ދީނީ ހައްދުފަހަނައެޅުން ހުއްޓުވޭނީ ޞައްޙަ ޢަޤީދާ އުނގަންނައިދީގެން - ޑރ.ޝަހީމް

ދީނީ ޙައްދު ފަހަނައެޅުން ހުއްޓުވޭނީ ހަރުދަނާ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ޢަޤީދާ އުނގަންނައިދީގެންކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރުކަމާއި، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ ޑރ.މުޙަންމަދު ޝަހީމް ޢަދީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދީނީގޮތުން ހައްދުވަހަނައެޅުމާއި އެކަމުގެ ނުރައްކާތެރިކަމާ ގުޅިގެން މިހާރު މުޖުތަމަޢުގައި ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ މިމައްސަލަ ޙައްލު ކުރުމަށްޓަކައި ދައުލަތުގެ ދީނީ ޝިޢާރު ފާޅުކުރުމުގެ ނިޒާމު ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ އިސްލާމީ އިސްތިރާތީޖީ ޕްލޭނެއް އޮތުން މުހިންމުކަމަށެވެ. އަދި ދައުލަތުގެ ފަތުވާ ދިނުމުގެ ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއްކަމަށް ޑރ.ޝަހީމް ޓްވީޓްކުރައި ވިދާޅުވެފައިވެއެވެ.

އަދުގެ ޖީލަށް ބޭނުންވާ ދީނީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ފަސޭހަގޮތެއްގައި ރަސްމީ އިދާރާތަކުން ލިބޭނޭ މަގުތައް ފަހިވެފައި އޮތުންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ  އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ވަރުގަދަ ވުމަކީ ދީނީ ހަރުކަށިކަމަށް ކޮށާލެވޭ މަގެއްކަމަށެވެ. އެހެންކަމުން ދީނަށް ފުރައްސާރަކުރުން ހުއްޓުވައި އިސްލާމްދީނަށް ތައުހީނުކުރުން ހުއްޓުވަން ޤާނުނީ ފިޔަވަޅު އެޅުމާއެކު ނަސޭޙަތްތެރިވެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭނެކަމަށެވެ. އަދި ފިކުރީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢިލްމީ ގޮތުން މަސައްކަތްކުރަންޖެހޭކަމަށާ، އެ މަސައްކަތް ވަރުގަދަ ކޮށްފި ނަމަ ފިކުރީ ގޮތުން އިސްލާމްދީނާ ގުޅުވައިގެން އުފެދޭ މައްސަލަތަކަށް ޙައްލު ގެނެވޭނެކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

އިސްލާމްދީނުގެ ނަމުގައި އެދީނާ ޚިލާފު ބައެއް ކަންކަން މުޖުތަމަޢުގައި ފެތުރުމާއި ރާއްޖެއިން ބޭރުގައި އުފެދިފައިވާ މިފަދަ އެކިއެކި ޙަރަކާތްތަކާ ގުޅެން ފިލައިގެންދާ ދިވެހިންގެ މައްސަލަ، ފަހަކަށްއައިސް ވަނީ ވަރަށް ބޮޑުވެފައެވެ. މިކަން ޙައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކި ފިޔަވަޅުތައް އަޅުއްވަމުންވެސް ދެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.