މިމަހު ވިހިން ފެށިގެން ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރާއްޖެއަށް އަންނަ މީހުން ކަރަންޓީނު ވާކަށް ނުޖެހޭނެ

ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރާއްޖެއަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށް އުސޫލު ބަދަލު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ރާއްޖެއަށް ދަތުކުރާ ދިވެހިންނާއި ވޯކް ވިސާގައި ދަތުކުރާ މީހުން ދަތުރުކުރަން ޖެހޭނީ 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާއާ އެކުގައި ކަމަށެވެ. އުމުރުން އެއް އަހަރުން ދަށުގެ ކުދިން މި އުސޫލުން އިސްތިސްނާ ވެއެވެ. ނަމަވެސް ޕީސީއާރު ޓެސްޓް ނެގެޓިވް މީހުން ރާއްޖެ އައިސް ގޭތެރޭގައި 10 ދުވަސް ވާންދެން މާސްކު އަޅައިގެން ތިބުން އެދެވިގެން ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއުސޫލަށް އަމަލުކުރަން ފަށާނީ މިމަހު 20 ވަނަ ދުވަހުން ފެށިގެންނެވެ. މިމުއްދަތުގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް ދަތުރުކުރާ މީހުން ޕީސީއާރު ހަދައި ނަތީޖާ ލިބެންދެން ގޭގައި ކަރަންޓީނުގައި ތިބެން ޖެހެއެވެ. ނަމަވެސް ޕީސީއާރު ނެގެޓިވް ނަތީޖާ ގެންނަ ފަރާތްތަކުން ގޭގައި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.  

ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރާއްޖެ އަންނަ މީހުންގެ ތެރެއިން ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންގެ އިތުރުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި އަދި ދައުލަތުގެ ފަރާތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން 10 ދުވަހަށް ކަރަންޓީން ވާނެޖެއެވެ. މި ފަދަ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނަށް ފަހު ހަދާ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންކަމަށް ވެސް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ކުރު މުއްދަތަށް  މާލެއިން އަތޮޅުތަކަށް ދާންޖެހޭ މީހުންގެ ޕީސީއާރު ޓެސްޓު ހެދުން ހުއްޓާލުމަށް ވެސް ވަނީ ނިންމައިފައެވެ. މިބަދަލާއެކު ކުރުމުއްދަތަށް އެކި ބޭނުންތަކަށް އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގައިޑްލައިނާ ޚިލާފަށް އަމަލުކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ދަތުރުކުރާ މީހުންވެސް ދަތުރު ފަށާއިރު 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހެއެވެ. މިގޮތަށް ދަތުރުކުރާ މީހުންގެ ކެއުމާއި ހުރުން ބަހައްޓަން ޖެހެނީ ރިސޯޓް މުވައްޒަފުންނާ ވަކިންނެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ރިސޯޓުތަކަށް ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީން ވާންޖެހެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.