ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ ދެ އަވަށަކަށް ހަނގުރާމަވެރިން އިއްޔެ ބަޑިން ހަމަލާދީ 79 ވަރަކަށް މީހުން މަރާލައިފިއެވެ. މިހަމަލާ ދިންކަމަށް ތުހުމަތުކުރެވެނީ އަލްޤާޢިދާ ނުވަތަ އިސްލާމިކް ސްޓޭޓް (އައެސް) އާ ގުޅިިފައިވާ ހަރުކަަށި ހަނގުރާމަވެރި ޖަމާއަަތަކަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި ނައިޖަރުގެ ހުޅަނގުގައި މާލީގެ ސަރަަައްދީ ރޮނގު ކައިރީގައި އޮންނަ ޗޮންބަންގޫ އަވަށަށް ދިން ހަމަލާގައި 49 މީހުން މަރުވެ 17 މީހުންނަށް އަނިޔާވެފައި ވެއެވެ. ކައިރީގައި އޮންނަ ޒަރޫމްދާރެޔޭ އަވަަަށަށް ދިން ހަމަލާގައި 30 މީހުން މަރުވެފައި ވެއެވެ.
ނައިޖަރުގެ އިންޓީރިޔާ މިިނިސްޓަރު އަލްކާޝޭ އަލްހަދާ ވެސް ވަނީ މަންގައިޒޭ ސަރަހައްދުގައި އޮންނަ މި ދެއަވަށް ހަމަލާދީފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނާ ހަވާލާދީ ޚަބަރުފަތުރާ ބައެެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ހަމަލާދީފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮން މާލީ ތެރޭން ނައިޖަރަށް ވަން ހަނގުރާމަވެރިންގެ ބައެެކެެވެ.
ނައިޖަރު އެ ސަރަހައްދެއްގައި އޮންނަ ހުޅަނގު އެފްރިކާގެ ސާހިލް ސަރަހައްދަކީ އަލްޤާޢިދާއާއި އައެސްްއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަރަކާތްތައް މިފަހަަކަށް އަައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ސަރަހައްދެކެވެ. ނައިޖަރުގެ ހުޅަނގަށް އޮންނަ ދެގަައުމު ކަމަށްވާ މާލީއާއި ބުރްކީނާ ފާސޯ އަދި އިރުދެކުނަށް އޮންނަ ނައިޖީރިޔާގައި މި ޖަމާއަތްތަކުން ދިން ހަމަލާތަކުގައި ފާއިތުވި އަަހަރުވެސް ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފައެެވެ.
އދ، އިން ލަފާކުރާ ގޮތުގައި މާލީއާއި ބުރްކީނާ ފާސޯގައި ހަރުކަަށި ހަނގުރާމަވެރި ޖަމާއަތްތަކުން 2019 ވަނަ އަހަރު ދިން ހަމަލާތަކުގައި 4 ހާހެއްހާ މީހުން މަރުވެފައި ވެއެވެ.
މި ހަމަލާދީފައި މިވަނީ ނައިޖަރުގައި ފާއިތުވި ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިއުލާންކުރި ދުވަހުއެެވެ.
އިންތިޚާބު ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ވޯޓު ހޯއްދެވީ ކުރީގެ އިންޓީރިޔާ މިނިސްޓަރު އަދި ވެރިކަންކުރާ ނައިޖަރިޔަން ޕާޓީ ފޯ ޑިމޮކްރަސީގެ ކެންޑިޑޭޓު މުޙައްމަދު ބަޒޫމްއެވެ. އޭނާ ވަނީ ވޯޓުގެ %39 ހޯއްދަވާފައެވެ. %17 ވޯޓާއެކު ދެވަނަ ހޯއްދެވީ ކުރީގެ ރައީސު މަހަމާނޭ އުސްމާންއެވެ. އަންނަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ މި ދެބޭފުޅުންނެވެ.