ކޯވިޑްގައި މަރުވާ ލަންކާ ރައްޔިތުން ވަޅުލައިދިނުމަށް ހުށަހެޅީ ރާއްޖެއިން ކަން އެގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފި

ކޯވިޑްގައި މަރުވާ ލަންކާ ރައްޔިތުން ވަޅުލައިދިނުމަށް ހުށަހެޅީ ރާއްޖެއިން ކަން އެގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ލަންކާގެ އޮންލައިން ނޫހެއްކަމުގައިވާ "ޑެއިލީ މިރަރ" ގައި ވަނީ ލަންކާގައި ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައި ދިނުމަށް ރާއްޖެއިން އެދިފައިވާކަމަށެވެ. އަދި ރާއްޖެއިން އެ ޚިދުމަތް ދިނުމަށް އެދުމުން އެގައުމުގެ ފޮރިން މިނިސްޓްރީން އެކަން ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނާއި އެކުލަވާލުމަށް އެދި ލަންކާގެ ޕަބްލިކް ހެލްތު ސާރވިސްގައި އެދިފައިވާކަމަށް އެ އިދާރާގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވާ ކަމަށްވެސް ޑެއިލީ މިރަރގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ނޫހުގައިވާ ގޮތުގައި ކޯވިޑްގައި މަރުވާމީހުން ވަޅުލުމަށް ރާއްޖެއިން ވަކި ރަށެއް ހަމަޖައްސައިފައެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގައި ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައް ފުރިހަމަ ކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ، އެޚިދުމަތް ރާއްޖޭގައި ހަމަޖައްސައި ދިނުމުގެ އެހީތެރިކަމަށް ސްރީލަންކާގެ ރައީސް ގޯތެބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައިވާ ކަމަށެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމުކުރެވޭނެ ގޮތެއް އޮތްތޯ ބެއްލެވުމަށް ރައީސް ގެންދަވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުން ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ.

ސްރީ ލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައޫފް ޙަކީމް ލަންކާއި ހުންނަ ދިވެހި ހައިކޮމިޝަަނަރަށް ކުރެއްވި މެއިލެއްގައި ވިދާޅުވީ ރާއްޖޭގެ ހުށަހެޅުމަކީ ހަގީގަތެއް ކަމުގައިވާނަމަ، އެއީ ލަންކާއާމެދު ރާއްޖެއިން ބާއްވާ ގާތް ގުޅުން ދޭހަވާކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް ލަންކާގެ މުސްލިމުންނާ މެދު ރާއްޖެއިން ގެންގުޅޭ އޯގާތެރިކަމުގެ ވިސްނުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އެކަމަށްޓަކައި ރައީސަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.  

ނަމަވެސް ލަންކާގެ މުސްލިމުން އެދެނީ އެއްވެސް އަސާސެއް ނެތި، ކޯވިޑް-19 ގައި މަރުވާ އެންމެން އެންދުމަށް ލަންކާ ސަރުކާރުން ނިންމި ނިންމުން ރުޖޫޢަކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ސިޔާސަތަކީ ސައިންޓިފިކް އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށާއި، އަދި އެއީ ޑަބްލިއުއެޗްއޯ އާއި ޔުނެސްކޯގެ ގައިޑްލައިނާ ވެސް ޚިލާފުކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އޭނާ ހައިކޮމިޝަނަރަށް ކުރެއްވި މެއިލްގެ ކޮޕީއެއް ވަނީ ޓުވީޓްވެސް ކުރައްވައިފައެވެ.

ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައި ވަޅުލުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާ އިރު، މިކަމާމެދު ރާއްޖެއާއި އަދި ލަންކާގައިވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މިކަމުގައި ރާއްޖެއިން އެހީތެރިކަން ދޭންޖެހޭނެކަމަށް ބައެއް މީހުން ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަނީ މިކަމަކީ އަނެއްކާވެސް ނުރައްކަލަކަށް ރާއްޖެ ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.