ބާރުގަދަ ޠޫފާން 'ޔާސާ' އަރައި ފިޖީގެ ގިނަ އަވަށްތަކެއް ސުންނާފަތިވެއްޖެ

ޠޫފާން ޔާސާ އަރައި ވަނުއާ ލެވޫ ޖަޒީރާގެ ގިނަ އަވަށްތަކެއް ވަނީ ސުންނާފަތިވެފައި

ގަޑިއަކު 230 ކިލޯމީޓަރުގެ ވަޔާއެކު އިއްޔެ ބުރާސްފަތި ދުވަހު ފިޖީއަށް އެރި ޠޫފާނުގެ ސަބަބުން އެ ގައުމަށް ލިބިފައިވާ ގެއްލުންތައް ބޮޑުކަމަށް އެގައުމުން ބުނެފިއެވެ. ބުނެވޭ ގޮތުގައި 'ޔާސާ' އަކީ ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ދުނިޔޭގެ ދެކުނު ބިތަށް އެރި އެންމެ ބާރުގަދަ ޠޫފާނެވެ.

ޠޫފާން 1 ލައްކަ 36 ހާސް މީހުންގެ އާބާދީއެއް އޮންނަ ވަނުއާ ލެވޫ އަށް އަރާފައިވާއިރު، އެ ޖަޒީރާގެ ގިނަ އަވަށްތަކެއް ވަނީ ސުންނާފަތި ވެފައެވެ. ލިބފައިވާ ގެއްލުންތައް މަތިންދާބޯޓުން ބެލުމަށް ފަހު ސަރުކާރުން ބުނެފައި ގޮތުގައި އެ ޖަޒީރާގެ ބައެއް އަވަށްތައް ވަނީ މުޅިން ބިމާ ހަމަވެފައެވެ. އަދި ލިބިފައިވާ ގެއްލުންތައް އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ނޭޝަނަލް ޑީޒާސްޓާ މެނޭޖްމަންޓް އޮފީހުގެ ޑިރެކްޓަރ ވަސީޓީ ސޮކީ ވިދާޅުވި ގޮތުގައި ލިބިފައިވާ ގެއްލުން ފުރިހަމައަށް ދެނެގަންނަން އެތައް ދުވަހެއް ނަގާނެއެވެ. "އަހަރުމެން އަންދާޒާ މިކުރަނީ އެތައް ސަތޭކަ މިލިއަން ޑޮލަކަށް އެރުން ގާތްކަމަށް." އޭނާ ވިދާޅުވިއެވެ.

އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި ޠޫފާން އެރުމާ ގުޅިގެން އެގައުމުގައި 30 ދުވަހަށް ގުދުރަތީ ކާރިސާއެއްގެ ކުއްލި ހާލަތު ވަނީ އިއުލާންކޮށްފައެވެ.

ޠޫފާން އެރި ވަނުއާ ލެވޫއަކީ ފިޖީގެ ދެވަނައަށް އެންމެ ބޮޑު ޖަޒީރާއެވެ. އެ ޖަޒީރާގައި ދިރިއުޅޭ މީހުންގެ ތެރެއިން 24 ހާސް މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގިނަ ބަޔަކަށް ގެތަކަށް އަނބުރާ އާދެވޭ ގޮތް ވަނީ ނުވެފައެވެ.

"ގެތައް ވަނީ ފުނޑުފުނޑުވެ އެތިކޮޅުތަކަކަށް ވެފައި. ސަލާމަތުން އެއްވެސް އެއްޗެއް ނެތް. މީހުންވަނީ ބޯހިޔާވައްސާއި، ކާބޯތަކެއްޗަށް ޖެހިފައި. މިކަމުން ލިބޭނެ ނަފްސާނީ ގެއްލުންވެސް ބޮޑުވާނެކަން ޔަގީން." މަންޒަރު ސިފަކޮށްދެއްވަމުން ސޭވް ދަ ޗިލްޑްރެންގެ ފިޖީގެ ޗީފް އެގްޒެކަޓިވް ޝާއިރާނާ ޢަލީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.