ފައިޒާ ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ތިއްބެވި މުސްލިމް ދެ ސައިންސުވެރިންނަށް ފައިނޭޝަލް ޓައިމްސްގެ 2020 ވަނަ އަހަރުގެ ޝަޚްސިއްޔަތުގެ ޝަރަފު

ޑރ. އުޣޫރް ޝާހީންއާއި އޭނާގެ އަނބިކަނބަލުން ޑރ. އޮޒްލިމް ތުރޭޖީ

ދުނިޔޭގައި ކޮވިޑް-19 އަށް އުފެއްދި އެންމެ ކާމިޔާބު ވެކްސިން، ފައިޒާއާއި ބަޔޮންޓެކްގެ ވެކްސިން އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މުސްލިމް ދެ ސައިސުވެރިންނަށް 2020 ވަނަ އަހަރުގެ ފައިނޭޝަލް ޓައިމްސް 'ޕާސަން އޮފް ދަ ޔިއާ' ގެ ޝަރަފު ދީފިއެވެ.

މިޝަރަފު ލިބިވަޑައިގެންނެވި 55 އަހަރުގެ ޑރ. އުޣޫރް ޝާހީންއާއި އޭނާގެ އަނބިކަނބަލުން ޑރ. އޮޒްލިމް ތުރޭޖީއަކީ 2008 ވަނަ އަހަރު ޖަރުމަނުގައި ބަޔޯންޓެކް ކުންފުނި އުފެއްދެވި ދެބޭފުޅުންނެވެ. ތުރުކީއަށް އުފަންވެވަޑައިގަތް މި ދެބޭފުޅުންނަކީވެސް ޖަރުމަނުގެ ރައްޔިތުނެވެ. ކޮވިޑް-19 އަށް ކާމިޔާބުކަމާއެކު ވެކްސިން އުފެއްދައި ނެރުމުގައި އެމެރިގާ ފައިޒާއާއެކު ބައިވެރިވެފައިވަނީ ބަޔޯންޓެކް ކުންފުންޏެވެ. އަދި ޝާހީންއާއި އޭނާގެ އަނބިކަނބަލުން ވަނީ މި  ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.

"ވެކްސިން ސްޕެޝަލިސްޓުންގެ ޖީލަކަށް ވަރަށް ބޮޑު ޝުކުރެއް ހައްގުވާއިރު، 90%އަށް ވުރެ ކާމިޔާބީގެ ނިސްބަތް މަތި ތިން  ވެކްސިނެއް މިހާރު ވަނީ ތައްޔާރުވެފައި. މޮޑާނާއާއި  އޮސްފޯޑް-އާސްޓްރާ-ޒެނެކާގެ ވެކްސިން ހުއްދައިގެ އިންތިޒާރުގައި ވާއިރު، ޖަރުމަނުގެ ބަޔޯންޓެކްގެ ވެކްސިންވަނީ ފުރާނަ ސަލާމަތްކުރަން ފަށާފައި." ދުނިޔޭގެ އެންމެ މަޝްހޫރު ބައިނަލްއަގުވާމީ އެއް ނޫސް ފައިނޭންޝަލް ޓައިމްސް އެޑިޓަރު ރައުލާ ޚަލަފް ލިއުއްވާފައި ވެއެވެ.

"މި، ސަބަބަކަށްޓަކައި އެ ކުންފުނީގެ ފަހަތުގައި ތިބި ދެމަފިރިންގެ ޓީމަކީ ފައިނޭންޝަލް ޓައިމްސްގެ 2020 ވަނަ އަހަރުގެ 'ޕީޕަލް އޮފް ދަ ޔިއާ'. އެދެމީހުން ވަނީ ސައިނުސުގެ ހޯދުންތަކުން ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފާފައި. އެދެމީހުންނަކީ ވިސްނުންތޫނުކަމާއި، ކެތްތެރިކަމާއި، ވިޔަފާރީގައި ހިތްވަރުގަދަ ނިންމުން ނިންމުމުގައި އެހެންމީހުންނަށް މިސާލެއް." އޭނާ ލިއުއްވާފައި ވެއެވެ.

ތުރުކީގެ އިސްކަންދަރޫންއަށް އުފަންވެވަޑައިގަތް ޝާހީން އޭނާގެ އާއިލާއާއެކު ޖަރުމަނަށް ހިޖުރަކުރެއްވީ އޭނާގެ އުމުރުން 4 އަހަރުގައެވެ. އިމިއުނޯތެރަޕީގެ ރޮނގުން 1993 ވަނަ އަހަރު ޕީއެޗްޑީ ހާސިލުކުރެއްވީ ޔުނިވަސިޓީ އޮފް ކޮލޯންއިންނެވެ.

2002 ވަނަ އަހަރު ޑރ. ޝާހީން ކައިވެނިބައްލަވައިގަތް ޑރ. ތުރޭޖީއަކީ ވެސް ޖަރުމަނަށް ހިޖުރަކި ކުރި ތުރުކީގެ މުސްލިމް އާއިލާއެއްގެ ބޭފުޅެކެވެ. ސާލޭންޑް ޔުނުވަސިޓީން އެމް.ޑީ. ހާސިލުކުރައްވާފައިވާ ތުރޭޖީ އަކީ ބަޔޯންޓެކްގެ މެޑިކަލް ޗީފެވެ.

ޔޫރޯނިއުސްއިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާލަމީ ވަބާއަކަށް ނުވަނީސް ޑރ. ގެ ދެކަނބަލުން ވަނީ ވެކްސިން ދިރާސާކުރުމުގައި ދެ ބޭފުޅުންގެ 25 އަހަރުގެ ތަޖުރިބާ ބޭނުންކުރައްވައިގެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައެވެ. ދެބޭފުޅުން އެހާ އަވަހަށް ކާމިޔާބު ހޯއްދެވުމުގެ ސިއްރަކީ އެއީއެވެ.

މި ދެބޭފުޅުންނަށް މިއަހަރުގެ 'ޖާމަން ސަސްޓެއިނެބިލިޓީ އެވޯޑް' ވެސް ލިބިވަޑައިގެންފައި ވެއެވެ.

ޑރ. ޝާހީންގެ ދެކަނބަލުންނަކީ ޖަރުމަނުގެ އެންމެ މުއްސަނދި 100 ގެ ލިސްޓުގައި ހިމެނިވަޑަގަންނަވާ ދެބޭފުޅުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.