ބިޑިބޯ ފަނޑިޔާރު ވިއްކާ ނިޔާ

ޖަމާޢަތެއްގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ބިނާވެގެންވަނީ އެތަނެއްގައި ޢަދްލު އިންސާފު ޤާއިމްކުރެވިފައި އޮންނަ ގޮތެއްގެ މައްޗަށެވެ. ޚާއްޞަކޮށް ، އިސްލާމީ މުޖުތަމަޢެއްގައި އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތައް އެއީ އެތަނެއް ހިނގަ ހިނގާ އޮންނަންޖެހޭ ޢާންމު ޤާނޫނެވެ. އެހެނީ ، އިސްލާމްދީނަކީ ، އިންސާނުންގެ ޢަމަލުތައް ޖާހިލުކަމާއި ޝިރުކުން ތަޣައްޔަރުވެފައި ވަނިކޮށް ، 7 އުޑުމަތިން ، ﷲ ބާވައިލެއްވި މަތިވެރި ދީނެކެވެ. ދީނަކީ  ، އިންސާނާ ޚަލްޤުކުރައްވައި މިދުނިޔެއަށް ފޮނުއްވި ފަރާތުން، ދުނިޔޭގައި އުޅުމަށް އިންސާނާއަށް އަންގަވާފައިވާ މަގެވެ. އިންސާނާ އުފައްދަވައި ، މިދުނިޔެއަށް ފޮނުއްވީ ހިތައް އެރިހާ ގޮތަކަށް އުޅެއުޅެފައި ، އެއިންސާނާ ހެއްދެވި ފަރާތައް އަނބުރާ ދާކަށްނޫނެވެ. އިންސާނާ އުޅުމަށް އަންގަވާފައިވާގޮތަށް ދިރިދުނިޔޭގައި އުޅެފައި ، ހެއްދެވި ފަރާތަށް އަނބުރާ ދާގޮތަށެވެ. ﷲ ގެ ޙަޟުރަތަށް އެނބުރި ދާންޖެހޭނެކަން ކަށަވަރެވެ. ނުގޮސް ވާކަށް ނޯވެއެވެ. އެހެނީ މަރުނުވެ އެއްވެސް އިންސާނަކަށް ދިރި ދުނިޔޭގައި ، އެ އިންސާނާ ބޭނުންހާ ދުވަހަކު ނުހުރެވޭނެއެވެ.

އިންސާނާ މަރުވެ ، މިދުނިޔެ ދޫކޮށް ﷲ ގެ ޙާޟުރަތަށް އެނބުރި ދާހިނދު ، ދެން ކުރިމަތިވަނީ ބަރުޒަޚުގެ ޢާލަމާއެވެ. އިންސާނާ ދިރި ދުނިޔޭގައިހުރި ދުވަސްތަކުގައި އޭނާގެ ޢަމަލުތައް ބެހެއްޓިގޮތާމެދު އިންސާނާ އާ ސުއާލުކުރެވެއެވެ.  ޤިޔާމަތާ ޖެހެންދެން ، އެއިންސާނާ ވަޅުލެވިފައި އެއޮންނަނީ ، އޭނާގެ ހަށިގަނޑުގެ ވަށައިގެން ފިތިބާރުވާގޮތަށް ކޮނެވިފައިވާ ކުޑަ ކަށް ވަޅުގަނޑެއްގައެވެ. ކަށްވަޅު އަނދިރިވެސް ވެދާނެއެވެ. އަދި އަލިނޫރަކުން އުޖާލާވެސް ވެދާނެއެވެ. ކަށްވަޅުގެ އަލިކަމާއި އަނދިރިކަން ބިނާވެގެންވަނީ ، އެއިންސާނާ ދުނިޔޭގައި ދިރިހުރިއިރު އޭނާކޮށްފައިވާ ހެޔޮ އަދި ނުބައި ޢަމަލުތަކުގެ މައްޗަށެވެ.

ދިރި ދުނިޔޭގައި ހުންނައިރު ، ހެޔޮ ޢަމަލާއި ނުބައި ޢަމަލު ކުރުމުގައި އިންސާނާއަށް އިޚުތިޔާރު ތަކެއް ދެއްވާފައި ވެއެވެ. އެހެންނަމަވެސް ، އެއިޚުތިޔާރުތައް ދެއްވާފައިވަނީ ، ދުނިޔޭގައި އިންސާނާ އުޅެންވާނެގޮތް އަންގަވާފައެވެ. ފަރުޟުތަކާއި ވާޖިބުތައް ސާފުކޮށް ދެއްވާފައެވެ. ކުރަންވީ ކަމަކާ ނުކުރަންވީ ކަންކަން އަންގަވާފައެވެ.

ކީރިތި ޤުރުއާނުގެ އައްޒަލްޒަލަ ސޫރަތުގެ އެންމެ ފަހު ތިން އާޔަތުގައި ބަޔާންވެގެންވާ ފަދައިންނެވެ. " އެދުވަހުން މީސްތަކުން ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް ، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ ، ޒައްރެއްގެ މިންވަރުވިޔަސް ، ހެޔޮޢަމަލެއް ކޮށްފިމީހާ ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް ، ނުބައިކަމެއް ކޮށްފިމީހާ ، އޭނާ އެކަން ދެކޭނެތެވެ. "

އިސްލާމްދީނަކީ އެންމެފަހުގެ ދީނެވެ. އެދީން އައުމަށްފަހު އެހެން ދީންތައް ވަނީ ބާތިލުކުރެވިފައެވެ. ކީރިތި ޤުރުއާނަކީ ﷲ އެންމެފަހުން ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އެފޮތް ބާވައިލެއްވުމުން އެހެން ފޮތްތައް ވަނީ މަންސޫޚު ކުރެވިފައެވެ. އިންސާނާ ދުނިޔޭގައި އުޅެންވީގޮތް ، ﷲ ވަނީ ، ހަތް އުޑުމަތިން ބާވައިލެއްވި އެކަލާނގެ ކަލާމްފުޅު ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައި އަންގަވާފައެވެ. އެޤުރުއާން ބާވައިލެއްވުނީ ، ޙައްޤާއި ބާތިލު ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނަކީ ، ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އެފަދަ ދެވަނަ ފޮތެއް ނުވެއެވެ. އަދި އިންސީންނާއި ޖިންނިންނަށް ވެސް އެފަދަ ފޮތެއް އުފަންކުރުމުގެ ކުޅަދާނަކަން ލިބިގެންނެއް ނުވެއެވެ. އެފޮތުގައިވާ ޙުކުމް ތަކަކީ ، އިންސާނުންގެ މެދުގައި ޢަދްލު އިންޞާފު ޤާއިމްކުރުމަށް އޮތް ހަމައެކަނި މަގެވެ.

ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ، ﷲ ގެ ރަސޫލާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ. އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނުގެ ސީރަތަކީ ، ކީރިތި ޤުރުއާނުގެ މަގުން ކުޑަކޮށްވެސް ކައްސާލައިގެން ގޮސްފައިނުވާ ރިވެތި މާތް ސީރަތެކެވެ. ދިރިއުޅުއްވުން ބިނާކުރައްވާފައިވަނީ ، ﷲ އެންގެވި އެންމެ ރިވެތި މަގުގައެވެ. ކީރިތި ޤުރުއާނުގައި ﷲ އަންގަވައި ބަޔާންކުރައްވާފައިވާ ޙުކުމްތައް ، އެކަލޭގެފާނު ވަނީ މީސްތަކުންނަށް ތަފުޞީލުކޮށް ދެއްވާފައެވެ. މީސްތަކުން އުޅުމަށް ﷲ އެދިވޮޑިގެންވާ އަދި ރުހިވޮޑިގެންވާ މަގުތަކާއި ޢަމަލުތައް އެކަލޭގެފާނުވަނީ މީސްތަކުންނަށް އަންގަވާފައެވެ. ޙައްޖަތުލް ވަދާޢުގައި ވިދާޅުވެފައިވާ ފަދައިން ، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީ އެ ދެ އެއްޗެއްގައި ހިފަހައްޓައިފިނަމަ ، އިންސާނާއަށް ފަލާޙާއި ނަޞީބު އަދި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ދެ އެއްޗެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވުމަށްފަހުގައެވެ. އެއީ ﷲގެ ފޮތް ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ސީރަތު ނުވަތަ ދިރިއުޅުއްވި ގޮތްކޮޅު ނުވަތަ ޢަމަލުފުޅުތަކެވެ.

އިންސާނާ ފުރާނައަޅުއއްވައި ދުނިޔެމައްޗަށް އުފަންކުރެއްވި ﷲ ވަނީ އެއިންސާނާ ދުނިޔޭގައި އުޅެންވީ ގޮތް އަންގަވާފައެވެ. ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ވެސް ސާފުކޮށް އަންގަވާފައެވެ. ޢަދްލުވެރިވުމަށާއި އިޙްސާންތެރިވުމަށް ، އަދި މުންކަރާތްތަކާއި އަނިޔާވެރިވެއުޅުން ވެސް ވަނީ ނަހީކުރައްވާފައެވެ.

ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވައި އަންގަވާފައި ވެއެވެ. " ހަމަކަށަވަރުން ، ޢަދްލުވެރިވުމަށާއި ، އިޙުސާންތެރިވުމަށާއި ، ގާތްތިމާގެމީހުންނަށް ހެޔޮފޯރުވުމަށް ، ﷲ އަމުރު ކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި ، މުންކަރާތްތަކާއި އަނިޔާވެރިވެ އުޅުން ، އެކަލާނގެ ނަހީ ކުރައްވަތެވެ. އެކަލާނގެ ، ތިޔަބައިމީހުންނަށް ވަޢުޘު އިއްވަވަނީ ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ. " އެހެން ނަމަވެސް ، އަޅުގަނޑުމެންގެ ތެރެއިން ގިނަ އިންސާނުންވަނީ ﷲ ގެ އަމުރުފުޅުތަކަށް އުރެދި ދެދުނިޔެއިން ގެއްލި ނިމިފައެވެ. މިއާޔަތުން ﷲ އަމުރުކުރައްވާފައިވާ ގިނަކަންކަން ގޮސް ގުޅެނީ ފަނޑިޔާރުންނާ ނުވަތަ ޙާކިމުންނާއެވެ. ފަނޑިޔާރުންނަކީ ، ޢަދްލުވެރިވާން ޖެހޭ ބަޔެކެވެ. އިޙްސާންތެރިވާން ޖެހޭ ބަޔެކެވެ. އަދި ފާފަތަކާއި މުންކަރާތްތަކާ ދުރުވެ ، އަނިޔާވެރިކަމާ ދެކޮޅުވާން ޖެހޭ ބަޔެކެވެ. ޙުކުމް ކުރުމުގައި ، ޢަދްލުވެރި ނިޔާއެއް އިއްވައި ޢަދްލު އިންސާފު ޤާއިމްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުންނެވެ. އެއީ ނަރަކަޔާ ވަރަށް ގާތުގައި ތިބޭ ބަޔެކެވެ. ސަލާމަތްވާނީ ކޮންމެ ތިންމީހެއްގެ ތެރެއިން އެކެކެވެ. ބަނޑުހައިވެގެން އިނދެ ، ނިދިއައިސް އިނދެ އަދި  ރުޅިއައިސް އިނދެ ޙުކުމް ނުކުރުންފަދަ ފަނޑިޔާރުންގެ ތަބީޢަތާ ގުޅޭ ސިފަތަކެއްގެ އިރުޝާދު ، ދީނުގައި ވަނީ އަންގަވާފައެވެ.

އެހެންނަމަވެސް ، މިއަދު ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި  ޢަދްލު އިންސާފާމެދު އިތުބާރެއް އެބައޮތްތޯއެވެ ؟ މިއަދު ، އިންސާނާ ދިރިއުޅޭ ވެށިން މިފެންނަނީ ، ވެރިކަމުގެ ނިޒާމު މަސްހުނިވެ ، ޢަދްލު އިންސާފުގެ ނިޒާމު ގަޑުބަޑުވެ ، ޤާނޫނުހަދާމީހުން ނިޒާމުން ބޭރުވެ ، ހަމައެއް ލަމައެއް ނެތި ، އެމީހަކު ބޭނުން ކޮންމެ ކުށަކަށް ބިރެއްނެތި އަރައިގަންނަ މަންޒަރެވެ. އަދި ، އަގު ޖެހުނީމާ އަމިއްލަ ނަފުސު ވިއްކާލައި ، ހަރާން ލާރިން އަނބިދަރިންނަށް ކާންބޯންދީ ދުނިޔެ އާރާސްތު ކުރާ މަންޒަރެވެ.

ބިޑިބޯ ފަނޑިޔާރު ވިއްކާ ނިޔާގެ ވާހަކަޔަކީވެސް އެފަދަ ކަމެކެވެ. ޢަދުލަކަށް އަދި އިންސާފަކަށް ނުބަލާ ތާނގައި ، ދީނަކަށް މިއްލަތަކަށްވެސް ނުބަލައެވެ. ފަނޑިޔާރުކަން ކިޔެވުނީ ކައިރި ކަރަޔަކުންނާއި ރާއްޖެއާ ދުރުހިސާބަކުން ކަމަށްވާތީ ކަންނޭނގެއެވެ. އިސްލާމީހަމަތަކާ ބީރައްޓެހި ، ހުޅަނގުގެ އިންސާނީ ޙައްޤުތަކަށް " ލޯބިކުރާ " ވިސްނުމެއްގެ ވެރިޔެކެވެ. ވެރިކަމުގެ ނިޒާމު ގަޑުބަޑުވެ ހެވާއި ނުބައި ވަކިނުކުރެވޭ މުޖުތަމަޢެއްގައި ، ވެރިކަންކުރާ މީހުންނާ ދޯޅުވެފައި އެއްވިސްނުމެއްގައި ޢަމަލާއި ފިކުރު ހުންނާތީ ، ބިޑިބޯ ފަނޑިޔާރަށް ވެސް ، އަންހެނަކަށްވިޔަސް ފަނޑިޔާރުކަން ކުރުމުގެ ފުރުޞަތު ލިބުނެވެ. ދެތުންފަތަށް ކަޅުކުލަ އަރާވަރަށް ، ހެސްކިޔާފައި ބިޑިބޮވެއެވެ. ބޮލުގައި ކުލަޖައްސާލިޔަސް އޯކޭ އެވެ. ހަށިގަނޑުގެ ވަނާތައް ހާމަވާގޮތަށް ހެދުން އެޅެއެވެ. އިސްލާމީ މުޖުތަމަޢެއްކަމުގައިވާތީ ، އެންމެ ނިކަމެތި މީހާއަށް ދާނދެން  ޖަމާޢަތުގެ އެންމެން ކަހަލަ ގޮތަކަށް ބުރުގާ އެޅިޔަސް ، ބޮލުގެ އިސްތަށިތައް ހާވާލައިގެން އިނދެ ، ޙުކުމް ކޮށްލެވެއެވެ. އެހެން ފަނޑިޔާރުން އެތައް ދުވަހަކު ބަލަމުން އަންނަ މައްސަލައެއްގައި ، ޢަދްލު އިންސާފުގެ ބޭރުން ، ވަކިގޮތަކަށް ޙުކުމެއް ކޮށްލަން މަޖުބޫރުވާ ޙާލަތުގައި ، ކުއްލިޔަކަށް ގޮނޑިޔަށް އަރާ ބޭނުން ޙުކުމެއް ބޭނުން ގޮތަކަށް ކޮށްލެވެއެވެ. ޙައްޤެއް ބާތިލެއް ނޯވެއެވެ.

ކޮލިލާ ސޭޓުގެ އަހަންމަދަކީ ، ހަތް ކުދިންގެ ބައްޕައެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ، ރިސޯޓުތަކުން ކޮޓަރި ވިއްކުމެވެ. އުތުރުކަރައިގެ ރައްޓެއްސެއްގެ އެހީގައި މި ވިޔަފާރި ވަނީ ވަރަށްބޮޑަށް ފުޅާ ކޮށްފައެވެ. ޚާއްޞަކޮށް ސީނުކަރައިގެ ފަތުރުވެރިންނަށް ކޮޓަރި ވިއްކައިގެން މިވިޔަފާރި އޮތީ އަހަންމަދަށް އެކަނި ނުކުރެވޭ ވަރަށް ފުޅާ ވެފައެވެ. އެހެންކަމުން ، ސީނުކަރައިންވެސް ހައެއްކަ އަންހެން މުއައްޒަފުން ގެނެސް ، ދިވެހިންގެވެސް ބާރަ ވަރަކަށް މީހުން ވަޒީފާއަށް ލައިގެން ޖުމްލަ 17 މުއައްޒަފުންނާއެކު ، އަހަންމަދުގެ ވިޔަފާރި އިތުރަށް ފުޅާ ކޮށް ސީނުކަރައިގެ އެޖެންޓުން އަހަންމަދަށް ދަރާ އޮންނަ ހިސާބަށް ހިނގައްޖެއެވެ. ބައެއް އެޖެންޓުން އަހަންމަދަށް އިތުރަށް އެޑްވާންސްކޮށް ޑޮލަރު ދޭ ހިސާބަށްވެސް ދުއްވާލިއެވެ.

އަހަންމަދުގެ ވިޔަފާރި އެހިސާބަށް ދިޔަތަނާ ސީނުކަރައިގެ އަންހެން އެޖެންޓެއްގެ ކަންތައް މާ ބޮޑުވެއްޖެއެވެ. ފަތުރުވެރިން ފޮނުވާފައި ލާރި ނުދައްކަނީއެވެ. ހަތް މިލިއަން ރުފިޔާއާ ހިސާބަށް ދަރަނި އަރައިފިއެވެ. އެންމެ ފަހުން އެ އަންހެން އެޖެންޓު އަހަންމަދާ ގުޅުންކަނޑާލައިފިއެވެ. އަހަންމަދު ގުޅިޔަސް ފޯނެއް ނުނަގައެވެ. ކޮޓަރިވިއްކާ އެހެން އެޖެންޓަކާ ގުޅިގެން އަންހެން އެޖެންޓުގެ މަސައްކަތް ބަރާބަރަށް ކުރިޔަށް ގެންދެއެވެ. ފަހުން އެނގުނުގޮތުގައި ޑޮލަރު ނުފޮނުވާ އެތައް ބަޔަކަށް އޭރު އޮތީ އޭނާ ލަނޑުދީފައެވެ. އަލަށްގުޅުނު ވެލާސޭޓުގެ ދުރުތާ ތިމާގެކަމަށް ބުނާ ދިވެހި އެޖެންޓާއެކު ކޮޓަރި ވިއްކަން އުޅެނީވެސް ވަރަށް ވަގަށެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަންމަދަށް ލަނޑުދިން ސީނުކަރައިގެ އެޖެންޓް މާލެ އައިސް އުޅޭ ޚަބަރު ލިބުނެވެ. އަދި އޭނާ އައިސްއުޅޭކަން އެނގިގެން ، އޭނާ ދަރާފަ އޮތް ދިވެހި ބައެއް އެޖެންޓުން ސިފައިންގެޔަށް ގޮސް މައްސަލަ ޖެއްސިއެވެ. ފަނޑިޔާރުގެޔަށް ނުގޮސް ، މަގުމަތިން އެކަން ހަމަޖައްސައި ، ވެސްޓަން ޔުނިއަން މެދުވެރިކޮށް ޑޮލަރު ގެނެސް ، އެމީސްމީހުންނަށް ޑޮލަރުދިންކަން އަހަންމަދަށް އެނގިއްޖެއެވެ. އަހަންމަދުވެސް ، އޭނާހުރިތަނެއް ހޯދައިގެން ބައްދަލުކޮށް ޑޮލަރުކޮޅެއް ލިބޭތޯ ބެލިއެވެ. އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނާ އަތުގައިހުރި ލާރިހުސްވެއްޖެކަމަށް ބުނެ އެއްޗެއް ދޭކަށް އެއްބަހެއް ނުވިއެވެ.

އޭގެ އަނެއް ދުވަހު ، އޭނާ ދަރާފައިހުރިކަން ސާބިތުވާ ލިޔުންތަކާއި ފައިލްތައް ހިފައިގެން ، އަހަންމަދު ދިޔައީ ފަނޑިޔާރު ގެޔަށެވެ. ފަނޑިޔާރުގެއިން އެލިޔުންތައް ބެލުމަށްފަހު ، އެއީ ޞައްޙަ ދަޢުވާއަކަށް ވާތީ ، ސީނުކަރައިގެ އެއަންހެން މީހާ ފުރުވާލުން މަނާކޮށް ،  މައްސަލަ ނިމެންދެން އޭނާ ފުރުވާ ނުލުމަށް ، މީރުބަހުރު މައްޗަށް ، ސަރުކާރަށް ޙުކުމް ކުރިއެވެ. އަދި އެޙުކުމް ސަރުކާރާ ޙަވާލުކުރިއެވެ. ވެރިކަމުގެ ނިޒާމު ގަޑުބަޑުވެފައި އޮތްވަރުން ، މީރުބަހުރަށް ރިޝްވަތުދީގެން އޭނާ ފުރައިގެން ހިނގައިދާނެތީ އަހަންމަދު އައީ އޭނާއަށް ފާރަލަމުންނެވެ. އެންމެފަހުން ކަން ހިނގައިދިޔައީ އަހަންމަދު ހީކުރި ގޮތަށެވެ.

ސީނުކަރައިގެ އެޖެންޓް ، ހޮޓަލުން ނުކުމެ ، ހުޅުލެޔަށް ދާން ފެރީ ދޯންޏަށް އެރި ހިސާބުން އަހަންމަދު އައީ އޭނާއަށް ފާރަލައި ބަލަހައްޓަމުންނެވެ. ޗެކިން ކުރަން ކައުންޓަރަށް ދިޔައިމަ މީރުބަހުރާ ގުޅާ ، ޝަރުޢީ ޙުކުމެއް އޮއްވަ އޭނާ ފުރުވާލާ ވާހަކަ ބުންޏެވެ. އެހިސާބުން މީރުބަހުރު ބުނީ އެއީ ތިމަންނައާ ބެހޭކަމެއް ނޫންކަމުގައެވެ. ދެންގުޅީ ސިފައިންނާއެވެ. ސިފައިން ބުނީ އެއީ މީރުބަހުރުގެ ކަމެއް ކަމުގައެވެ. ދެކޮޅަށް ދުވެ ދުވެ ހުއްޓަ އަހަންމަދަށް އަތުނުޖައްސައި ، މީރުބަހުރު ، އެ އަންހެން މީހާ ފުރުވާލައިފިއެވެ. އޭނާ ފުރުން މަނާކޮށް ، މީރުބަހުރުގެ މައްޗަށް ފަނޑިޔާރުގެއިން ކޮށްފަ އޮތް ޝަރުޢީ ޙުކުމެއް އޮއްވައެވެ.

އަހަންމަދަށް ހަދާނެގޮތް ބޮޑުވިއެވެ. މީރުބަހުރަކީ ، ކުރީގެ ބާޣީއެއް ކަމަށްވިޔަސް ، މިހާރު ސަރުކާރުގެ ބޮޑެކެވެ. ކިތަންމެ ވަރަކަށް ރިޝްވަތު ކެޔަސް މީރުބަހުރަށް ގޮތެއް ހަދާލެވޭ ވަރަށްވުރެ ، މީރުބަހުރުގެ ބާރު ގަދައެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން މީރުބަހުރާ ބައްދަލުކުރަން އުޅެ އުޅެ ، އެއްވެސް ކޮޅެއް ނުފެނުނެވެ. އެންމެ ފަހުން އަހަންމަދު ނިންމީ ސަރުކާރުގެ ތެރެއިން މިކަމަށް ޙައްލެއް ހޯދޭތޯއެވެ. ފަނޑިޔާރުގެޔަށް ގޮއްސިއްޔާ ގޮތެއް ނިމެން ތިންހަތަރު އަހަރު ނަގާނެތީއެވެ.

ބޮޑުވަޒީރަކީ ، އަހަންމަދުގެވެސް ރައްޓެއްސެކެވެ. ބޮޑުވަޒީރަށް މިކަމާބެހޭ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ފޮނުވިއެވެ. ތިންހަތްދުވަސް ވީއިރުވެސް ޚަބަރެއް ނުވިއެވެ. ބުޅާ ގަހަށް އެރުވީމަ ވާގޮތަށް ، ވެރިކަން ދިނީމަ ފައިބަން ނޭނގި އެތައް ދުވަހަކު ރަސްކަންކުރި ރަސްގެފާނު ބާލާފަ ، ރަނގަޅުވާނެކަމަށް ހީކޮށް ވެރިކަން ދިން ބޮޑުވަޒީރުވެސް ވަކި ސަހަލެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ކުރީގެ ބާޣީއެއްކަމަށްވިޔަސް ، މީރުބަހުރަކީ ބޮޑުވަޒީރުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަހަންމަދުގެ ރައްޓެހިކަމާ ތަފާތު ، ނުގުޅޭ އެހެން ގޮތްގޮތުން ބޮޑުވަޒީރާ މީރުބަހުރު މާ ގާތްވާނެއެވެ.

އަނެއްކާވެސް އަހަންމަދަށް ހަދާނެގޮތް ބޮޑުވިއެވެ. ފަތުރުވެރިކަމާ ގުޅުންހުރިއްޔާ ހުރި ހުރިހާތާކަށް ، އަދި ޢަދްލު އިންސާފާއި ޤާނޫނާ އަދި ޤަވާޢިދާ ޚިލާފުވީމަ އަންގަންއޮންނަ ހުރިހާ ތާކަށް އަހަންމަދު ސިޓީލައިފިއެވެ. ވިހިތިރީސް ސިޓީ ފޮނުވައިގެންވެސް ، އެންމެ ތަނެއް ފިޔަވައި އެހެން އެއްވެސް ތާކުން ކަހާތަން ހިރުވާވެސްނުލިއެވެ. ޖަވާބެއް ދިންތަނުން ބުނީ ، އެއީ މަދަނީ މައްސަލަޔަކަށް ވާތީ ފަނޑިޔާރުގެޔަށް ދިއުމަށެވެ.

އަނެއްކާވެސް ހުރިހާ ލިޔުންތަކާއި ފައިލްތައް ހިފައިގެން އަހަންމަދު ދުއްވައިގަތީ ފަނޑިޔާރު ގެޔަށެވެ. މިފަހަރު އަހަންމަދު ދަޢުވާކުރީ ، ޝަރުޢީ ޙުކުމެއް އޮއްވަ ސަރުކާރުން ، މީރުބަހުރު އެ ޙުކުމާ ޚިލާފުވެ ، ޙުކުމް ބޮލާޖަހައި އެއަންހެން މީހާ ޤާނޫނާ ޚިލާފަށް ފުރުވާލާފައިވާތީ ، ހަތްމިލިއަން ރުފިޔާ ހޯދަން އަހަންމަދު ކުރި މަސައްކަތުގައި ހުރަސް އެޅީ ސަރުކާރުން ކަމަށް ވާތީ ، ސަރުކާރުން އެފައިސާ ހޯދުމަށެވެ. ދޭތެރެ ދޭތެރެއިން މަޖިލީހަށް ކިޔާ ، އަހަންމަދުގެ ވަކީލުންނާއެކު މައްސަލަ ކުރިޔަށް ދާން ފަށައިފިއެވެ. އަހަރެއް ވެއްޖެއެވެ. ދޮޅު އަހަރު ވެއްޖެއެވެ. ނިޔާ އަކާހަމަޔަކަށް ނުދިޔައެވެ. އަހަންމަދަށް މީހެއްގެ ފަރާތުން ޚަބަރު ލިބުނީ ، އަހަންމަދަށް ނޭނގި އެމައްސަލަ ، އަހަންމަދުގެ ފަރާތުންދާ ވަކީލު ފަނޑިޔާރުގެއިން ނެގި ވާހަކައެވެ. ބަރާބަރަށް ލާރި ދައްކަ ދައްކަ ހުއްޓަ ، އަހަންމަދުގެ ވަކީލު ، އަހަންމަދަށް ނޭނގި އެމައްސަލަ ނެގުމަކީ ބޮޑުކަމެކެވެ. ސަރުކާރަށް އެފައިސާ އަހަންމަދަށް ދައްކަން ޖެހޭތީ ، ވަކީލަށް ބަރާބޮޑުކޮށްގެން ، އަހަންމަދަށް ނާންގައި އެމައްސަލަ ނެގީކަމަށްވެސް ވެދާނެއެވެ. އޭރު އޮތީ ކުރިންހުރި ބޮޑުވަޒީރު ވެރިކަމުން ބާލައި އެހެން ބޮޑުވަޒީރެއްގެ ވެރިކަމެވެ. އެއީވެސް އަހަންމަދު ދަންނަ މީހެކެވެ.

އަނެއްކާވެސް އަހަންމަދަށް ހަދާނެގޮތް ބޮޑުވިއެވެ. ވިޔަފާރިވެސް މިހާރު އެހާ ރަނގަޅެއް ނޫނެވެ. ސަރުކާރާ ދެކޮޅަށް ފަނޑިޔާރުގެޔަށް އަހަންމަދު ދިޔައީތީ ކުރިމަތިވާ ފިއްތުންތަކުގެ އަސަރު އަހަންމަދުގެ ވިޔަފާރިޔަށްވެސް ކުރަން ފެށީއެވެ. އެހެން ނަމަވެސް ، ހިތްވަރު ކޮށްފަ ، މާ އަގުބޮޑުކޮށް އަދި ޝަރީޢަތުން ލިބޭ އެއްޗެއްގެ ތިންބައިކޮއްފަ އެއްބައި ދޭގޮތަށް ވަކީލަކު ހޯދާ އަނެއްކާވެސް އެ މައްސަލަ ފަނޑިޔާރުގެޔަށް ލައިފިއެވެ. ކުރިންވެސް ވީގޮތަށް ، ދޭތެރެ ދޭތެރެއިން މަޖިލިސް ބާއްވާ ، މައްސަލަ ކުރިޔަށް ދާން ފަށައިފިއެވެ. އަނެއްކާވެސް އަހަރެއް ވެއްޖެ އެވެ. ދޮޅު އަހަރު ވެއްޖެއެވެ. ދުވަހަކު ނިމޭތަނެއް ނާދެއެވެ. އެންމެފަހުން ފަނޑިޔާރުގެއިން އެންގީ ދެން އޮންނަ މަޖިލީހެއްގައި ޙުކުމް ކުރާނެ ކަމުގައެވެ. އަހަންމަދުގެ އިތުރަށް އަހަންމަދުގެ ވަކީލުވެސް ހުރީ އުފަލުން ފޮޅިފައެވެ. އަހަންމަދާ އެއްކޮޅަށް މައްސަލަ ނިމޭނެކަމުގެ ފުރިހަމަ ޔަޤީން ކަމުގައެވެ. އަހަންމަދުގެ  އެންމެ ބޮޑު ހަތިޔާރެއްގެ ގޮތުގައި ހެއްކަކަށް އޮތީ ، އެއަންހެން މީހާ ފުރުވާނުލުމަށް މީރުބަހުރުގެ މައްޗަށް ، ފަނޑިޔާރުގެއިން ކޮށްފަ އޮތް ޝަރުޢީ ޙުކުމެވެ. ޝަރުޢީ ޙުކުމާ ޚިލާފުވެފަ އޮތީ ސަރުކާރުން ، މީރުބަހުރެވެ. އެކަމަކު އަނެއްކާވެސް ބޮޑުވަޒީރު އޮތީ ބަދަލު ވެފައެވެ. މިހާރު ހުރީ މާ ޒާތްކޮޅު ބޮޑު އަގަލުކުޑަ ޚުދުމުޚުތާރު ބޮޑުވަޒީރެކެވެ.

ނިޔާ އިއްވާ ދުވަސް އަތުވެއްޖެ އެވެ. ރަނގަޅު އާ ގަމީހަކާ ފަޓުލޫނެއް ލައިގެން ، ރަނގަޅަށް ދަތްއުނގުޅައިގެން އަހަންމަދުވެސް އެދުވަހު ، ވަކީލާއެކު ފަނޑިޔާރުގެޔަށް ދިޔައެވެ. މަޖިލިސް ފެށިއްޖެއެވެ. ގޮނޑީގައި އިނީ ތިންއަހަރު ވަންދެން މައްސަލަ ބެލި ފަނޑިޔާރެއްނޫނެވެ. ޙުކުމް ކުރުމާ ދިމާކޮށް ފަނޑިޔާރު ވަނީ ބަދަލުކޮށްފައެވެ. އެކަމާ އަހަންމަދުވެސް އަދި ވަކީލުވެސް ވަރަށް ކަން ބޮޑުވިއެވެ. އެހެން ނަމަވެސް އެހާ ސާފުކޮށް ޝަރުޢީ ޙުކުމަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއްކަމަށް ވެފައި ، ކިތާބީހެކި ސާބިތުކޮށްދީފައިވާ މައްސަލައެއްގައި ކޮންމެ މީހަކު ގޮނޑީގައި އިނަސް ، އަނިޔާވެރި ނިޔާއެއް ނާންނާނެ ކަމަށް އަހަންމަދުވެސް ޤަބޫލު ކުރިއެވެ. އެދުވަސްވަރަކީ ފައިސާއަށް ޙުކުމްކުރާ ފަނޑިޔާރުން ގިނަދުވަސް ވަރެކެވެ.

ތިން އަހަރު ވަންދެން މައްސަލަ ބެލި ފަނޑިޔާރު ބަދަލުކޮށް ، ޙުކުމް އިއްވަން ބޮޑު ގޮނޑިޔަށް އަރާ މިއިނީ އެއްކަލަ ބިޑިބޯ އަންހެން ފަނޑިޔާރެވެ. " އަހަންމަދަށް ސަރުކާރުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ " . ބިޑިބޯ ފަނޑިޔާރު ޙުކުމް އިއްވިއެވެ. ޙުކުމްގެ އަޑު އިވުމާއެކު އަހަންމަދު ޚަބަރު ހުސްވެގެން ވެއްޓުނެވެ. ހޭ އެރީ ހަސްފަތާލުގައި އޮއްވައެވެ. ކައިރީގައި އަހަންމަދުގެ އަނބި ދަރިންނާއެކު ވަކީލުވެސް ހުއްޓެވެ. ވަކީލު އަހަންމަދަށް ގޮވާލިއެވެ. އަދި ބުންޏެވެ. " އަހަންމަދާއެވެ. މިޤައުމުން އިންސާފެއް ލިބޭނެކަމަށް އުއްމީދު ނުކުރާށެވެ. އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެކެވެ. ކެވުނު ގޮތަކަށް ކެވުނު ވަރަކަށް ކާންވީއެވެ."

އަހަންމަދު ކުޑަކޮށް ރަނގަޅު ވުމުން ، އޮފީހަށްގޮސް ހުރިހާ މުއައްޒަފުން އެއްކުރިއެވެ. އަދި ވަކީލުގެ ބަސް ތަކުރާރު ކޮށްލިއެވެ. " މިޤައުމުން އިންސާފެއް ލިބޭނެކަމަށް އުއްމީދު ނުކުރާށެވެ. " އަހަރެންގެ މިވިޔަފާރި ދެން ކުރިޔަށް ގެންދެވޭކަށް ނެތެވެ. މިއަދުން ފެށިގެން މިތަން މި ބަންދު ކުރަނީއެވެ. ކަލޭމެން ކުދިންނަށް ލިބެންޖެހޭ މުސާރަ ދޭނަމެވެ.

އަހަންމަދު ފަދަމީހަކަށް ހަތްމިލިއަން ރުފިޔާއަކީ ހާދަ އެއްޗެކެވެ. ބިޑިބޯ ފަނޑިޔާރުގެ އެ ޙުކުމުން ގެއްލުން އެ ލިބުނީ އަހަންމަދަށް އެކަންޏެއްނޫނެވެ. އަހަންމަދުގެ ތުއްތު އެތައް ކުދިންނަކަށާއި އަހަންމަދުގެ މުޅި ޢާއިލާ އަށެވެ. އަހަންމަދުގެ ވަޒީފާގައި ތިބި ސަތާރަ މުއައްޒަފުންނަށެވެ. އަދި ޤައުމުގެ ޝަރުޢީ އަދި ވެރިކަމުގެ ނިޒާމަށެވެ. ޤައުމުގެ އިޤްތިޞާދަށެވެ.

އަތުގައި ބާކީހުރި ލާރިކޮޅު ހިފައިގެން އަހަންމަދު ، އޮޅުދޫ ކަރަޔަށް ދިރިއުޅުން ބަދަލުކުރިއެވެ. އަހަންމަދަށް ފެނުނު ގޮތުގައި މިއީކީ އިންސާނުން އުޅެން ހެޔޮވާ ވަރުގެ ވެއްޓެއްނޫނެވެ. މިފަދަ ވެއްޓެއްގައި ކިތަންމެ ވަރަކަށް ފޮޅާ ސާފުކުރިޔަސް ، ތަޞައްވުރު ބަދަލު ކުރެވޭނެ ތޯއެވެ؟ އެހެނެއްކަމަކު ، އަނިޔާ ލިބޭމީހާއަށް އަބަދުވެސް ލިބޭނީ އަނިޔާ ނޫންތޯއެވެ. ކާމީހާ އަބަދުވެސް ލިބުނު ގޮތަކަށް ގިނަ ގިނައިން ހަމަ ކާންވީތޯއެވެ ؟ ނޫނެކެވެ. ނޫނެކެވެ.

އައްނަޙުލު ސޫރަތުގެ 111 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ. " ކޮންމެ ނަފުސެއްވެސް ، އެ ނަފުސެއް (ދިފާޢުކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަ ކުރާށެވެ). އަދި ކޮންމެ ނަފުސަކަށްމެ، އެ ނަފުސެއްކުޅަ ޢަމަލަކަށް (އެދުވަހުން) ފުރިހަމަޔަށް ޖަޒާ ދެއްވާނެތެވެ. އަދި އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނޭ މެއެވެ. " ފަނޑިޔާރެއްކަމަށްވިޔަސް މެއެވެ. އެއީ ކީރިތި ﷲ ގެ ވަޢުދުގެ ބަސްފުޅެވެ. ޢަދްލު އިންސާފަކީ ހޯދައިދޭން އެހާ އުނދަގޫ އެއްޗަކީ ތޯއެވެ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.