ހެކަރުންގެ ބަޔަކު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ ސިސްޓަމްތައް ހެކްކޮށްފި

ބޭރު ގައުމެއްގެ ސަރުކާރެއް ފަހަތުގައި އޮވެގެން، ކުޅަދާނަ ހެކަރުންގެ ބަޔަކު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީއާއި ޑިޕާޓްމަންޓް އޮފް ކޮމާސްގެ ދަށުން ހިނގާ ނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް އެންޑް އިންފޯމޭޝަން އެޑްމިނިސްޓްރޭޝަން ހެކްކޮށްފައިވާކަން، އެކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ހާމަކޮށްފިއެވެ. އެ މަސްދަރުން ބުނި ގޮތުގައި މިކަމާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްވެސް ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބާއްވާފައި ވެއެވެ.

"އެކަމުގެ ޚަބަރުތައް އެމެރިކާގެ ސަރުކާރަށް އެނގޭ. މި ހާލަތާ ގުޅިގެން ދިމާވެދާނެ މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ފަރުވާ ހޯދުމުގެ މަސައްކަތް އަހަރުމެން މިދަނީ ކުރަމުން." ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން އުލްޔޮޓް ވިދާޅުވިއެވެ.

ޓްރެޜަރީ ޑިޕާޓްމަންޓް ހެކްކުރުމުގެ މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގައި އިންޓަނެޓްގެ ސަލާމަތްތެރިކަން ކަށަވަރުކުރާ (ސައިބަރ ސެކިއުރިޓީ) އެންމެ ބޮޑު އެއް ކުންފުނި، ފަޔާއިއިގެ ސިސްޓަމްތައް "ވަރަށް ހުނަރުވެރި ބޭރު ގައުމަކުން" ފާއިތުވި ހަފުތާގައި ހެކްކޮށްފައި ވަނިކޮށެވެ.

ރޮއިޓާސްއިން ބުނި ގޮތުގައި ހެކްކުރި ދެ ތަނުގެ އީމޭލްތައް ވަނީ ވަގަށް ނަގާފައެވެ. ސިސްޓަމްތަކުގައި ހުރި މައިކްރޯސޮފްޓްގެ އޮފީސް 365 އަށާއި މުވައްޒަފުންގެ އީމޭލްތަކަށް ހެކަރުން ވަދެފައވާކަންވެސް ބައެއް ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

މި މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ހުރި ތިން ފަރާތަކުން ޚަބަރުދޭ ގޮތުގައި މިހާރު ގަބޫލުކުރެވޭ ގޮތުގައި އެކަމުގެ ފަހަތުގައ ވަނީ ރަޝިޔާއެވެ.  

ކޮމާސް ޑިޕާޓްމަންޓުންވެސް ވަނީ އެ ޑިޕާޓްމަންޓުގެ ދަށުން ހިނގާ އިދާރާއެއް ހެކްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

"ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީއާއި އެފްބީއައިގެ ކިބައިން އަހަރުމެންވާނީ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފައި. މިވަގުތު އަހަރުމެންނަށް އިތުރު މައުލޫމާތު ދެވެންނެތް." ކޮމާސް ޑިޕާޓްމަންޓުން ބުންޏެވެ.

މިކަން ވާނީ ޖަނަވަރީ މަހެ ވިރިކަމާ ހަވާލުވާ ޖޯ ބައިޑަންގެ ސަރުކާރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ. އޮފިޝަލުން މިހާރު ދަނީ މިހެކްކުރުމުގައި ވަގަށް ނަގާފައިވަނީ ކޮން މައުލޫމާތެއް ތޯއާއި، އެ މައުލޫމާތު ކޮން ކަމަކަށް ބޭނުންކުރެވިދާނެތޯ ބެލުމުގެ މަސައްކަތްކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.