ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަތުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ އަހަރުގެ މާޗް މަހުގެ 12ވަނަދުވަހު ޢިއުލާންކޮށް އޭގެފަހުން ރާއްޖޭގައި ދަމަހައްޓާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 3 ފެބުރުވަރީ 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ހެލްތު މިނިސްޓަރު ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ވަނީ ހާމަކުރައްވާފައެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރި ޤަރާރުގައިވަނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ.

އެ ނުރައްކާ ކުޑަކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތު މިނިސްޓަރ އަންގަވާފައިވާކަމަށެވެ. މިގޮތަށް އަންގަވާފައިވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ޢާއްމު ޞިއްޙަތުގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިތުރުކުރި މިއީ 10ވަނަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.