އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށް ތިން ރަށަކުން އެދިފައިވޭ: އެމްއައިޓީޑީސީ

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށް މިހާތަނަށް ތިން ރަށަކުން  އެދިފައިވާ ކަމަށް މޯލްޑިވްސް އިންޓަގުރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. 

އާފަތިހަށް ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްގީކުރުމަށް މިހާތަނަށް އެދިފައިވަނީ ހއ. ހޯރަފުށްޓާއިި ނ. މަގޫދުއާއި ފުވައްމުލަކުން ކަމަށެވެ.  އަދި އެރަށްތަކަކީ ފަތުރުވެރިކަމަށް ގޮންޖެހުންތައް އޮތް ރަށްތަކެއް ކަމަށެވެ.  އިންޓަގްރޭޓެޑް ޓޫރިޒަމް  ތަރައްގީ ކުރެވޭ ރަށްރަށުގައި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމްގެ މޮޑެލް ތައާރަފު ކުރެވިގެންދާނެ ކަމަށް އެމްއައިޓީޑީސީ އިން ފާހަގަ ކުރެއްވިއެވެ. އެރަށްތަކުގައި އަމަލީ މަސައްކަތްތައް ފަށައިގަނެވޭނީ އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހޯދައިގެންކަން ފާހަގަ ކުރެއްވިއެވެ. ރަށްރަށުގައި އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްގީ ކުރުމުގައި، އެމްއައިޓީޑީސީގެ ވިސްނުން ހުރީ ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ތަން ހިިންގުމަށް ބޭނުންވާ އެ ރަށުގެ ތަފާތު ފަރާތްތަކަށް ކުއްޔައް ދީގެން "ޓޫރިޒަމް ރިއަލް އެސްޓޭޓް މޮޑެލް" ގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށެވެ.  އެ ކުންފުނިން ތަރައްގީކުރާ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން ތަކުގަައި އަޅާނީ އެރަށަކަށް އެކަށީގެންވާ ކުދި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓް، ޑައިވް ސެންޓަރު ފަދަ ތަންތަން ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓްތަކާއި އެނޫންވެސް ފަތުރިވެރިންނަށް ޚިދުމަތްދޭ ތަންތަން ރަށްރަށުގައި ހަދައިފައި އެތަންތަން ހިންގަން ބޭނުންވާ މީހުންނަށް ކުއްޔަށް ދޭން. އެއީ ކޮންމެހެން ފަތުރުވެރިންނަށް ބޭނުންވާނެ ޚިދުމަތްތައް ރަށުގައި ގާއިމުކޮށް ދިނުން. މިއީ ރިއަލް އެސްޓޭޓް އުސޫލުން ޑިވެލޮޕްކޮށް ރައްޔިތުންނަށް ކުއްޔަށް ދޫކުރާނެ ތަންތަން. ދެން އެމީހުން އެތަން ހިންގައިގެން އާމްދަނީ ހޯދާނީ. އެގޮތުން އާމްދަނީ މުޖުތަމައަށް ބެހިގެންދާނެ. ކުރުކޮށް ދަންނަވާކަމަށް ވަންޏާ މިއީ ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމްގެ މޮޑެލްއެއް. މިއީ ހަމަ ވަރަށް ރަނގަޅު މޮޑެލްއެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައި." ރާއިދު  ވިދާޅުވިއެވެ.

މިހާރު ރަށްރަށުގައި ހުންނަ ގެސްޓްހައުސް ތަކުން ވެސް ރަށްރަށުގެ މުޅި ރައްޔިތުންނަށް ވާންޖެހޭ ވަރަށް ފައިދާ ނުވާކަން ރާއިދު ފާހަގަ ކުރެއްވިއެވެ. ސަބަބެއް ކަމަށް ފާހަގަ ކުރެއްވީ ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފަތުރުވެރިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް އެފަރާތުން އަމިއްލައަށް ދިނުމެވެ. ގެސްޓް ހައުސްތައް އަގު ބޮޑު ވަނީވެސް އެހެންވެގެންކަން ރާއިދު ފާހަގަ ކުރެއްވިއެވެ. ގެސްޓް ހައުސް ތަކުގެ އެނދު 300-200 ޑޮލަރަށް ވިއްކަން ޖެހެނީ ގެސްޓް ހައުސް ހިންގާ މީހާ ހުރިހާ ޚިދުމަތެއް ދޭން އުޅޭތީ ކަމަށް ރާއިދު ފާހަގަ ކުރެއްވިއެވެ. އެހެން ނޫންނަމަ 60 - 50 ޑޮލަރަށް އަގު ދަށްކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ.  އެނދުގެ އަގު ދަށްވުމުން ގިނަ ފަތުރުވެރިން އައުމަށް މަގުފަހިވާނެކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ތަފާތު އެކިތަނުން ހިދުމަތް ހޯދޭ ގޮތަށް އޮތުމުން އާމްދަނީ މުޖުތަމައަށް ބެހިގެން ދާނެކަން ވެސް ފާހަގަ ކުރެއްވިއެވެ.

"މިހާރު ފެންނަނީ ގެސްޓްހައުސް ހިންގާ މީހާ ރެސްޓޯރެންޓު ހުޅުވާ، ޑައިވިން ސެންޓަރު ހިންގާ، ނުވިތާކަށް ފިހާރަވެސް ހަދާނީ ގެސްޓް ހައުސް ތިރީގައި. އަދި ލޯންޗު ނުވަތަ ބަގީ ޚިދުމަތްވެސް ގެސްޓް ހައުސްއިން. މަސް ދަތުރުވެސް ގެސްޓް ހައުސްއިން. ގެސްޓް މީހާއަށް ރަށުގެ އާދައިގެ ފިހާރައަކަށްވެސް ނުދެވޭނެހާ ގޮތެއް އޮންނާނީ ހަދާފައި."  މިހާރު ރަށްރަށުގައި ހުންނަ ބައެއް ގެސްޓް ހައުސްތައް ހިންގާ ގޮތް ފާހަގަ ކުރައްވަމުން ރާއިދު ވިދާޅުވިއެވެ. މިއީ އެއްގޮތަކަށްވެސް ލޯކަލް ޓޫރިޒަމް ހިންގަން ޖެހޭނެ ގޮތެއް ނޫންކަމަށާއި، އެ ވިސްނުން މުޅިން ބަދަލު ކުރަން ޖެހިފައިވާކަން ރާއިދު ފާހަގަ ކުރެވިއްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.