ތުރުކީގެ ހޮސްޕިޓަލެއްގައި ރޯވެ 9 މީހުން މަރުވެއްޖެ

ސަންކޯ ޔުނިވަސިޓީ ހޮސްޕިޓަލް

އިރުދެކުނު ތުރުކީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހުންގެ 9 މީހަކު މަރުވެއްޖެއެވެ.

ގާޒިއާންޓެޕްގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމުގައިވާ ސަންކޯ ޔުނިވަސިޓީ ހޮސްޕިޓަލުގައި ހިނގި މިހާދިސާގައި އަލިފާން ރޯވީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫގައި ހުރި އޮކްސިޖަން މެޝިނެއްގައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެއީ ބަލިމީހުންނަށް އޮކްސިޖަން ދިނުމަށް ބޭނުންކުރާ ހައި ފްލޯ އޮކްސިޖަން މެޝިނެކެވެ.

މަރުވި އެންމެންނަކިވެސް އުމުރުން 65 އަހަރާ 85 އަހަރާ ދެމެދުގެ ކޮވިޑް-19 ގެ ބަލި މީހުންނެވެ. 7 މީހަކު ވަގުތުން މަރުވި އިރު އަނެއް ދެ މީހުންމަރުވެފައި ވަނީ އެހެން ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައެވެ. ގާޒިއާންޓެޕްގެ ގަވަރުނަރުގެ އޮފީހުން ބުނިގޮތުގައި މި އަލިފާނުގައި މަރުވި މީހުން ފިޔަވައި އެހެން ބަޔަކު ޒަޚަމްވެފައި ވެސް ނުވެއެވެ.

މިހާދިސާގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، ހޮސްޕިޓަލުގެ އައިސީޔުގައި ތިބި 14 ބަލިމީހަކު މިހާރު ވަނީ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރެވިފައެވެ.

"ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ހާދިސާ ހިނގި ތަނުގައި އަޅަންޖެހޭ ފިވަޔަޅުތައް އަޅާފައި. އަދި ތަހުގީގު ކުރިއަށް އެބަދޭ. މިހާދިސާގައި މަރުވި ރައްޔިތުންނަތް ﷲ ރަޙްމަތް ލެއްވުން އެދެން. އަދި އެމީހުންގެ ހިތާމަކުރަމުންދާ އާއިލާތަކަށް ތައުޒިޔާ ފޮނުވަން." ގާޒިޔާންޓެޕްގެ ގަވަރުނަރުގެ އޮފީހުން ބުނެފައި ވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާނީ ތުރުކީ ހޮސްޕިޓަލްތަކުގެ އައިސީޔޫގެ %74 ވަނީ ފުރިފައެވެ. އެހެންނަމަވެސް، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހޮސްޕިޓަލްތައް ވަނީ މުޅިން ފުރިފައެވެ.

ތުރުކީގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ހާމަކުރި އަދަދުތަކަށް ބަލާއިރު 24 ގަޑިއިރުގެ ތެރޭގައި 26 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ތުރުކީގައި އެބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 2 މިލިއަނާ  ގާތްކޮށްފައެވެ. އަދި 24 ގަޑިއިރު ތެރޭގައި 246 މީހުން މަރުވެފައިވާއިރު އެއީ ރެކޯޑު އަދަދެކެވެ. މި އަދަދާއެކު ތުރުކީގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 17 ހާސް 600 އަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.