ސައޫދީ އަރަބިއްޔާގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފައިޒާ އާއި ބަޔޯންޓެކްގެ ކޮވިޑް-19 ވެކްސިން ޖަހަން ފަށާނެކަން އެ ގައުމުން ހާމަކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ވަކީލު ޢަބްދުﷲ ޢަސީރީ ވިދާޅުވި ގޮތުގައި 3 ދުވަހުގެ ތެރޭގައި ވެކްސިން ޖަހަން ފެށުމާއެކު ސައޫދީ އަރަބިއްޔާ ވެގެންދާނީ އިނގިރޭސިވިލާތާއި، އެމެރިކާއަށް ފަހު އާއްމުކޮށް ފައިޒާ ވެކްސިން ޖަހަން ފަށާ 3 ވަނަ ގައުމަށެވެ.
ހެލްތު މިނިސްޓަރު ތައުފީޤު އައްރަބީޢާ ވިދާޅުވި ގޮތުގައި ފައިޒާ ވެކްސިންގެ ދެ ޝިޕްމަންޓެއް ވަނީ އިއްޔެ އެ ގައުމަށް ލިބިފައެވެ. އެހެންނަމަވެސް، ލިބުނު ޑޯޒްގެ އަދަދެއް އޭނާ ހާމަކުރައްވާފައި ނުވެއެވެ.
ގައުމުގައި ދިރިއުޅޭ އެންމެންނަށް ހިލޭ ޖަހައިދޭ ގޮތަށް ހަމަޖެހިފައިވާ ވެކްސިން ޖެހުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރަން މީގެ ދެ ދުވަސް ކުރިން ހުޅުވާލުމުން 1 ލައްކާ 50 ހާހަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރީކޮށްފައެވެ.
ސައޫދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެސްއެފްޑީއޭ) އީ ފައިޒާއާއި ބަޔޯންޓެކްގެ ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓަރު ވިދާޅުވިގޮތުގައި އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެކެވެ. އޭނާ ވަނީ ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް އެގައުމުގެ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ބިދޭސީންނަށް ގޮވައިލައްވާފައެވެ.
"އެ (ވެކްސިން) އެންމެންނަށް ހިލޭ ލިބޭނެ. އެހެންނަމަވެސް، އަހަރުމެން އިސްކަން ދޭނީ ބޭނުންޖެހިފައިވާ މީހުންނަށް." އައްރަބީޢާ ވިދާޅުވިއެވެ.
"އިސްކަން ދޭނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް......، ދާއިމީ ބޮޑެތި ބައްޔަށް ބޭސްކުރާ މީހުންނަށް، ހޮސްޕިޓަލުތަކުގައި ތިބި ބަލިމީހުންނަށް އަދި ސިއްހީ ޚިދުމަތްތެރިންނަށް." މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާގައި މިހާތަނަށް 3 ލައްކަ 60 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު 6 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެންނަމަވެސް، އެ ގައުމުގައި ބަލިޖެހޭ މީހުން ބަލިން ފަސޭހަވުމުގެ ރޭޓު މަތިކަން ފާހަގަކޮށްލެެވެއެެވެ.