"އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެބޮޑު މަރާމާތް، މިހާރުދަނީ ކުރެވެމުން"

އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެބޮޑު މަރާމާތް، މިހާރުދަނީ ކުރެވެމުންކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުންފެށިގެން ދަނީ ކުރަމުންކަމަށެވެ.  އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަ ބައެއް ފޮޓޯއާއެކު އިސްލާމިކް މިނިސްޓްރީންވަނީ ޓްވީޓްކުރައްވާފައެވެ.

މިހާރުވާނީ އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައިކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ އިސްލާމީ މަޒުކަޒުގެ އާބާތުރަ ފިލުވައި ރަނގަޅަށް ބަލަހައްޓަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ގޮވާލެއްވި ޚަބަރު އާފަތިހުން ގެނެސްދިންދާ 2 ދުވަސް ފަހުންނެވެ. ވައްޑެ މިކަމަށް ގޮވާލެއްވީ އިސްލާމީ މަރުކަޒުގެ ބޭރުގައި ލާފައިވާ ކުލަ ފޮޅިފައިވާ މަންޒަރާއި، އެނޫންވެސް މަރާމާތުކުރަންޖެހޭ ކަންކަން ފެންނަހެން ފޮޓޯ ނަންގަވައި އެއާއެކު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ބިނާއެއްކަމަށެވެ. އަދި މިހާރު މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށާ، މިތަން ރަގަޅަށް ބަލަހައްޓައިދެއްވުމަށް އެދޭ ކަމަށެވެ. ވައްޑެއަކީ މިހާރުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.