އިންޑޮނޭޝިޔާއިން އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފިއްޔާ އެމެރިކާއިން އެ ގައުމަށް 1 ބިލިއަން ޑޮލަރު

ރައީސު ޓްރަމްޕް އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯއާއެކު

އިސްރާއީލާއެކު އިސްލާމީ ގައުމުތަކުން ގުޅުން ގާއިމުކުރުމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްކުރައްވާ މަސައްކަތަށް އިންޑޮނޭޝިޔާއިން އިޖާބަދީފިނަމަ އެ ގައުމުގައި އެމެރިކާގެ އިންވެސްމަންޓް އެއް ބިލިއަން ޑޮލަރު އިތުރުކުރުމަށް ތައްޔާރަށް އޮތް ކަމުގައި އެމެރިކާގެ މަސްއޫލުވެރިއަކު ހާމަކުރައްވައިފިއެވެ.

ބޭރު ގައުމުތަކުގައި އިންވެސްޓުކުރާ އެމެރިކާ ސަރުކާރުގެ ކުންފުނި، ޔޫއެސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެޑަމް ބޯލަރ ޤުދްސުގެ ކިންގް ޑޭވިޑް ހޮޓަލުގައި ހުންނަވައިގެން އެމެރިކާގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި، އިންޑޮނޭޝިޔާއިން އިސްރާއީލާއެކު ގުޅުން ގާއިމުކޮށްފިނަމަ، އެކުންފުނިން އިންޑޮނޭޝިޔާގައި ކޮށްފައިވާ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓު ދެގުނައަށް ބޮޑުކުރާނެއެވެ.

"އަހަރުމެން މި ދަނީ އެކަމާ ބެހޭގޮތުން އެމީހުންނާ ވާހަކަ ދައްކަމުން." "އެމީހުން އެކަމަށް ތައްޔާރުނަމަ، އަހަރުމެން މިތިބީ އަހަރުމެން މިހާރު އެހީވާ ވަރަށް ބޮޑަށް މާލީގޮތުން އެމީހުންނަށް އެހީވާން ތައްޔާރަށް." ބޯލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ ކުންފުނިން އިންޑޮނޭޝިޔާގައި ކުރާ އިންވެސްޓްމަންޓް "1 ނުވަތަ 2 ބިލިއަން" ޑޮލަރު އިތުރުވުން އެއީ ވެދާނެ ކަމެކެވެ.

އިންޑޮނޭޝިޔާގެ ރައީސު ޖޯކޯ ވިދޯދޯ ވަނީ އިންޑޮނޭޝިޔާއިން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެފައެވެ.

"މެދުއިރުމަތީގައި (އިސްރާއީލާ ގުޅުން ގާއިމުކުރުމަށް) އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަނަމަވެސް، އިސްލާއީލާ ފަލަސްޠީނު މީހުންނާ ދެމެދު ދާއިމީ ފުރިހަމަ ސުލްހައެއް ގާއިމު ނުކުރެވެނީސް، އިސްރާއީލާ ގުޅުން ގާއިމުކުރުމަށް އިންޑޮނޭޝިޔާއިން އެއްވެސް  ފިޔަވަޅެއް ނާޅާނެ." ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސު ވިދޯދޯ  ވިދާޅުވެފައި ވެއެވެ.

"އެންމެ ބޮޑު އިސްލާމީ ގައުމުގެ ހައިސިއްޔަތުން ސުލްހަގާއިމުކުރުމަށް އެ ގައުމުން އަދާކުރަން ޖެހޭ ދައުރު އަދާކުރާނެ. އަދި މިކަމުގައި އިތުރަށް މަސައްކަތްކުރާނެ." ވިދޯދޯއާ ހަވާލާދީ ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުން އިތުރު އިސްލާމީ ގައުމުތަކަކުން އިސްރާއީލާ ގުޅުން ގާއިމުކުރާނެ ކަމަށް ބުނި ނަމަވެސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ އިސްލާމީ ދެ ގައުމު، އިންޑޮނޭޝިޔާ އަދި ޕާކިސްތާނުން މި ވަނީ އެކަން ދޮގުކޮށްފައެވެ.

އިސްރާއީލާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ބަހްރޭނުން ގުޅުން ގާއިމުކުރުމުން ބޯލާ އިސްކޮށް ހުންނަވައިގެން ތިން ގައުމު އެކުލެވޭ 3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ވަނީ އުފައްދާފައެވެ. މި ފަންޑު އެންމެ ފުރަތަމަ ހިންގާ އެއް މަޝްރޫއަކީ އިސްރާއީލުގައި އަޅާ ތެޔޮ ހޮޅިއެއްގެ މަޝްރޫއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.