އެސްޓީއޯ ކުރިއަރަން ބޭނުންވަނީ ރައްޔިތުންނާ އެކު: އެމްޑީ ޢަމްރު

އެސްޓީއޯ ކުރިއަރަން ބޭނުން ވަނީ ރައްޔިތުންނާއެކުގައި ކަމަށް ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) ގެ ސީއީއޯ އަދި އަދި މެނޭޖިން ޑައިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

އެމްޑީ އަމްރު މިމޭރުމުން ވާހަކަ ދެއްކެވީ އެސްޓީއޯ ޕާކާއި ބަސް ސްޓޮޕް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައެވެ. އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ އެކުންފުނި އުފެދިގެން އައީ ޒަރޫރީ ޚިދުމަތް ފޯރުކޮށް ދެއްވުމަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފެށްޓެވީ ކާޑާއި ތެލުގެ ވިޔަފާރިކަން ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން މެޑިކަލް ޑިޕާޓްމަންޓެއް އުފައްދައި ބޭހުގެ ޚިދުމަތްތައް ރާއްޖެއަށް ފޯރުކޮށްދެއްވަން ފެށްޓެވިކަން ފާހަގަކުރެއްވިއެވެ. މާލޭގައި އޭރު ހުންނަނީ ވަރަށް މަދު ކަންމަތީ  ފިހާރަތަކެއް ކަމުން ބޮޑު ސްޓޯރެއް ހުންނަން ޖެހޭކަމަށް އޭރުގެ ސަރުކާރަށް ފާހަގަކުރެވި ޓްރޭޑް ސެންޓަރު އަޅައި ސުޕަރމާކެޓެއް އެސްޓީއޯއިން އޭރު ފެށްޓެވިކަމަށް ވިދާޅުވިއެވެ.  

 އެސްޓީއޯ އަކީ އެއިރެއްގައި ރައްޔިތުންނަށް ބޭނުންވާ ކަމެއް ފާހަގަކުރެވޭ ހިސާބުން އެކަމެއް ކުރުމަށްޓަކައި އޮންނަ ކުންފުންޏެއްކަމަށް އެމްޑީ ފާހަގަކުރެއްވިއެެވެ. އަދި އެކަން ކުރަމުން ދާއިރު، އާއްމު ރައްޔިތުން ވިޔަފާރި ފުޅާކޮށް އެކަމެއް މާރަނގަޅަށް ކުރަން ފެށުމުން، އެސްޓީއޯ އިން އެކަމެއް ހުއްޓާލަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.  ރައްޔިތުން ބޭނުންވާ އަދި ބޭނުންވާނެހެން ހީވާ  ރައްޔިތުންނަށް ފަސޭހަވާނެ ކަންކަން އެސްޓީއޯއިން ފަށައިގަންނަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.  އެގޮތުން  އެސްޓީއޯގެ މިސްރާބު މިހާރު ހުރީ ބަދަލުވެފައިކަން ފާހަގަ ކުރެއްވިއެވެ. އެކުންފުނިން ދެން ރައްޔިތުންނާ ހިސާބަށް ގެނެސް ދެމުންދާނީ  މުޅިން އާހިދުމަަތްތަކެކަމަށް ފާހަގަކުރެއްވިއެވެ. އަދި ހިދުމަތަކީ މުޅި ރާއްޖެއަށް ބޭނުންވާނެ ޚިދުމަތްތަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެސްޓީއޯ ފުޅާ ވެގެން ރާއްޖޭން ބޭރުގައި އޮޕަރޭޓްކުރުން ހަޤީޤަތަކަށް ވާނެ ބޭނުންފުޅުވާކަން ވެސް ފާހަގަކުރެއްވިއެވެ. 

"ވިޔަފާރިކޮށްގެން ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައެއް ނޫން އަޅުގަނޑުމެން މިކަން ކުރަނީ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅަށް ފުރިހަމައަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމާއި މުޅި ރާއްޖޭގެ އިޤްތިޞާދު  ފުޅާކޮށް ކުރިއެރުވަން. އެކަންކުރެވުނީމާ އެސްޓީއޯއަށް ވެސް އެކަމުން މަންފާ ލިބިގެން އެބަދޭ. އެސްޓީއޯއަކީ ރައްޔިތުންނާ އެކީގައި ކުރިއަރަން ބޭނުންވާ ކުންފުންޏެެއް."  އަމްރު ވިދާޅުވިއެވެ.

މިއަދަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 56 އަހަރު ފުރި 57 އަހަރަށް ފެށުނު ދުވަހެވެ. 

ރާއްޖޭގެ އެންމެ ދުވަސް ވީ ސަރުކާރު ކުންފުންޏަކީ އެސްޓީއޯ  އެވެ. އެ ކުންފުނި  އުފެދުނީ 1964ގައެވެ. ކުންފުނި އުފެދިގެންއައީ ވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައެވެ. ނަމަވެސް މަޑުމަޑުން އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް ދިވެހިންނަށް އެންމެ ބޭނުންވާ ތަކެތީ ވިޔަފާރީގައިި ކުރިއަށް ދިޔައެވެ. މިއަދު ވަނީ އެކުންފުނީގެ ދަށުން އެތައް ކުންފުނިތަކެއް އުފައްދައި ވިޔަފާރި ފުޅާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.