އެމެރިކާގައި މީހުން މެރުން ވަރަށް ބޮޑަށް އިތުރުވެއްޖެ

2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ ތިން ލައްކައެއްހާ މީހުންގެ ފުރާނަދިޔަ އަހަރެކެވެ. މި ވަބާގެ ބިރުވެރިކަމާއި، ހާސްކަމުގެ ތެރޭގައި އެމެރިކާ މީހުން ތިބި އިރު ނިމިގެން މިދާ 2020 ވަނަ އަހަރުގައި އެމެރިކާގައި އެހެން ސަބަބާހެދި މީހުން މަރުވުންވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއީ ބަޑިޖަހައިގެން މީހުން މެރުމެވެ.

ޑިޓްރޮއިޓް، ޝިކާގޯ، ނިއުޔޯކް، ފިލަޑެލްފިޔާ އަދި ފިލަޑެލްފިޔާގެ އިތުރަށް އެއަށްވުރެ ކުޑަ ރަށްތައް ކަމުގައިވާ ގްރޭންޑް ރެޕިޑްސް އަދި މިލުވާއުކީ ފަދަ ރަށްތަކުގައިވެސް ބަޑި ޖަހައިގެން މީހުން މެރުން ވަނީ އިތުރުވެފައެވެ.

ކަމާބެހޭ އިދާރާތަކާއި ތަޖުރިބާކާރުން ބުނާ ގޮތުގައި މީހުން މެރުން ކުއްލިއަކަށް އިތުރުވާން ޖެހޭ ވަކި ސަބަބެއް ފާހަގަނުކުރެވެއެވެ. އެެހެންނަމަވެސް، އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޮވިޑް-19 ގެ ސަބަބު ކުރިމަތި އިގްތިސާދީ އަދި އިޖްތިމާއީ ހަލަބޮލިކަމާއި، ފުލުހުން ޖޯޖް ފްލޮއިޑް މެރި ފަހުން ފުލުންނަށް ނަފުރަތުކުރާ މިންވަރު އިތުރުވުމާއި، ފަގީރު ސަރަހައްދުތަކުގައި ވަޒީފާއާއި ކުރާނެ އަމިއްލަ މަސައްކަތެއް ނެތް މީހުން އިތުރުވުން އެއީ މިކަމުގެ ސަބަބުތައް ކަމުގައި ވެދާނެއެެވެ.

ބަޑި ޖަަހައިގެން މީހުން މެރުން އެންމެ ބޮަޑަށް އިތުރުވި އެއް ރަށް، ޑިޓްރޮއިޓްގައި މީގެ 2 އަަހަރު ކުރިން މަރާފައި ވަނީ 261 މީހުންނެވެ. އެހެންނަމަވެސް، މިއަހަރު މިހާތަނަށް އެ އަދަދު ވަނީ 300 އަށް އަރާފައެވެ. ޑިޓްރޮއިޓަކީ 7 ލައްކައެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.

އެމެރިކާއަކީ ލައިސަންސް ނަގައިގެން ބަޑި ގެންގުޅުން ހުއްދަ ގައުމަކަށް ވާއިރު، ގިނަ ބަޔަކު އަމިއްލަ ދިފާއުގައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބަޑި ގެންގުޅެއެެވެ.

ޑިޓްރޮއިޓްގެ ޓްރަކް ޑްރިއިވަރެއް ކަމުުުގައިވާ އެންޑްރޭ އާވަރީ ބުނި ގޮތުގައި އޭނާ ޓްރަކް ދުއެްވާއިރު ބަޑި އަބަދުވެސް ކައިރީގައި އޮވެއެވެ. އޭނާއަކީ ވެސް ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ މީހެެކެވެ.

"އަހަރެން އުޅެނީ ވަރަށް ބޮޑަށް ސަމާލުވެގެން." އޭަވަރީ ބުންޏެވެ. "ގިނަ މީހުން އެއްވާ ތަންތަނަށް އަހަރެން ނުދަން. ޝައްކުވާ ގޮަތަށް މީހެއްގެ ހަރަކާތްތައް ހުރިނަމަ އަހަރެން އަވަހަށް އެތަނެއް ދޫކޮށް ދަނީ."

ހަތް ލައްކަ މީހުން އާބާދީއެއް އޮންނަ، ވެރިރަށް ވޮޝިންޓަން ޑީސީގައި ވެސް މިއަހަރު މިހާތަނަށް ބަޑިޖަހައި 187 މީހުން މަރާލަފައި ވެއެވެ. މިއީ ފާއިތުވި އަހަރަށްވުރެ 20 މީހުން އިތުރު އަދަދެކެވެ.

އިތުރުރަށްތަކަށް ބަލާއިރު، ފިލަޑެލްފިޔާގައި 363 މީހުން، ނިއުޔޯކްގައި 345 މީހުން، މިލުވާއުކީގައި 165 މީހުން މަރާފައި ވެއެވެ. ބަޑިޖަހައި އެންެމެ ގިނަ މީހުން މަރާފައި ވަނީ ޝިކާގޯގައެވެ. އެރަށުގައި 739 މީހުން މަރާފައި ވެއެެވެ. ފާއިތުވި އަހަރު އެރަށުގައި މަރާފައި ވަނީ 475 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.