އެމެރިކާގެ މޮޑާނާ ކުންފުންނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުންކުރުުމުގެ ހުއްދަ އެ ގައުމު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ. މިއީއެ އިދާރާއިން އެމަޖެންސީ ޔޫޒް އޯތަރައިޒޭޝަން (އީޔޫއޭ) ދޭ ދެވަނަ ވެކްސިނެވެ. މީގެ ކުރިން އެއިދާރާއިން ވަނީ ފައިޒާއާއި ބަޔޯންޓެކުން އުފެއްދި ވެކްސިނަށް ހުއްދަ ދީފައެވެ. މިއީ ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް އެމެރިކާއަށް ލިބުނު އިތުރު ހިތްހަމަޖެހުމަކަށް ވާނެއެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 3 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
މޮޑާނާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެފްޑީއޭއިން ދީފައި މިވަނި އެ ވެކްސިން ބޭނުންކުރަން ރަނގަޅު ކަމަށް އެފްޑީއޭގެ ތަޖުރިބާކާރުންގެ ޕެނަލުން ނިންމިތާ އެއް ދުވަސް ފަހުންނެވެ.
އެއް ހަފުތާ ކުރިން ހުއްދަ ލިބުނު ފައިޒާ ވެކްސިން މިހާރު ވަނީ އެމެރިިކާގެ އެތައް ހާސް ބަޔަކަށް ޖަހާފައެވެ.
"ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ދެ ވެކްސިނ ލިބޭގޮތް ހަދައިގެން އެފްޑީއޭ މިވަނީ މި އާލަމީ ވަބާއާއި ކުރާ ހަނގުރާމައިގައި މުހިއްމު ފިޔަވަޅެއް އަޅާފައި. އެ ވަބާވެފައި ވަނީ އެމެރިކާގައި ގިނަ އަދަދެއް މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ، އަދި ގިނަ ބަަޔަކު މަރުވާ ސަބަބަކަށް ވެފައި." އެފްޑީއޭ ކޮމިޝަނަރ ސްޓީވެން އެން. ހާން ވިދާޅުވިއެވެ.
ދުރު ހިސާބުތަކާއި ކުޑަ އަވަށްތަކަށް ފޮނުވަން ފަސޭހައީ މޮޑާނާ ވެކްސިންއެެވެ. އެއީ ފައިޒާ ވެކްސިންހާ ގަދަ ފިނީގައި މޮޑާނާގެ ވެކްސިން ބަަހައްޓަން ނުޖެހޭތީއެވެ.
އަނެއްކޮޅުން، ވެކްސިނާ ބެހޭ އެހެން ޚަބަރެއް ބުނާ ގޮތުން، 2021 ވަނަ އަހަރުގެ ފުރަތަަމަ ތިން މަސްދުވަހުގެ ތެރޭަގައި ފަގީރު ގައުމުތަކަށް ވެކްސިން ލިބެން ފަށާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އެ ޖަމްއިއްޔާއާއި، ގަވީ ވެކްސިން އެލާޔަންސާއި، ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއަޑްނެސް އިނޮވޭޝަނަސް ގުޅިގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީން މިހާރު ވަނީ ކޮވިޑް-19 އަށް ތައްޔާރުކުރާ ތަފާތު ވެކްސިންގެ 2 ބިލިއަން ޑޯޒް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެެވެ. ކޮވެކްސް ފެސިލިޓީގައި 190 ގައުމަކުން ބައިވެރިވެެއެވެ.
ކޮވެކްސް ފެސިލިޓީއަށް ވެކްސިން ދޫކުރަން އެއްބަސްވެފައި ވަނީ އާސްޓްރާޒެނެކާ، ޖޯންސަން އެންޑް ޖޯންސަން، ނޮވޯވެކްސް އަދި ސަނޯފީ-ޖީއެސްއޭއިންނެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކުންފުންޏެއްގެ ވެކްސިނަކަށް އަދި ބޭނުނުކުރުމުގެ ހުއްދަ ލިބިފައި ނުވެއެވެ.