އިންޑިޔާގެ އާސާމް ސްޓޭޓްގެ މުސްލިމުން ހިންގާ ދީނީ މަދަރުސާތައް ބަންދުކުރަން ނިންމައިފި

އިންޑިޔާގެ މިސްކިތެއްގައި މުސްލިމް ދެ އަންހެނަކު ޤުރްއާން ކިޔަވަނީ

އިންޑިޔާގެ އިރުއުތުރު ސްޓޭޓެއް ކަމުގައިވާ އާސާމްގެ ސަރުކާރުން އެ ސްޓޭޓުގެ މުސްލިމުން ހިންގާ ހުރިހާ ދީނީ މަދަރުސާތައް ބަންދުކުރަން ނިންމައިފިއެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތަޖިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެރިކަން އޮންނަ އެ ސްޓޭޓުގެ ސަރުކާރުން ބުނެފައި ވަނީ މަދަރުސާތައް ބަންދުކުރީ އެތަންތަނުން ދޭ ތައުލީމުގެ ފެންވަރު ދަށްކަމުން ކަމުގައެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިޔާގެ ސަރުކާރު މުސްލިމުންނާ ދެކޮޅަށް މަސައްކަތް ކުރާކަމުގެ ހެއްކެއް ކަމުގައި ބުނެ މިނިންމުމަށް ފާޑުކިޔަމުންނެވެ.

އާސާމް ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓުގެ އެޑިޔުކޭޝަން މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވިގޮތުގައި އެ ސްޓޭޓުގައި ހިންގަމުން އައި މުސްލިމުންގެ ދީނީ 700 އަށްވުރެ ގިނަ މަދަރުސާ އަންނަ އެޕްރީލް މަހު ބަންދުކުރާނެއެވެ.

"ބައިމަދު މުސްލިމުންގެ ތެރެއިން މިސްކިތްތަކުގެ އިމާމުންނަށް ވުރެ ބޮޑަށް އަހަރުމެންނަށް ބޭނުންވަނީ ޑޮކްޓަރުންނާއި، ފުލުސް އޮފިސަރުންނާއި، އިދާރީ މުވައްޒަފުންނާއި، މުދައްރިސުން." ބީޖޭޕީ ތެރޭގައި އަރަމުން އަންނަ ތަރިއެއް ކަމުގައިވާ ސަރްމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަދުރަސާތަކަށް އެއްވެސް މީހަކު "މިޒަމާނުގެ ދުނިޔެއަށާއި، ދުނިޔޭގެ ބޭނުންތަކަށް ތައްޔާރުނުކުރެވޭތީ" ސަރުކާރުން އެ މަދަރުސާތައް އާއްމު ސްކޫލްތަކަކަށް ބަދަލުކުރާނެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން މިކަން ސިފަކުރަނީ މުސްލިމުންނަށް ދިން ހަމަލާއެއްގެ ގޮތުގައެވެ.

"މަގުސަދަކީ މުސްލިމުން ނައްތާލުން." ގާނޫނުހަދާ މަޖިލީހުގައި އިދިކޮޅު ކޮންގްރެސް ޕާޓީ ތަމްސީލުކުރައްވާ މެންބަރެއް ކަމުގައިވާ ވާޖިދު އަލީ ޗައުދަރީ ވިދާޅުވިއެވެ.

އަލަތު ކައިވެނިކުރާ އަންހެނުން ދީން ބަދަލުކުރުން މަނާކުރާ ގާނޫނެއް އިންޑިޔާގެ އެންމެ ބައިބޯ ސްޓޭޓް އުއްތަރްޕްރަދޭޝް (ޔޫޕީ) އިން ވަނީ މި މަހުގެ މެދުތެރޭގައި ފާސްކޮށްފައެވެ. މިއީ މުސްލިމުންނަށް އަމާޒުކޮށް ހަދާފައިވާ ގާނޫނެއް ކަމަށް ވިދާޅުވެ ކުރިން ސިވިލް ސާވިސްގައްޔާއި، ޑިޕްލޮމޭޓުންގެ ގޮތުގައި މަސައްކަތް ކުރެއްވި 100 ވަރަކަށް ބޭފުޅުން ވަނީ މި ގާނޫނު އުވާލުމަށް ގޮވާލައްވައި ޔޫޕީގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅުއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.