް ތަޢުލީމީ ކަލަންޑަރާ އެއްގޮތްވާ ގޮތުގެމަތިން އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިކަން ހާމަކުރައްވާފައި މިވަނީ ކޮވިޑް-19 އިގެ ޙާލަތާ ގުޅިގެން އަދިވެސް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާތީ ސްކޫލްތައް ހުޅުވާނެތޯ ބެލެނިވެރިން ސުވާލު އުފައްދާފައިވަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި އިއުލާނެއްގައިވަނީ ތަޢުލީމީ ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވޭނެކަމަށެވެ. މިއީ 2020ވަނަ އަހަރުގެ ދެވަނަ ސެމިސްޓާއާއި 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށުމެވެ.

އާދީއްތަ ދުވަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12އާ ހަމައަށް ހުރިހާ ދަރިވަރުންނަށެވެ.

މިގޮތަށް ހަމަޖެއްސެވިޔަސް. ކޮވިޑް-19އާ ގުޅިގެން ފުރަބަންދު ނުވަތަ މޮނީޓަރިންއަށް ލާ ރަށްރަށުގައި ޚާއްސަ އުސޫލަކުން ޢަމަލުކުރާނެއެވެ. ފުރަބަންދުގައި ހުރިހާ ސްކޫލެއް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ޙާލަތަށް ރަށެއް ލައިފިނަމަ އެރަށެއްގެ ސްކޫލްތަކުގައި ކިޔަވައިދޭނީ އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

ތަޢުލީމީ ކަލަންޑަރުގައުވާގޮތުން މިޖެނުއަރީ 10ގައި މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށޭނެއެވެ. އަދި އަންނަ ޖޫންމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް މިސެމިސްޓާ ކުރިއަށްދާނެއެވެ. މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓްމަހުގެ 10ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.