އިނގިރޭސިވިލާތް ޔޫރަަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމަށް ފަހު ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އޮންނާނެ ގޮތުގެެ އެއްބަސްވުމަކާއި ހަމައަށް ދެފަރާތަށް ނާދެވި ދިގުލައިގެން ދިއުމަށް ފަހު މިއަދު ދެ ފަރާތަށް އެއްބަސްވުމަކާ ހަމައަށް އާދެވިިއްޖެއެވެ. އެއްބަސްވުމާ ހަަމަށް މިއާދެވުނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ.
އެއްބަސްވުމާއެކު އިނގިރޭސިވިލާތް އީޔޫން ނުކުތުމުން، އެއްބަސްވުމަކާ ނުލައި ނުކުތުމުގެ ސަބަބުން ދިމާވާ އިގުތިސާދީ 'ހަލަބޮލިކަމުން' ސަލާމަތްވީއެވެ.
"އެއީ ދިގު އަދި ގުދުތައް ގިނަ ރާސްތާއެެއް. އެހެނަސް އެ ދަތުރު ނިންމާލާފައި ދައްކާނެ އެއްބަސްވުމެއް މިހާރު އަހަރުމެން އަތުގައި އެބައޮތް. އެ އެއްބަސްވުން އިންސާފުވެރި. އެއީ ތިލަފަތް ހަމަ އެއްބަސްވުމެއް. އަދި ދެ ފަރާތުންވެސް ކުރި ރަނގަޅު އަދި ޒިއްމާދާރު ކަމެއް." އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަ ލެޔެން ވިދާޅުވިއެވެ.
"އެއްބަސްވުން މި އޮތީ ހެދިފައި." ދެ އަތްޕުޅުގެ ބޮޑުވާއިނގިފުޅު މައްޗަށް އުފުއްލަވައިގެން 10 ޑައުނިންގ ސްޓްރީޓްގައި ހުންނެވި ފޮޓޯފުޅަކާއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޓުވީޓު ކުރައްވާފައި ވެއެވެ.
"އަހަރުމެން މިވަނީ އަހަރުމެންގެ ފައިސާއާއި، ބޯޯޑަރުތަކާއި، ގާނޫނާއި، ވިޔަފާރިއާއި، މަސް ކަނޑުތަކުގެ ކޮންޓުރޯލު އަނބުރައި ހޯދާފައި." ޑައުނިންގެ ސްޓްރީޓްގެ މަސްދަރަކުން ވިދާޅުވިއެވެ.
"މިއީ އީޔޫއާކުެ މިހާތަނަށް (އެއްވެސް ބަޔަކު) ހެދި ފުރަތަމަ ސުން ޑިއުޓީ އަދި ސުން ކޯޓާގެ މައްޗަށް ބިނާވެފައިވާ ވިޔަފާރީގެ އެެއްބަސްވުން." ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.
މި އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ އަދި ކޯޓާއަކާ ނުލައި ދެ ފަރާތަަށް ވިޔަފާރީގެ މުއާމަލާތް ހިންގޭނެއެެވެ. އެހެންނަމަވެސް، 27 މެންބަރު ގައުމު ހިމެނޭ އީޔޫއާ އިނގިރޭސިވިލާތާ ދެމެދު މުސްތަގުބަލުގައި އޮންނާނެ ގުޅުމުގެ ތަފްސީލުތައް އަދިވެސް ސާފުކޮށް އެނގެން ނެތެވެ.
މި އެއްބަސްވުން އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުންނާއި، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރަން ޖެހެއެވެ. އެހެންނަަމަވެސް އަންނަ ޖަަަނަވަރީ މަހުގެ ފުރަތަމަ ދުވަހު އިނގިރޭސިވިލާތް އީޔޫ ދޫކޮށް ނުކުންނަ އިރުވެސް މިކަން ކުރެވޭނެ ކަމަށް ލަފާނުކުރެވެއެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވާން، ނުވަތަ އެކަމަށް ކެންޕޭންކުރި ފަރާތްތަކުން އަޑު އުފުލަމުން ދިޔަ ފަދައިން "އަމިއްލަ ކަންކަމުގެ ކޮންޓުރޯލު އަމިއްލައަށް ނަގަން" އިނގިރޭސިން ވޯޓުލީ މީގެ ހަތަރު އަހަރު ކުރީންނެވެ. އެ ވޯޓުގައި އީޔޫއިން ވަކިވާން ތާއީދުކުރީ %52 މީހުންނެވެ.