ދުނިޔޭގައި ކޮވިޑް-19 ބަލިމަޑުކަން ފަތުރަމުންދާ ނޮވެލް ކޮރޯނާ ވައިރަސް ބަދަލުވެފައިވާ ވައްތަރެއް ފެނުމާ ގުޅިގެން އެ ވައިރަސް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ގައުމުތަކުން ފިޔަވަޅު އަަޅަން ފަށައިފިވެ.
ވައިރަސްގެ ބަދަލުވެފައިވާ ވައްތަރު ފެނި ފެތުރެމުންދާ އިނގިރޭސިވިލާތައް ވައިގެ މަގުން ކުރާ ދަތުރުތައް ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވަނީ މެދުކަނޑާލާފައެވެ. އިނގިރޭސިވިލާތަށް އުދުހުން ފުރަތަމަ މެދުކަނޑާލީ ނެދަލޭންޑްސްއިންނެވެ. އެ ގައުމަށްފަހު ބެލްޖިއަމާއި، އޮސްޓްރިޔާއާއި، ޖަރުމަނާއި، އަޔަލޭންޑާއި، ފްރާންސާއި، އިޓަލީންެވެސް ވަނީ އިނގިރޭސިވިލާތަށް އުދުހުން މެދުކަނޑާލާފައެވެ.
އިޓަލީން މިފިޔަަވަޅު އެޅިއިރު، ވައިރަސްގެ ބަަދަލުވެފައިވާ ވައެްތަރު ޖެހިފައިވާ މީހަކު އިޓަލީން ވަނީ ފެނިފައެވެ.
ބީބީސީއާ ވާހަކަފުޅުދައްކަވަމުން އިނގިރޭސިވިިލާތުގެ ހެލްތު ސެކްރެޓަރީ (ހެލްތު މިނިސްޓަރު) މެޓް ހެންކޮކް ވިދާޅުވި ގޮތުގައި ވައިރަސްގެ އަވާއްތަރު ދަނީ ކޮންޓުރޯލެއް ނެތި ފެތުރެމުންނެވެ. އިނގިރޭސިވިލާތުގެ ދެކުނުގައި ފެތުރެމުންެދާ މިވަައްތަރު، ބަދަލުނުވާ ވައިރަހަށްވުރެ %70 އަވަަހަށް ފެތުރެމުންދާ ކަމުގައި ސިއްހީ ތަޖުރިބާކާރުން ވިދާޅުވިއެވެ.
ވައިރަސްގެ ބަދަލުވެފައިވާ ވައްތަރެއް ފެންނާތީ ކުވޭތުން ވަނީ އިނގިރޭސިވިލާތާ އެގައުމާ ދެމެދު ވައިގެ ދަތުރުފަތުރުކުރުން މެދުކަނޑާފައެވެ. ތުރުކީން ވަނީ އިނގިރޭސިވިލާތް، ޑެންމާކް، ބެލްޖިއަމް އަދި ދެކުނު އެފްރިކާއިން އެ ގައުމަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
މިކަމާ ގުޅިގެން އެންމެ ވަރުގަދަ ފިޔަވަޅު އެޅި އެެއް ގައުމަކީ ސައޫދީ އަރަބިއްޔާއެެވެ. އެ ގައުމުން ވަނީ އެއް ހަފުތާގެ މުއްދަތަށް އެ ގައުމުގެ ބޯޑަރ އެއްކޮށް ބަންދުކޮށްފައެވެ. ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް މެދުކަނޑާލާފައިވާއިރު، އެއްެގަމާއި ކަނޑުގެ މަގުންވެސް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.
އިންޑިޔާގެ ހެލްތު މިނިސްޓްރީން ވަނީ ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރެއް ފެތުރެމުންދާތީ، އަޅަންވީ ފިޔަވަޅުތަކާމެދު ވާހަކަ ދެއްކުމަށް ޖޮއިންޓް މޮނިޓަރިންގ ގްރޫޕް (ޖޭއެމްޖީ) ގެ ކުއްލި ބައްދަލުވުމުއް މިއަދު ބާއްވަން ނިންމާފައެވެ. މި ބައްދަލުވުމުގައި އެގައުމުގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބުވެސް ބައިވެެރިވެވަޑައިގަންނަވާނެއެވެ.