އަހަރުމެންނަށް އިސްރާއީލާއެކު ގުޅުން ގާއިމުނުކުރެވޭނެ: ޕާކިސްތާނު ޔޫއޭއީއަށް

ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ

ފަލަސްޠީނުގެ މައްސަލައަށް އެކަށީގެންވާ، ދާއިމީ ހައްލެއް ލިބުނު ދުވަހަކުން މެނުވީ ޕާކިސްތާނަށް އިސްރާއީލާއެކު ގުޅުން ގާއިމުނުކުރެވޭނެކަމަށް ޕާކިސްތާނުން ޔޫއޭއީއަށް އަންގައިފިއެވެ.

މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ އިރުމަތީ ރަށެއް ކަމުގައިވާ މުލްތާނުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީއެވެ.

"އަހަރެން ވާނީ ޔުނައިޓެޑް އަރަބް އެމިރޭަޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރުގެ އަރިހުގައި އިސްލާއީލާމެދު ޕާކިސްތާނު ދެކޭ ގޮތް ވަރަށް ސާފު ބަހުން ދަންނަަވާފަ. ފަަލަސްޠީނުގެ މައްސަލައަށް އެކަށީގެންވާ ދާއިމީ ހައްލެއް ލިބެންދެން އަހަރުމެން ދުވަހަކުވެސް އިސްރާއީލާ ގުޅުން ގާއިމުނުކުރެވޭނެ ވާހަކަވެސް ވާނީ ދަންނަވާފަ."ޤުރައިޝީ ވިދާޅުވިއެވެ.

ޤުރައިޝީގެ މި ވާހަަކަފުޅުތައް އައިސްފައި މިވަނީ އޭނާ ޔޫއޭއީއަށް ދަތުރުފުޅެއްވިތާ އެއް ދުވަސް ފަހުންނެވެ. އަދި ޕާކިސްތާނުން އިސްރާއީލަށް ސިއްރު މަންދޫބެއް ފޮނުވިކަމުގެ ވާހަކަތަކަތަކެއް އިސްރާއީލުގެ ބައެއް މީޑިޔާތަކުން ފަތުރާފައި ވަނިކޮށެވެ.

ޕާކިސްތާނުން ވަނީ މިޚަބަރުތައް ދޮގުކޮށްފައެވެ.

އިސްރާއީލާ ގުޅުން ގާއިމުކުރުމަށް ޔޫއޭއީއާއި ގަލްފުގެ ބައެއް ގައުމުތަކުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުން ދާކަމަށް ދެކެވޭ ވާހަކަަތަކަށް ރައްދުދެއްވަމުން ޤުރައިޝީ ވިދާޅުވީ ފަލަސްޠީނާއި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނު ރައްޔިތުންގެ ފުން ޖަޒުބާތުތައް ޔޫއޭއީގެ ޚާރިޖީ ވަޒީރަށް ދެންނެވިކަމަށާ، އޭނާއަށް ޕާކިސްތާނުގެ ޝުއޫރު ވިސްނިވަޑައިގަންނަވާ ކަަމަށެވެ.

އެހެންނަމަވެސް، ޔޫއޭއީން ފިއްތުންތައް ކުރިމަތި ކުރަމުންދާ ވާހަކައަށް ސީދާ ޖަވާބެއް ނުދެއްވިއެެވެ.

"ޕާކިސްތާނުގެ މަސްލަަަހަތު ވިސްނުމުގައި ބަަހައްޓައިގެން އަހަރުމެން ކަންކަން ނިންމަން ޖެހެނީ. އެއްވެސް ފިއްތުމަކަށް ބަލައިގެންނެއް ނޫން. އަހަރުމެން ކަނޑައަޅާފައިވާ ސިޔާސަތުތަކެއްވޭ. އަހަރުމެން މިތިބީ އޭގައި ހިފަހައްޓައިގެން." ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެެވެ.

އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ބާރުއަޅައި އެމެރިކާއިންނާއި، ގަލްފުގެ ބައެއް ގައުމުތަކުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުންދާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައި ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.