އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރކުރައްވައިފި

ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއަިން ރިޓަޔަރ ކުރައްވައިފިއެވެ.

ޑރ.ފައިރޫޝް ވަޒީފާއިން ރިޓަޔަރ ކުރެއްވިކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފައިރޫޝްގެ ޚިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ޑރ. ފައިރޫޝް މިހާތަނަށްހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ފައިނޭންސާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ޑރ.ފައިރޫޝްއަކީ ފުލުހުންގެ މުއައްސަސާގައި މިވަގުތު ތިއްބެވި ޢިލްމީގޮތުން އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ. އެގޮތުން އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އޭނާ ވަނީ ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާފައެވެ.

1998ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތް ފައިރޫޝް ވަނީ ޖުމުލަ 20 އަހަރާއި 1 މަސްދުވަސް މި ޚިދުމަތުގައި ޤައުމަށް ޚިދުމަތްކުރައްވާފައެވެ.

ޑރ.ފައިރޫޝް ރިޓަޔަރކުރައްވާފައި މިވަނީ ދިވެހިފުލުހުންގެ ޚިދުމަތުގެ ބިލް ތަސްދީޤުކުރެއްވި ދަނޑިވަޅާ ދިމާކޮށެވެ. އެއީ ފުލުހުންގެ ޚިދުމަތާއި މުއަސަސާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވާ ބިލެކެވެ. ނިމިދިޔަ ޑިސެމްބަރުމަހުގެ 27ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިބިލް ތަސްދީޤުކުރެއްވުމާ ގުޅިގެން މިހާރު ވަނީ ބިލް ޤާނޫނަކަށްވެފައެވެ. އެދުވަހުންފެށިގެން ތިން މަސްދުވަސް ހަމަވުމުން މިއަށް ޢަމަލުކުރަން ފަށާނެއެވެ.

މިބިލާމެދު އިދިކޮޅު ފަރާތްތަކާއި ފުލުހުންގެ ޚިދުމަތުގައި ކުރިން އުޅުއްވި ބައެއް ބޭފުޅުންގެ މުރުހުން ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް އަމާޒުވެފައެވެ.

މިބިލް މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 6ވަނަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.